ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކާޑު ލިމިޓް 1،200 ޑޮލަރަށް ބޮޑުކުރަން ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކާޑު ލިމިޓަކީ މިހާރު 750 ޑޮލަރެވެ. އެ އަދަދު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ނަމަވެސް މިއަދާ ހަމައަށް އެކަން އޮތީ ނުވެއެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކޮންމެ މަހަކު ބޭނުން ކުރެވޭނެ ލިމިޓް އަންނަ ނޮވެމްބަރު މަހުގެ އެކަކުން ފެށިގެން 1،200 ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، ޑޮލަރު ލިބުމުގައި ދަތިތަކެއް ހުރި އިރު، އެކަމުގެ ސަބަބުން ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ހުރި ދަތިތައް ބޭންކަށް އެނގޭ ކަމަށެވެ.
އެގޮތުން މިއަދު ނިންމި ނިންމުމަކީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކޮންމެ ދުވަހެއްގެ މާލީ ބޭނުންތައް ފުއްދުމަށް ބޭންކުން އިސްކަންދީ އެހީތެރިވާނެ ކަމުގެ ހެއްކެއް ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނީ، އިތުރު ކުރި ޑޮލަރު ލިމިޓް ދަރިވަރުންނަށް ހަމަޖައްސައިދޭނީ ބޭންކުގެ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް އެކަމަށް އެދި ރަޖިސްޓްރީ ކުރުމުން ކަމަށެވެ. އަދި ރަޖިސްޓްރީ ކުރާއިރު ކަމާގުޅުން ހުރި ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު