ބައެއް ދާއިރާތަކުގެ މުސާރަ ކުޑަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ދިވެހި މާލިއްޔަތުގެ ދެމެހެއްޓެނިވިކަން ޔަގީންކޮށްދިނުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށް އެ މަނިކުފާނުގެ ޕާޓީ، ވެރިކަން ކުރާ ޕީއެންސީން ބުނެފިއެވެ.

ރައީސް މުއިއްޒު އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާ އިރު، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށާއި އެގޮތުން މުސާރައާ ގުޅޭ ފިޔަވަޅުތައް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

ރައީސް އެއް ފިޔަވަޅެއްގެ ގޮތުން ނިންމަވާފައިވަނީ އެ މަނިކުފާނުގެ މުސާރައިގެ 50 ޕަސަންޓް ނުނަގަންވާ ގޮތަށް ދެންނެވުމެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާގެ މިހާރުގެ މުސާރައަކީ 100،000 ރުފިޔާއެވެ.

ޕީއެންސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސްގެ އެ ނިންމެވުމަކީ ހަރުދަނާ އަދި އެހާމެ ހިތްވަރުގަދަ ނިންމެވުމެއް ކަމަށާއި ފާއިތުވެދިޔަ ދެތިން އަހަރު ދައުލަތުގެ ހަރަދުތައް އިންތިހާއަށް އިތުރުވެ، އެކަމުގެ ސަބަބުން ލިބޭ އާމްދަނީ އާއި ކުރާ ހޭދައިގެ ފަރަގު ބޮޑުވަމުންދިޔަ އިރު، އެކަން އިސްލާހުކުރުމަށްޓަކައި ހަރަދުތައް ކޮންޓްރޯލުކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކާއި ރާއްޖޭގެ ކްރެޓިން ރޭޓިން އެޖެންސީތަކުން ދެމުންދިޔަ ލަފައަށް އޭރުގެ ސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ހަރުދަނާ އެއްވެސް ފިޔަވަޅެއް ނިމިދިޔަ ސަރުކާރުން ނޭޅުމުގެ ސަބަބުން 2022 ގައި 9.8 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް އަންދާޒާކުރި ބަޖެޓު ޑެފިސިޓު އަހަރު ނިމުނުއިރު 11.3 ބިލިއަން ރުފިޔާއަށް އިތުރުވި ކަމަށާއި 2023 ގައި 8.6 ބިލިއަން ރުފިޔާގައި ބަޖެޓު ޑެޕިސިޓު ހުންނާނެ ކަމަށް ލަފާކުރި ނަމަވެސް، އަހަރު ނިމުނުއިރު ބަޖެޓު ޑެފިސިޓު ހުރީ 13.5 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައި ކަމަށެެވެ. އަދި ބަޖެޓު ޑެފިސިޓު ބޮޑުވިއިރު ހަރަދުތައް، ލިބުނު އާމްދަނީގެ ތެރޭގައި ހިފެހެއްޓިފައިނުވާ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.

"މިއީ މިވަގުތު ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ދިވެހި މާލިއްޔަތުގެ ދެހެމެއްޓެވިކަން ޔަގީންކޮށްދެއްވުމަށް ރައީސް އަޅުއްވަން ނިންމެވި ހަރުދަނާ ފިޔަވަޅުތަކެކެވެ. ސިޔާސީ ގޮތުން އަނދަގޫ، އެހެންނަމަވެސް ގައުމުގެ ހައްގުގައި ނިންމަވަންޖެހޭ ނިންމެވުމެކެވެ..،" ރައީސްގެ ނިންމެވުމާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނުގައި ބުންޏެވެ.

ރައީސް އިއްޔެ ވަނީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން ދިހަ ޕަސަންޓް އުނިކުރުމަށް ނިންމަވައިފައެވެ.

އޭގެ އިތުރުން ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށްދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ރައީސް ވަނީ ނިންމަވައިފައެވެ. މިހާރު ބައެއް ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު އޮތްގޮތުން 100،000 ރުފިޔާއަށްވުރެ ބޮޑު މުސާރައެއް ލިބެއެވެ.

ރައީސް ވިދާޅުވެފައިވަނީ އެ ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރާނެ ކަމަށެވެ.