ސިޔާސީ މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ކުންފުނިތަކުގެ ބައެއް މުވައްޒަފުންގެ މުސާރަތައް ކުޑަކުރާ ގޮތަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާ އިރު، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށާއި އެގޮތުން މުސާރައާ ގުޅޭ ފިޔަވަޅުތައް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމަވާފައިވާ ކަމަށެވެ.
ރައީސް ވަނީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން ދިހަ ޕަސަންޓް އުނިކުރުމަށް ނިންމަވައިފައެވެ.
އޭގެ އިތުރުން ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ރައީސް ވަނީ ނިންމަވައިފައެވެ. މިހާރު ބައެއް ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު އޮތްގޮތުން 100،000 ރުފިޔާއަށްވުރެ ބޮޑު މުސާރައެއް ލިބެއެވެ.
ރައީސް ވިދާޅުވީ އެ ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރާނެ ކަމަށެވެ. އަދި އެ މަނިކުފާނުގެ މުސާރައިގެ 50 ޕަސަންޓް ނުނަންގަވާ ގޮތަށް ހަމަޖައްސަވަން ދެންނެވުމަށް ވެސް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު