ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ އާސެނަލުން ކުޅުނު މެޗުގައި ޝަކްތާ ޑޮނެސްކް ކައިރިން ހަނި މޮޅެއް ހޯދައިފިއެވެ.
އާސެނަލުން އަމިއްލަ ދަނޑުގައި ރޭގެ މެޗުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އާސެނަލުން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް އަންނަނީ ރަނގަޅު ރެކޯޑެއް ދަމަހައްޓަމުންނެވެ. މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ، އެ ނަތީޖާއާ އެކު އާސެނަލް މިވަގުތު އޮތީ ލީގުގެ ހަތަރު ވަނަ މަގާމުގައެވެ. އެއީ ތިން މެޗުން ހަތް ޕޮއިންޓާ އެކު، ފައިދާ ތިން ގޯލާ ވެސް އެކުގައެވެ.
އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި ބޯންމައުތު އަތުން ބަލިވި އާސެނަލަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ހާސްކަމަކީ އަނިޔާގެ މައްސަލަތަކެވެ. ބުކަޔޯ ސަކާ އާއި ކެޕްޓަން މާޓިން އޮޑިގާޑުގެ އިތުރުން ޖަސްޓިން ޓިމްބާ ވެސް އަނިޔާގެ ސަބަބުން ރޭގެ ސްކޮޑުގައި ހިމެނިފައިނުވާ އިރު، ބެން ވައިޓާއި ރިކާޑޯ ކަލަފިއޯރީއަށް މެޗުގައި ވަނީ އަނިޔާވެގެން ބާލަން ޖެހިފައެވެ.
ބެން ވައިޓާއި ކަލަފިއޯރީއަށް ވެސް މި ސީޒަނުގެ ތެރޭގައި ތަކުރާރުކޮށް އަނިޔާވެފައިވާ އިރު، އެ ދެ ކުޅުންތެރިންނަށް ބޮޑު އަނިޔާއެއް ވެއްޖެނަމަ، އެކަން ވެގެންދާނީ މިކޭލް އާޓެޓާއަށް ބޮޑު ހާސްކަމަކަށެވެ.
އާސެނަލުން ރޭ ކުޅުނު މެޗު ވަރުގަދަކޮށް ފަށާފައިވާ އިރު، ކުރީކޮޅުގައި ކަލަފިއޯރީ އާއި ގެބްރިއަލް ޖީސަސްއަށް ލިބުނު ބޯޅަތައްވީ ބޭކާރެވެ. ޝަކްތާރުން މެޗުގައި ނުރައްކާ ކުރަމުން ދިޔައީ ކައުންޓާގައެވެ. އެ ޓީމުގެ ހަލުވި ފޯވަޑް، އެގުއިނާލްޑޯގެ ބާރު ދުވެލި އާސެނަލަށް ނުރައްކަލަކަށް ވެފައިވާ އިރު، ހާފު ނިމުމުގެ ކުރިން އާސެނަލުން ގޯލެއް ޖެހިއެވެ.
އެ ގޯލަކޯ ގެބްރިއަލް މާޓިނެލީ ފޮނުވާލި ބޯޅައެއް، ދަނޑީގައި ޖެހިފައި ނުކުތުމުން، ކީޕަރު މިޓްރޯ ރިޒްނީކް ގައިގައި ޖެހިފައި ވަން ގޯލެކެވެ. ދެވަނަ ހާފުގައި ނަތީޖާގެ ފަރަގު ބޮޑު ކުރަން އާސެނަލަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. ވަލޭރީ ބޮންޑާ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ ލެއާންޑްރޯ ޓްރޮސާޑް ފޮނުވާލުމުން އެ ބޯޅަ ކީޕަރު ރިޒްނީކް ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު