އޭއެފްސީން މުޅިން އަލަށް ތައާރަފްކޮށް ފަށާފައިވާ އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު މެޗުގައި މިރޭ ތުރުކެމެނިސްތާންގެ ޗެމްޕިއަން އަރްކަޑާގް އަތުން ބަލިވެއްޖެއެވެ.

ޗެލެންޖް ލީގުގައި ޓީމުތައް ވާދަކުރާނީ ދެ ފަޅިއަކުންނެވެ. އެއީ ވެސްޓް ރީޖަން އާއި އީސްޓް ރީޖަންއިންނެވެ. ވެސްޓް ރީޖަންގައި މާޒިޔާ ހިމެނޭ އިރު، އެ ރީޖަންގައި ތިން ގްރޫޕެއް ހިމެނެއެވެ. ދެ ރީޖަންގެ މެޗުތައް ވެސް ސެންޓްރަލައިޒްކޮށް ހޯސްޓް ކުރަން އޭއެފްސީން ނިންމާފައިވާ އިރު، މާޒިޔާ ހިމެނޭ ގްރޫޕް ބީގެ މެޗުތައް ހޯސްޓް ކުރަނީ ކުވައިތުގައެވެ. އެއީ ކުވައިތުގެ އަލް އަރަބީގެ ކުވައިތު ސިޓީ ސްޓޭޑިއަމްގައެވެ.

އެ ގްރޫޕްގައި އަރަބީއާއި މާޒިޔާގެ އިތުރުން ދެން ހިމެނެނީ ކިރިގިސްތާނުގެ ޗެމްޕިއަން އަބްދީޝް-އާޓާ ކާންޓާއި ތުރުކެމެނިސްތާންގެ ޗެމްޕިއަން އަރްކަޑާގެވެ.

މާޒިޔާއިން މިރޭ އަރްކަޑާ އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި އަރްކަޑާގެ ދެ ގޯލުވެސް ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ.

މެޗު ފެށިގެން ކުރީކޮޅުގައި އަރްކަޑާގުން ދިޔައީ ކުޅުން ކޮންޓްރޯލް ކުރަމުންނެވެ. އެޓީމުން ކުރީކޮޅުގައި ހަމަލާތަކަށް ފުރުސަތުވެސް ފަހިކޮށްފައިވެއެވެ. އެގޮތުން ކޯނަރެއްގައި ފުރަތަމަ ފަހަރަށް މާޒިޔާއަށް ނުރައްކާ ކުރީ ގުއިސްމިރަތު އަނަގުލްޔޭވްގެ ހަމަލާއެކެވެ. އެ ބޯޅަ އޭނާއަށް ގޯލަށް އަމާޒުކޮށް ނުލެވުނީއެވެ.

މެޗުގެ 18 ވަނަ މިނެޓުގައި މާޒިޔާއަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ކުރިއަށް ދުއްވާލި ބޯޅައަށް މަަސައްކަތް ކޮށް، ނިކޮލަސް އޮލްސަން އަރްގަޑާގުގެ ގޯލްކީޕަރު ރުސްޓަމް އަހަލްޔޭވް ބީޓްކޮށްލި ނަމަވެސް، އެ ބޯޅަށް ގޯލަށް ވައްދާ ލެވޭ ގޮތެއް ނުވިއެވެ. އަދި އޭގެފަހުން މާޒިޔާގެ ބްރެޒިލް ފޯވަޑް ވިލްކްސަން ބޮލުން ފޮނުވާލި ބޯޅަ ގޯލްކީޕަރު މަތަކުރިއެވެ.

ފުރަތަމަ ހާފުގައި އަރްކަޑާގަށް އެންމެ އެދެވޭ ހަމަލާތަކެއް އުފައްދަން އުނދަގޫވެގެން ގޮސްފައިވާ އިރު، މާޒިޔާއިން ދިޔައީ ލިބޭ ކައުންޓާ ފުރުސަތުތަކުގައި ނުރައްކާ ކުރަމުންނެވެ. ހާއްސަކޮށް އެޓީމުން ހާފު ނިމެން ދަނިކޮށް ނުރައްކާ ބޮޑުކޮށް، ލީޑު ނެގިއެވެ. އެ ގޯލަކީ އޭރިއާ ތެރެއިން ލިބުނު ބޯޅައެއްގައި ފަލަސްތީނު މިޑްފީލްޑަރު ޖޮނަތަން ކަންޓިލާނާ ޖެހި ގޯލެކެވެ. އޭނާ ބޯޅަ އަމާޒުކޮށްލީ ސީދާ ކަނަށެވެ.

މިރޭގެ މެޗަށް މާޒިޔާގެ އިތުބާރު މިޑްފީލްޑަރު އިބްރާހީމް އައިސަމް ފިޓް ނުވުމުގެ ސަބަބުން އޭނާގެ ބޭނުން ނުކޮށް ކުޅެން ކޯޗަށް ޖެހުނު އިރު، ދެވަނަ ހާފުގައި މެދުތެރެއިން އެތަން ދެއްކިއެވެ. ކޯޗު ޑްރަގަން ޑުކަނޯވިޗް ވަނީ ދެވަނަ ހާފުގެ ކުރީކޮޅުގައި ބަދަލުތަކެއްވެސް މެދު ތެރެއަށް އަދި އެޓޭކަށް ގެނެސްފައެވެ. އެހެން ނަމަވެސް އަރްކަޑާގުން ވަނީ މަޑުމަޑުން މެޗު ތެރެއަށް ވަދެ، މާޒިޔާގެ ޑިފެންސަށް ނުރައްކާ ކޮށްފައެވެ.

އެޓީމުގެ ދެ ގޯލުވެސް އޭރިއާ ތެރެއަށް ނެގި ހުރަސްތަކުގައި ނުރައްކާކޮށްގެން ޖެހި އިރު، 66 ވަނަ މިނެޓުގައި އެއްވަރުކުރީ ޑިޑާ ޑުރްޑިޔޭވް ޖެހި ގޯލުންނެވެ. އެއީ އޭރިއާ ތެރޭގައި އޮވެ ބޮލުން ބޯޅަ ފޮނުވާލައިގެން އޭނާ ޖެހި ގޯލެކެވެ. އެ ގޯލުގެ އިރުކޮޅެއް ކުރިން، ވެލްމީރަތު ބަލަކޯވް ޖެހި ބޯޅަ މާޒިޔާ ކީޕަރު ލެމަޖިކް މަތަކޮށް ބޭރުކޮށްލި ނަމަވެސް، ގޯލުގައި މާބޮޑު މަސައްކަތެއް އޭނާއަށް ނުކުރެވުނެވެ.

އެ ގޯލާއެކު އަރްކަޑާގަށް އިތުރު ހިތްވަރެއް ލިބި، 76 ވަނަ މިނެޓުގައި އަނެއްކާވެސް އަރިމަތިން ނެގި ހުރަހެއްގައި މާޒިޔާ ކޮޅަށް ގޯލު ޖެހިއެވެ. އެ ގޯލަކީ އަލްޓީމިރަތު އަނަޑުރްޑިޔޭވެވެ.

މާޒިޔާއިން ދެން އެގްރޫޕުގައި ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ ކުވައިތުގެ އަރާބީއާ ދެކޮޅަށެވެ. އެއީ މިމަހުގެ 29 ވަނަ ދުވަހުއެވެ.