ހުޅުމާލޭ ފަޅުތެރެއަށް ވަން ބާޖަކުން ޖެހި ލަކުޑި ޖެޓީގެ އުތުރު ފާލަމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެ ޖެޓީ މަރާމާތުކުރުމަށްފަހު އާންމުންނަށް ހުޅުވާލައިފިއެވެ.

ބާޖެއް ގާތް ކުރުމުގެ ތެރޭގައި ހުޅުމާލެ ލަކުޑި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއްވެ، ވަގުތީ ގޮތުން ބަންދުކުރީ މި އަހަރުގެ މެއި 26 ގައެވެ. އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، އެޗްޑީސީން އެސެސްމަންޓުތައް ހަދައި، މަރާމާތަށްފަހު އަލުން ހުޅުވަންދެން ލަކުޑި ޖެޓީއަށް އެރުން ވަނީ އެ ދުވަހުން ފެށިގެން މަނާކޮށްފައެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކޮށް ނިންމައި އާންމުންނަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި އެ ކޯޕަރޭޝަނުގެ އަމާޒަކީ ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، އާއްމުންނަށް ވީހާވެސް ފަސޭހައިން ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.