ހަމަހީވީ އަލީ އަޝްފާގު (ދަގަނޑޭ) ފެނުނު ހެންނެވެ. ކޮއްޓައި ނައްޓައި ގޯލަށް ބޯޅަ ފޮނުވާލަނީވެސް އެކަހަލަ ސްޓައިލަކަށެވެ. ހަގީގަތުގައިވެސް ޖާދުވީ ހުނަރެކެވެ. އެތައް ބަޔަކު އާޝޯހު ކޮށްލައިފިއެވެ. ށ. މިލަންދުއަށް ނިސްބަތްވާ، އުމުރުން އެންމެ 10 އަހަރުގެ އަހުމަދު އާލިން އާދިލަށް މުޅި ރާއްޖޭގެ ސަމާލުކަން ހުއްޓިއްޖެއެވެ.
ދާދިފަހުން ހެންވޭރު ދަނޑުގައި ބޭއްވި މައިލޯ އެކަޑެމީ ފުޓުބޯޅަ ފިއެސްޓާއިން އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އެއް ކުޅުންތެރިޔަކީ ޔަގީނުންވެސް އާލިންއެވެ. ށ. މިލަންދޫ އެން އެފް އެން ފުޓުބޯޅަ އެކަޑެމީއަށް ނިސްބަތްވާ އާލިން މުބާރާތުގައި ދެއްކި ހުނަރުގެ ތަފާތާއެކު، އޭނާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެ، އެތައް ބަޔަކަށް ވަނީ ފުޓުބޯޅައިގެ މުސްތަގުބަލަށް އުންމީދު އާވެފައެވެ. ހާއްސަކޮށް މަގުބޫލު އެތައް ކޯޗުންނެއްވެސް އޭނާގެ ހުނަރަށް ތައުރީފު ކޮށްފައިވެއެވެ. އެހާވެސް މޮޅެވެ. އެހާވެސް ހިތްގައިމު ކުޅުމެކެވެ. މާލޭގެ ބޮޑެތި އެކަޑެމީތަކުގެ ކައިރީގައިވެސް ޖެހުލުމެއް ނެތި ކުޅެލި ކުޅެލުމުން، އަލަށް އައިސް އެހާ ބޮޑު މުބާރާތެއްގައި ކުޅޭހެން ހީވެސް ނުވެއެވެ.
"އާލިން އެކަޑެމީގައި އުޅޭތާ، ހަތަރު ފަސް ވަރަކަށް އަހަރު ވެދާނެ. އެންމެ ކުޑައިރުން ފެށިގެންވެސް ވަރަށް ވަރަށް ހުނަރުވެރި ކުއްޖެއް އާލިންއަކީ. އެކަޑެމީގައި މި ހަދާ ޑްރިލްތައްވެސް ވަރަށް ފަރިތަކޮށް ހަދާލާނެ. ޓީމު ބަހަންވެސް އުނދަގޫވާ ހާލަތްތައް އާދޭ އާލިންގެ ހުނަރު ތަފާތުކަމުން. ބައެއް މެޗުތަކުގައި 12 ގޯލު، 14 ގޯލުވެސް ޖަހާފައި އެބަހުރޭ،" އާލިންގެ ކޯޗު އަހުމަދު ނަސީރު "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
އާލިންގެ ހުނަރަކީ އާއިލީ ހުނަރެކެވެ. އާލިންގެ ކާފައިން ފެށިގެންވެސް ފުޓުބޯޅައަށް ހާއްސަކަން ދެވިފައި އޮތް އިރު، ބައްޕަ އަދި މިލަންދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް އާދިލްއަކީ ރަށު ޓީމުގެ ކެޕްޓަންކަންވެސް ކުރި ފުޓުބޯޅައިގެ މާހިރެކެވެ. ރަށު ޓީމާއެކު އަތޮޅާއި ޒޯނުގެ ރަސްކަން ކޮށް، ކުރީގެ ފުޓުބޯޅަ ސިސްޓަމްގެ ތެރެއިން މިލަންދޫ ގަލޮޅު ދަނޑަށް ނެރެންވެސް މުހިއްމު ރޯލެއް އާދިލް އަދާކުރިއެވެ. އޭރު އޮތް ފުޓުބޯޅަ ނިޒާމުގެ ތެރެއިން އެ ފުރުސަތު އޮތަތީއެވެ.
"އާލިން އެލްކޭޖީ، ޔޫކޭޖީގައި އުޅުނުއިރުވެސް އިންޑިވިޖިއަލީ ވަރަށް ފުރިހަމަ ކުޅުމެއް ދައްކަމުން ދިޔައީ. އިންޓަ ހައުސް މުބާރާތުގައިވެސް ހުންނާނެ ވަރަށް ގިނައިން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ. ފުޓުބޯޅައިގެ ތެރޭގައި އުޅޭ މީހެއް އަޅުގަނޑުގެ ބައްޕައަކީވެސް. ދެން އަޅުގަނޑު ރަށު ޓީމުގެ ކެޕްޓަންކަންވެސް ކުރިން. އަދި އާލިންގެ ކޮއްކޮވެސް ކުޅޭނެ ވަރަށް ރަނގަޅަށް. އެހެންވީމަ އާއިލީ ހުނަރެއް މިއީ،" އާދިލް "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.
އެން އެފް އެން އެކަޑެމީން ނަސީރު ކޯޗާއެކު މިފަހަރު މާލެއަށް ކުރި ދަތުރަކީ އެ އެކަޑެމީން މާލޭގައި ކުޅުނު ފުރަތަމަ މުބާރާތެވެ. އެ މުބާރާތާ ބަލާފައި، ދިމާވާ ޗެލެންޖްތަކާއެކުވެސް ކުޅުންތެރިން ދެއްކި ޕާފޮމަންސް ވަރަށް ރަނގަޅު ކަމަށް ކޯޗު ނަސީރު ފާހަގަ ކޮށްފައިވެއެވެ. އޭނާ ބުނީ މުބާރާތަށް ނުކުތީ ބެލެނިވެރިން އަތުން ހަރަދު ކޮށްގެން ކަމަށާއި، އެ އެއްބާރުލުމާއެކު ކާމިޔާބު މުބާރާތަކަށް މިފަހަރުގެ މުބާރާތް ވިކަމަށެވެ.
ފުރަތަމަ ފަހަރަށް މާލޭގެ މުބާރާތަކަށް ނުކުމެ، އާލިންގެ ދެއްކި ހުނަރާއި ފެންވަރަށް ބައްޕަގެ ތައުރީފު ބަންޑުންވެސް ކޮށްލިއެވެ. ބައްޕަގެވެސް އިރުޝާދާއެކު، އާލިން ދެއްކީ ރާއްޖޭގެ އިހުތިރާމް ހޯދި ހުނަރެކެވެ.
"ވަރަށް ހިތްހަމަ ޖެހޭ، ފުރަތަމަ ފަހަރަށް މާލެ އައިސްފައި އެކަޑެމީތަކާ ދެކޮޅަށް ކުޅުނުއިރު، އިންޑިވިޖިއަލް ޕާފޮމަންސް ދައްކާލެވުނީމަ. ޓީމެއްގެ ގޮތުގައިވެސް ވަރަށް ރަނގަޅަށް ކުޅެމުން ދިޔަތަން ފެނުނު. ޓީމެއްގެ ގޮތުގައި ގޮތުގައި ކުޅެން އުނދަގޫތަކެއް ހުރިޔަސް، އަމިއްލައަކަށް ލީޑު ނަގައިގެން މުޅި ޓީމު ލައްވާ ކުޅުވަން އަހަރެން އަބަދުވެސް އިރުޝާދު ދެން. އެކަން ފެނުނު އާލިންގެ ފަރާތުން،" ބައްޕަ އާދިލް ވިދާޅުވިއެވެ.
އާލިންގެ ހުނަރަށް ގައުމީ ލެވެލްގެ ގިނަ ކޯޗުންތަކެއްގެ ސަމާލުކަން ހުއްޓި، ގައުމީ ފެންވަރުގެ ކުޅުންތެރިންގެ ސަމާލުކަންވެސް ހުއްޓުނެވެ. ފޭސްބުކްގައި އެތައް ބައެއްގެ ތައުރީފްގެ މެސެޖުތަކާއެކު ވީޑިއޯ ޕޯސްޓް ކޮށްފައިވާ އެކިއެކި ޕްލެޓްފޯމްތަކުން ލައްކައިން ވިއުސް ލިބިފައިވެއެވެ. މަގުބޫލު ކޯޗުންގެ ސަމާލުކަމާއެކު އާލިންނަށް އޮފާތައްވެސް އައިސްފައިވެއެވެ.
"އޮފާތައް ލިބިފައި އެބަހުރި މިހާރުވެސް. ޑިސެމްބަރުގައި ތައިލެންޑްގައި އޮތް މުބާރާތަކަށް އެކަޑެމީއަކުން ގެންދަންވެގެންވެސް ބުނި. އެއީ 12 އަހަރުން ދަށުގެ ޓީމަކަށް. އެއީ މިކޮޅުގައި ހުރުމާ، އެ ހުރިހާ ކަމަކާވެސް އެކު. އަހަރެން ބުނަން އެ ފުރުސަތުތަކަށް ވަރަށް ޕޮސިޓިވްއޭ، އެކަމަކު ދަތުރު ހަރަދާ، އިތުރު ހަރަދުތައް ދޭ ގޮތަށް އެކަން ކުރެވޭނީ. ދެން އެ ހުރިހާ ކަމެއްވެސް ބަރޯސާވާނީ އާލިންގެ އެކަޑެމީ، އެއީ އެން އެފް އެންއަށް. އެ އެކަޑެމީ ވަރަށް ބޮޑު ދައުރެއް އަދާކުރި އާލިންގެ ހުނަރު ކުރިއަރުވަން. އެހެންވީމަ އެކަޑެމީގެ ކޯޗުންގެ އިރުޝާދާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދާނީ،" އާދިލް ވިދާޅުވިއެވެ.
ދިވެހި ރާއްޖޭގެ ފުޓުބޯޅަ މިވަގުތު އޮތީ އެންމެ އުފާވެރި ހާލަތެއްގައެއް ނޫނެވެ. ހަގީގާތުގައި އެ ކެރިއަރަށް ދަރިއަކު ފޮނުވާލަން ވިސްނާނީވެސް މަދު ބެލެނިވެރިއެކެވެ. އެއީ ފުޓުބޯޅައަކީ މާލީ ފައިދާއެއްވާނެ ފަދަ ގޮތަކަށް ބައްޓަންވެފައިވާ ކުޅިވަރަކަށް މިވަގުތު ނުވާތީއެވެ. އޭގެ އިތުރުން، މިވަގުތު ރާއްޖޭގައި ރީޖަނަލީ، އަތޮޅު ތެރެއިން ހުނަރު ހޯދޭނެ އެއްވެސް ނިޒާމެއް ނެތުމަކީ، އަޅާނުލެވި އޮތް މިންވަރު ހާމަވާ ހެއްކެކެވެ. އާލިން ކަހަލަ އެތައް ހުނަރެއް، އެހެން ދާއިރާތަކަށް ގޮސްދާނެ ކަމުގެ ބޮޑު ބިރެއް އެބައޮތެވެ.
މީގެ ދެތިން އަހަރެއްގެ ކުރިން، އޭރު އެފްއޭއެމްގެ ރައީސް ކަމުގައި ހުރި ބައްސާމް އަދީލް ޖަލީލްގެ މޭސްތެރިކަމުގެ ދަށުން، ރާއްޖޭގެ ހުނަރު ހޯދަން ބޮޑު ޕްރޮޖެކްޓެއް އިއުލާނުކުރިއެވެ. ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝޭލް ސަލްގާޑޯ ފުޓްބޯޅަ އެޑިއުކޭޝަން ކްލަބާއެކު އެފްއޭއެމުން އެއްބަސްވުމަކަށް އައިސް، 18 އެކަޑެމީއެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމް ކުރަން ސޮއިކުރިއެވެ. އެއީ ހައިޕާފޯމަންސް އެކަޑެމީތައްވެސް ހިމެނޭނެ ހެންނެވެ.
ސްކައުޓިންގެ އެބޮޑު މަޝްރޫއަށް ވީނުވީއެއް ނޭނގުނެވެ. އެ މަސައްކަތް ނުކުރެވި، މިއަދު ފުޓުބޯޅަ އޮތީ ވަޅު ޖަހައިފައެވެ. އެހެންނަމަވެސް، އަތޮޅު ތެރޭގައި މި ކުޅިވަރަށް އޮތް ލޯބި އަދިވެސް ބަދަލެއް ނުވެއެވެ.
"އެފްއޭއެމްއިން މިނިވަން 50 މުބާރާތުގައި މިލަންދޫވެސް އަތޮޅު ތަށި ނަގާފައި، ޒޯން ފަހަނައަޅައި ގޮސް، ގަލޮޅު ދަނޑަށްވެސް ދިޔަ. އެހެންވީމަ އެކަހަލަ ގޮތަކަށް ހުނަރު ގަލޮޅު ދަނޑަށް ގެންދެވެން ޖެހޭ. ރާއްޖޭގެ ސްކައުޓިން މިހާރަށްވުރެ ރަނގަޅު ވާނަމަ، ހުނަރުހުރި ކުދިން ފެންނާނެ އަތޮޅު ތެރެއިންވެސް. އެކަން ފެންނަން އެބައޮތް. އެއީ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުން ވިދާލި ކުޅުންތެރިން ގައުމީ ޓީމަށް ނުކުތް. އެކަން އެގޮތަށް ހިނގާނެ ނިޒާމެއް ބައްޓަން ކުރަން ޖެހޭ،" އާލިންގެ ބައްޕަ އާދިލް ފާހަގަކުރެއްވިއެވެ.
ކޯޗު ނަސީރުގެ ވިސްނުމުގައިވެސް އެއީ އެންމެ މުހިއްމު ކަންތަކެވެ. ހުނަރު ހޯދުމަށް އަތޮޅު ތެރޭގެ ބޭނުން ކުރަން ޖެހެއެވެ. މާލެ އައިސް ކުޅޭ ކުޅުމަކުން އެކަނި އެ ފެންނަނީ ހުނަރު ހުރި ކުދިންގެ މަދު ނިސްބަތެއްކަން އޭނާ ގަބޫލުކުރެއެވެ. އަދި އެ ހުނަރު ވަރުގަދަ ކޯޗުންނާ ހަމައަށް ގެންނަން އުފުލަން ޖެހޭ ތަކުލީފު ކުޑަވާނެ ގޮތަކީ، އަތޮޅު ތެރޭގައި ރީޖަނަލް އެކަޑެމީތަކުގެ ނިޒާމެއް ގާއިމުވުން ކަމަށް ނަސީރުވެސް ގަބޫލުކުރެއެވެ.
އާލިންގެ ބައްޕަ، އާދިލްގެ އުންމީދު އަދި އޮތީ ފުޓުބޯޅައާ ގުޅިފައެވެ. މިވަގުތު ފުޓުބޯޅަ އޮތީ ކިރިޔާ "ވިންދެއް ޖަހާލަ ޖަހާލައި،" ނަމަވެސް، އާދިލްގެ އުންމީދު އެއަށްވުރެ ދުރަށް ދަތުރު ކުރެއެވެ. އާދިލްގެ އުންމީދަކީ އާލިންގެ ފުޓުބޯޅަ ކެރިއަރު ގައުމީ ޖާޒީއަށް ހަމައަށް ގެންދިޔުމެވެ. އެއީ މިހާރު އޮތް ފުޓުބޯޅަ ނިޒާމު ރަނގަޅުވެ، ކެރިއަރަކަށް ފުޓުބޯޅަ ހެދޭނެ ދުވަހެއްގައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް