އެޕާޓްމެންޓް ކުއްޔަށްދޭ ކަމަށްބުނެ އޮޅުވާލައިގެން 200،000 ރުފިޔާ ހޯދި މީހަކު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލައި 23،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެ މައްސަލައިގައި ޖަލަށް ލައިފައިވަނީ ކ. މާލެ، ހ. އަކާސިއާ، ހުސައިން ނަސީރެވެ.

ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާގައި ބަޔާންކޮށްފައިވަނީ ހުސައިން ނަސީރު ވަނީ، ހއ. ތުރާކުނު، ހިކިފިނިފެންމާގެ އިބްރާހިމް ރަޝީދަށް ހ. އަކާސިއާގޭގެ ތިންވަނަ ފްލޯ ހަތަރު އަހަރާއި ދެމަހަށް ކުއްޔަށްދިނުމަށްޓަކައި 2017 އެޕްރީލް 27 ގައި އެއްބަސްވުމެއް ހަދައިފައި ކަމަށެވެ. އެ އެއްބަސްވުމާ އެއްގޮތަށް އިބްރާހިމް ރަޝީދު ވަނީ ކުއްޔަށް 200،000 ރުފިޔާ، ނަސީރުއާ ހަވާލުކޮށްފައި ކަމަށެވެ. ނަމަވެސް ކުއްޔަށް ދޫކުރި އެޕާޓްމެންޓް ނަސީރު ހަވާލުކޮށްފައިވާނުވާ ކަމަށް ދައުވާގައި ބަޔާންކޮށްފައިވެއެވެ. އެހެންވެ އިބްރާހިމް ރަޝީދުގެ އަތުން މަކަރާއި ހީލަތުން 200،000 ރުފިޔާ ނިގުޅައިގެންފައިވާތީ "ދިވެހިރާއްޖޭގެ ގާނޫނުލްއަގޫބާތު"ގެ ދަށުން މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ ނަސީރުގެ މައްޗަށްކުރާ ކަމަށް ދައުވާގައިވެއެވެ.

އެ މައްސަލައިގެ ދައުވާ އިއްވައި ނިމުމުން ދައުވާއަށް ޖަވާބުދާރީވާ މަރުހަލާގައި ނަސީރުގެ ފަރާތުން ދިފާއީ ވަކީލެއް ބޭނުންވާކަން ފާހަގަކުރުމުން ޝަރީއަތުން ވަނީ އެކަމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ. އެފަހުން ބޭއްވި އަޑުއެހުމުގައި ނަސީރު ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންވެ ދައުލަތުން ވަނީ ނަސީރުއާ ދެކޮޅަށް ކުރާ ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅައިފައެވެ.

އެ މައްސަލައާ ގުޅިގެން އިފްތިތާހީ ބަޔާން ހުށަހަޅަން ދިން ފުރުސަތުގައި ނަސީރު ބުނެފައިވަނީ އޭނާގެ މައްޗަށް ދައުވާކުރާ މައްސަލައަކީ އޭނާ ކުރަމުންދިޔަ ވިޔަފާރިއަކާ ގުޅިގެން ހަދައިފައިވާ އެއްބަސްވުންތަކެއް ކަމަށާއި އިންވެސްޓްކުރި ގޮތާ އެއްގޮތަށް ކަންތައް ނުދިއުމުގެ ސަބަބުން ދިމާވި ކަންތައްތަކެއް ކަމަށާއި މިއީ މަދަނީ އެއްބަސްވުމެއް ކަމަށްވުމުން ދައުވާއަށް އިންކާރުކުރާ ކަމަށެވެ.

ނަސީރުގެ މައްޗަށް ދައުވާކުރާ މައްސަލައިގެ އަޑުއެހުން ދަނިކޮށް އޭނާ ވަނީ ދައުލަތާއެކު 2024 ސެޕްޓެމްބަރު 03 ގައި އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އެ އެއްބަސްވުން ޝަރީއަތަށް ހުށަހަޅައިފައެވެ. އެ އިއުތިރާފުގެ އެއްބަސްވުން ބަލައިގަތުމަށް ޝަރީއަތުން ވަނީ ނިންމައިފައެވެ.

އެހެންވެ ޝަރީއަތުން ވަނީ ނަސީރުގެ މައްޗަށް ކުރާ ދައުވާއަށް އޭނާ އިއުތިރާފުވެފައިވާތީ ކުށް ސާބިތުވާ ކަމަށް ބުނެފައެވެ. ނަސީރުގެ މައްޗަށްކުރާ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަށް ޖަލަށްލުމެވެ. ނަމަވެސް އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައިވާތީ އެ އެއްބަސްވުމުގެ ދަށުން ކުށަށް ކަނޑައަޅައިފައިވާ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމަކާއި 28،800 ރުފިޔާގެ ޖޫރިމަނާގެ އަދަބެކެވެ.

މައްސަލައާ ގުޅިގެން ނަސީރު ވަނީ 25 ދުވަސް ބަންދުގައި ހޭދަކޮށްފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ބަންދުގައި ހޭދަކުރާ މުއްދަތު، ތަންފީޒުކުރަންޖެހޭ ޖަލު ހުކުމުން އުނިކުރަންޖެހެއެވެ. އެހެންވެ އިއުތިރާފުގެ އެއްބަސްވުމަށް ރިއާޔަތްކޮށް ޝަރީއަތުން ނިންމީ ނަސީރު ތަންފީޒުކުރަން ޖެހޭނެ ޖަލު ހުކުމުގެ މުއްދަތަކީ ތިން މަހާއި 29 ދުވަސް ކަމަށެވެ. އަދި ޖޫރިމަނާގެ ފައިސާ ކަމަށްވާ 28،800 ރުފިޔާ، 23،800 ރުފިޔާއަށް ކުޑަކުރުމަށެވެ.

އެ ކަންކަމަށް ރިއާޔަތްކޮށް އެ މައްސަލައާ ގުޅިގެން ކުރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ ނަސީރުގެ މައްޗަށް ދައުލަތުން ކުރި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ ސާބިތުވާތީ ނަސީރު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށާއި ނަމަވެސް ތަންފީޒުކުރަން ޖެހޭނެ ޖަލު އަދަބަކީ ތިން މަހާއި 29 ދުވަސް ކަމަށެވެ. އަދި ހުކުމުގައި ބުނީ ނަސީރު 23،800 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ ފަސް މަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ހުކުމްކުރާ ކަމަށެވެ.

މި މައްސަލަ ބެއްލެވީ ގާޒީ ސަފްއަތު ހަބީބެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުން ވަނީ މަކަރާއި ހީލަތް ހެދުމުގެ އިތުރު ދައުވާއެއް ވެސް ނަސީރުގެ މައްޗަށް ކޮށްފައެވެ. ނަސީރު ވަނީ އެ މައްސަލައަށް ވެސް އިއުތިރާފުވެފައެވެ. އެ އިއުތިރާފުގެ އެއްބަސްވުމުގައި ވަނީ ޖަލު ހުކުމުގެ ބަދަލުގައި 28،800 ރުފިޔާގެ ޖޫރިމަނާގެ އަދަބެއް ދިނުމަށެވެ. އެހެންވެ މައްސަލަ ބައްލެވި ގާޒީ ވަނީ ނަސީރު 28،800 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ ފަސް މަސް ދުވަހުގެ ތެރެއިގައި މީރާއަށް ދެއްކުމަށް ނަސީރުގެ މައްޗަށް ހުކުމްކޮށްފައެވެ.