ދިރާގުން މި މަހުގެ 20 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) އަށް ފަހުގެ ތައްތާރީތައް ފަށައިފިއެވެ.

ދިރާގުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، ރާއްޖޭގެ އެންމެ ބޮޑު ދުވުމުގެ ގޮތުގައި ފާހަގަކުރެވޭ މި ހަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 5،600 އަށްވުރެ ގިނަ ދުވުންތެރިން ވަނީ ބައިވެރިވެފައެވެ.

މި އަހަރުގެ ދުވުމަކީ ވޯލްޑް އެތުލެޓިކްސް ރޭންކިން ކޮމްޕެޓިޝަނެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފައިވާ މުބާރާތެއް ކަމަށާއި، މިއީ ރާއްޖޭގެ ދުވުމުގެ ތާރީހުގައި ވެސް މި ހަރަކާތް ފާހަގަކޮށްލެވޭނެ ސަބަބެއް ކަމަށް ދިރާގުން ބުންޏެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި، މި ބަދަލާއެކު ދުވުމުގައި ބައިވެރިވާ ދުވުންތެރިން ހޯދާ ނަތީޖާތައް ބައިނަލްއަގުވާމީ ރޭންކިންގައި ހިމެނި، ދުނިޔޭގެ ފެންވަރުގައި ރަސްމީކޮށް ބަލައިގަންނަ ކާމިޔާބީތަކަކަށް ވެގެންދާނެއެވެ.

މި ފަހަރުގެ ދުވުމުގައި ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފުކުރި ޓީމް ކެޓަގަރީތައް ހިމެނެއެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި މި ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތައް އެއްތަނަކުން ބައްދަލުވާ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ހިތްވަރުދީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުމުގެ އާދަ އަށަގަންނުވައި، އެންމެންނަށް ވެސް ބައިވެރިވެވޭނެ ފަދަ ޕްލެޓްފޯމެއް ގާއިމުކޮށްދިނުން ކަމަށް ދިރާގުން ބުންޏެވެ.

ޑީއެމްއާރްއާރްއަށް ތައްޔާރުވަމުންދާ އިރު، ދުވުންތެރިން އަމިއްލަ ސިއްހަތާއި ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދިނުމަށް ދިރާގުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، މި އަހަރުގެ ކޯޗިން ޕާޓްނަރުން ކަމަށްވާ ދަ ވެލްނެސް ކްލަބް އަދި އައިލެންޑް ރަނާސް މޯލްޑިވްސް އެންޑް މެރެތަން ރަނާސް މޯލްޑިވްސްއިން ކުރިއަށްގެންދާ ތަމްރީނުތަކުގައި ބައިވެރިވެ، ތަޖުރިބާކާރު ކޯޗުންގެ އިރުޝާދާއެކު ތައްޔާރުވުމަކީ މުހިންމު ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ދުވުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިރާގުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުންނާއި ދުވުމަށް ހާއްސަ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ.