ތުރުކީގެ އަންކާރާގެ އިމާރާތަކަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާނަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ތުރުކީގެ އަންކާރާގައި ހުންނަ އެގައުމުގެ އެއިރޯ ސްޕޭސް ކުންފުންޏެއްގެ މައި އިމާރާތަކަށް ދިން އެ ހަމަލާގައި ހަތަރު މީހަކު މަރުވެފައިވާ އިރު، 14 މީހަކަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.

ރައީސް އޮފީހުން މިރޭ ބުނީ ތުރުކީގެ ވެރިރަށް އަންކާރާގެ ކައިރީގައި ހުންނަ ޓާކިޝް އޭރޯސްޕޭސް އިންޑަސްޓްރީޒްގެ މައި މަރުކަޒަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށާއި އެމީހުންގެ ގާތްތިމާގެ މީހުންނަށް ރައީސް ތައުޒިޔާ ވިދާޅުވެފައިވާ ކަމަށެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާނަށް ފޮނުއްވި މެސެޖެއްގައި ރައީސް ވަނީ، އެ ހަމަލާގެ ހަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެ ހަމަލާ ކުށްވެރިކުރައްވާފައި ކަމަށާއި އަދި ހަމަލާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާކުރައްވާފައި ކަމަށެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ އެ މެސެޖު ނިންމަވާލައްވާފައިވަނީ، ދިވެހި ރައްޔިތުން ތިބީ ތުރުކީވިލާތުގެ އަހުންނާއި އުހުތުންނާ އެކުގައި ކަމުގެ ޔަގީންކަން ދެއްވަމުން ކަމަށެވެ.

މީޑިއާތަކަށް ތުރުކީގެ އިންޓީރިއާ މިނިސްޓަރު އަލީ ޔެރްލީކަޔާ ވިދާޅުވީ އެ ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން މަރާލާފައިވާ ކަމަށެވެ. އެ ހަމަލާ ދީފައިވަނީ އަންހެނަކާއި ފިރިހެނަކު ގުޅިގެން ކަމަށް އިންޓީރިއާ މިނިސްޓްރީން ބުނެއެވެ.

އޮފިޝަލުން ބުނީ ތުރުކީގެ ޓާކިޝް އެއިރޯސްޕޭސް އިންޑަސްޓްރީސްގެ އިމާރާތަށް ހަމަލާދިނީ ކޮންބައެއްތޯ ހޯދުމަށް އެމީހުންގެ މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ.

ޓެރަރިސްޓު ހަމަލާ ދީފައިވާ އެ އިމާރަތަކީ ހަނގުރާމަތަކުގައި ބޭނުންކުރާ ޑްރޯންތަކާއި ފައިޓަރު ޖެޓުތަކުގެ އިތުރުން ހަނގުރާމަމަތީ ވައިގެ އުޅަނދުތައް އުފައްދާ ތަނެއް ކަމަށް އޮފިޝަލުން ބުނެއެވެ.