ވިލިމާލޭގައި ހަދާ 100 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި އެ ހޮސްޕިޓަލު ތަރައްގީކުރުމަށް ޗައިނާގެ ޓީމެއް ރާއްޖެ އައިސް، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީއާއެކު ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށާއި އެކަމުގެ ސާވޭކޮށް، ފީސިބިލިޓީ ސްޓަޑީއަށް ބޭނުންވާ ހުރިހާ މައުލޫމާތުތަކެއް އެއްކުރުމަށްފަހު ފީސިބިލިޓީ ސްޓަޑީ ނޯޓްގައި މިހާރު ސޮއިކުރެވިފައިވާ ކަމަށެވެ.
"ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރާ ކަމެއް ކަމުގައިވާތީ، ޑިޒައިންގެ މަސައްކަތް ފެށުމަށްޓަކައި ޗައިނާ އެމްބަސީ މެދުވެރިކޮށް މި މަސައްކަތްތައް ފެށިގެންދާނީ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް އަހަރުގައި އަޅުގަނޑުމެން ވިލިމާލޭގެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިގެންދާނެ،" އޭނާ ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ ތިލަމާލެ ބުރިޖުގެ މަސައްކަތް ނިމޭ އިރު، ވިލިމާލޭ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ވެސް ނިންމާލެވޭނެ ކަމަށާއި އެ ހޮސްޕިޓަލުގެ ބޭނުން ވިލިމާލޭގެ ރައްޔިތުންނާއި ބުރިޖުން ގުޅިފައިވާ ގުޅިފަޅުގައި ދިރިއުޅޭ ރައްޔިތުންނަށް ހިފޭނެ ކަމަށެވެ.
"ހަމަ މި ދެންނެވިހެން އަޅުގަނޑުމެން ވިލިމާލެ ހޮސްޕިޓަލުގައި ވަރަށް ހާއްސަ އިސްކަމެއް އެބަދެން ޖެރިއާޓިކްސް ސާވިސް ފުޅާ ދާއިރާއެއްގައި ދޭން، ދުވަސްވީ މީހުންނަށް ހާއްސަ ހިދުމަތްތަކެއް ފޯރުކޮށްދެވޭ ގޮތަށް ވިލިމާލެ ހޮސްޕިޓަލުގައި ވަސީލަތްތައް ގާއިމުކުރުން. މި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ޕްރޮޖެކްޓް ފެށުމުގެ ކުރިން ވެސް އަޅުގަނޑުމެން ވިލިމާލޭގައި މިހާރު މި ދޭ ހިދުމަތްތައް ކުރިއަށްގެންދާނަން. އަދި ކުރިއަށްއޮތް ތަނުގައި އިތުރު ހިދުމަތްތައް ވެސް ތައާރަފުކުރަމުންދާނަން،" އޭނާ ވިދާޅުވިއެވެ.
"ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި މީހަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިދިޔަ މާޗް މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ވިލިމާލެއިން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތެއް ކަމަށެވެ. މި ސަރުކާރުން ވިލިމާލޭގެ ސިއްހީ ހިދުމަތްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
"ވިލިމާލޭގައި އަޅުގަނޑު އިއުލާންކޮށްފަވާނެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅާނެ ވާހަކަ. އެހެންވީމާ އެ މަސައްކަތް މިހާރު އެބަހިނގާ. ޗައިނާގެ ހިލޭ އެހީގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފަ އޮތީ. މިހާރު ކުރިއަށްދަނީ ޗައިނާގެ ކަމާބެހޭ އިދާރާގެ ބޭފުޅުންނާ އަޅުގަނޑުމެންގެ ކޮންސްޓްރަކްޝަން މިނިސްޓްރީއާ ހެލްތު މިނިސްޓްރީއާ ގުޅިގެން ޓެކްނިކަލް މަސައްކަތްތައް، ޑިޒައިނިންނާއި ޓެކްނިކަލް މަސައްކަތް. އެކަމަށް ބިން ވެސް ކަނޑައަޅާފަ މިހާރު އެއޮތީ،" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައި ވަނީ ޑިޒައިނިން އަދި ޓެކްނިކަލް މަސައްކަތް ނިމުމުން، ހޮސްޕިޓަލް ހެދުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު