މާލީ މުއާމަލާތްތައް ފަސޭހަކޮށްދިނުމުގައި ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދައުރު ފުޅާކުރުމަށް އަބަދުވެސް ވާގިވެރިވަމުންދާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ބީއެމްއެލުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ގޮތަށް، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކާޑު ލިމިޓް 1،200 ޑޮލަރަށް ބޮޑުކުރަން ނިންމައިފައެވެ. ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކާޑު ލިމިޓަކީ މިހާރު 750 ޑޮލަރެވެ. އެ އަދަދު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިއުލާންކުރެއްވި ނަމަވެސް މިއަދާ ހަމައަށް އެކަން އޮތީ ނުވެއެވެ.
ބީއެމްއެލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކޮންމެ މަހަކު ބޭނުން ކުރެވޭނެ ލިމިޓް އަންނަ ނޮވެމްބަރު މަހުގެ އެކަކުން ފެށިގެން 1،200 ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.
އެ ނިންމުމާ ގުޅިގެން ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ޑިސެމްބަރު 24 ގައި ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސް ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރަން ފެށުމަށް ފުރަތަމަ ކުރާ ކަމެއްގެ ގޮތުގައި، ބޭރު ގައުމުތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ބީއެމްއެލްގެ ރުފިޔާ ޑެބިޓް ކާޑުތަކުން ޑޮލަރު ލިބޭ މިންވަރު 1،200 ޑޮލަރަށް އިތުރުކުރުމަށް ބީއެމްއެލުން މިއަދު ނިންމުމަކީ، އެ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށެވެ.
ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، އަދި ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލުކޮށްދެއްވުމުގައި ރައީސް ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ބީއެމްއެލުން ދޭ އެއްބާރުލުމަށް ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
"ދިވެހި ގައުމުގެ ތަރައްގީގައި އަދި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ، މާލީ މުއާމަލާތްތައް ފަސޭހަކޮށްދިނުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ދައުރު ފުޅާކުރުމަށް ސަރުކާރުން އަބަދުވެސް ވާގިވެރިވަމުން ދާނެކަމުގެ ޔަގީންކަން މި ފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމުވެ..،" ރައީސް އޮފީހުގެ ބަޔާނުގައި ބުންޏެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ދަރަނި ކުޑަކޮށް، ދައުލަތަށް ލިބޭ އާމްދަނީގެ މަންފާ ރައްޔިތުންނަށް އިތުރުވަމުންދާނެ ތިޔާގި ދުވަސްތަކެއް ގައުމަށް ހޯދައިދިނުމަށް ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތައް ހަރުދަނާކަންމަތީ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް އިސްކަން ދެމުންގެންދާނެ ކަމަށެވެ.
ކާޑު ލިމިޓް 1،200 ޑޮލަރަށް ބޮޑުކުރަން ނިންމިކަން އިއުލާންކޮށް ބީއެމްއެލުން މިއަދު ބުނީ، އިތުރު ކުރި ޑޮލަރު ލިމިޓް ދަރިވަރުންނަށް ހަމަޖައްސައިދޭނީ ބޭންކުގެ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް އެކަމަށް އެދި ރަޖިސްޓްރީ ކުރުމުން ކަމަށެވެ. އަދި ރަޖިސްޓްރީ ކުރާއިރު ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު