ދައުލަތުގެ އަދުލުގެ ނިޒާމުގެ ސިޔާސަތުގެ މަންފާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނީ ދައުލަތުގެ ހުރިހާ ބާރަކަށް އެއް ހަމައަކުން ވަސީލަތްތައް ލިބިގެން ކަމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވެއްޖެއެވެ.

ހައި ކޯޓުގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ސީއެޗްއެސްއީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސް ފަނޑިޔާރު ޝަހީދު ވިދާޅުވީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޝަރުއީ ނިޒާމު މިހާރު ބައްޓަން ކުރެވިފައި އޮތީ، ރައްޔިތުން އެދޭގޮތަށް ޒަމާނީ ބަދަލުތަކަށް ފަހިކޮށްތޯ އާއި، ގާނޫނުތައް ބައްޓަން ކުރެވިފައިވަނީ އެ މަގުންތޯ ކަށަވަރުކޮށް ގޮންޖެހުންތައް ނައްތާލުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުގެ އިސްވެރިން އެއްމޭޒެއްގެ ދޮށުގައި ތިއްބަވައި، މަޝްވަރާކޮށް މުހިންމު ނިންމެވުންތަކެއް ނިންމަވަން ޖެހޭ ކަމަށެވެ.

"ގާނޫނުގައިވާ ސިޔާސަތުތައް ވަށާ ޖެހޭ ބީދަޔަކުން ތަންފީޒުކުރެވޭނީ މުޅި ނިޒާމުގެ ކުދިބޮޑު އެންމެހައި ބައިވެރިން އެއް އަޒުމެއްގައި މަސައްކަތްކޮށްގެން. ދައުލަތުގެ އަދުލުގެ ނިޒާމުގެ ސިޔާސަތުގެ މަންފާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނީ އިންސާނީ އަދި އުމްރާނީ ވަސީލަތްތައް އެއް ހަމައަކުން ދައުލަތުގެ ހުރިހާ ބާރަކަށް ލިބިގެން،" އިސް ފަނޑިޔާރު ވިދާޅުވިއެވެ.

އިސް ފަނޑިޔާރު ޝަހީދު ވިދާޅުވީ ޒަމާނާ އެއްވަރަށް އަދާ ހަމަކުރެވިފައިވާ ރަައްކާތެރި ފުރިހަމަ ކޯޓު އިމާރާތަކާއި މަސައްކަތަށް ގާބިލު މުވައްޒަފުންނާއި ޝަރީއަތް ކުރެވޭނެ ޒަމާނީ ވަސީލަތްތައް ހޯދޭނެ މަގު ތަނަވަސްވެފައި އޮންނަންވާނެ ކަމަށާއި ކޯޓުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމުގެ އުންމީދީ ކުލަވަރެއް މިހާރު ފެންނަން ފަށައިފިކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. އަދި އެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ރައީސް އޮފީހުން ހައި ކޯޓުގެ އިމާރާތުގެ ހާލަތު ބެލުމަށް ޒިޔާރަތެއްކޮށް އުންމީދީ ޖަވާބެއް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

"މި ދެންނެވުނު މަޝްވަރާތަކުގެ ކުންނަށް ވާސިލުވެވޭއިރު ދޭދޭ ފަރުދުންގެ މެދުގައި އުފެދޭ ކުދިކުދި ހުޟޫމަތުތަކުން ފެށިގެން، ނުރައްކާތެރި މާރާމާރީ އާއި ޓެރަރިޒަމާއި މަރުގެ ކުށްތައް ފަދަ ބޮޑެތި މައްސަލަތައް ބައްލަވަމުން ގެންދަވާ ފަނޑިޔާރުންނަށް އެންމެ ކުޑަމިނުން މަގާމު މަސްއޫލިއްޔަތުގެ މުއްދަތުގައި ހަށިފާރަވެރިން ހަމަޖެހިފައި އޮތުން ވެސް މުހިންމު ކަމެއް ކަމުގައި ދެކެން،" އިސް ފަނޑިޔާރު ވިދާޅުވިއެވެ.

އިސް ފަނޑިޔާރު ޝަހީދު އިތުރަށް ވިދާޅުވީ ދައުލަތުގެ އެހެން މުއައްސަސާތަކުގެ މުވައްޒަފުންނަށް އެކަށައަޅާ ހައުސިން ސްކީމުތަކާއި މުސާރަ އާއި އިނާޔަތްތަކުގެ ކުރިއެރުން ހައި ކޯޓުގެ މުވައްޒަފުންނަށް ވެސް ލިބިގެންދިއުމަކީ އެދޭ އެދުމެއް ކަމަށެވެ. އަދި ގާނޫނުތައް އެކުލަވާލާ އިރު، ކޯޓުތަކުގެ ހާލަތު ދެނެގަނެ، ކޯޓުތަކުގެ ހިޔާލާއި މަޝްވަރާ ހޯދާނެ ނަމައޭ ވެސް ހިތަށް އަރާ ކަމަށް ވިދާޅުވިއެވެ.