ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާތަކުގެ މައްސަލަތައް ރިވިއުކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަތައް ރިވިއު ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހެޅީ އެ މަނިކުފާނުގެ ގާނޫނީ ވަކީލު އަދި އެ މަނިކުފާނުގެ ފުރަތަމަ ނައިބު ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.
ޔާމީންގެ ފަރާތްޕުޅުން އެދިފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ކުއްޔަށް ދޫކުރި ވ. އާރަށް އަދި ރ. ފުއްގިރިގެ މައްސަލައިގައި ދައުލަތުން ކޮށްފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ރިވިއު ކޮށްދިނުމަށް އެދިއެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ޖަމީލަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާތީ އިތުރު މައުލޫމާތު ސާފުކުރެވިފައިނުވެއެވެ.
ޔާމީންގެ މައްޗަށް އެ ދައުވާތައް ކޮށްފައިވަނީ ޕީޖީގެ މަގާމުގައި ހުސެއިން ޝަމީމު ހުންނެވި އިރުއެވެ. ޝަމީމު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މިދިޔަ މަހުގެ 18 ގައި ވަނީ ޕީޖީގެ މަގާމަށް ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓަރީ އެފެއާޒް އައްބާސް ޝަރީފު އައްޔަން ކޮށްފައެވެ.
ޕީޖީ އޮފީހުން މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި އައްބާސް ވިދާޅުވެފައިވަނީ ޕީޖީ އޮފީހުގައި ހުރި އެކިއެކި މައްސަލަތަކާ ބެހޭގޮތުން ޝަކުވާތައް ލިބެމުންދާ ކަމަށާއި އެހެންވެ ކުރީގެ ޕީޖީގެ ނިންމުންތަކާ ގުޅިގެން ރަސްމީކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
"މި ނިންމީ އެ ހުރިހާ ޝަކުވާއަކާއި އަދި އެނޫންވެސް ހުރި ޝަކުވާތައް ފޯމަލައިޒްކޮށްފައި މި އޮފީހުގެ ސިސްޓަމްގެ ތެރެއިން ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް މިއަދުން (މިމަހު އެއްވަނަ ދުވަހުން) ފެށިގެން 20 ދުވަހުގެ މުއްދަތަށް ހުޅުވާލަން، މިހާރު ސިސްޓަމްގެ ތެރެއިން ޝަކުވާ ހުށަހެޅޭނެ ގޮތް ހުންނާނީ ހަމަޖެހިފައި. އެހެންވީމަ ވެބްސައިޓް ތެރެއިން ވެސް ޝަކުވާ ހުށަހެޅޭނެ. އޭގެ އިތުރަށް ޕީޖީ އޮފީހުގެ ކޮންމެ ގޮތްޕަކަށް ވަޑައިގެންނެވިޔަސް، މި އޮފީހަށް ވަޑައިގެންނެވިޔަސް ރަސްމީކޮށް ޝަކުވާ ހުށަހެޅޭނެ،" ޕީޖީ އައްބާސް ވިދާޅުވެފައިވެއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް އިތުރަށް ވިދާޅުވެފައިވަނީ އެއްވެސް މައްސަލައެއް އަމިއްލަ އިސްނެންގެވުމުގެ މަތިން ރިވިއު ނުކުރައްވާނެ ކަމަށާއި ޔާމީންގެ މައްސަލަ ވެސް އަމިއްލަ އިސްނެންގެވުމުގެ މަތިން ރިވިއު ނުކުރައްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު