ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ފަހަތުން އަރައި، ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފިއެވެ.

ރޭ ރެއާލުން އަމިއްލަ ދަނޑުގައި ޑޯޓްމުންޑް ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ކްލަބު، ރެއާލުން މިހާތަނަށް ލީގު ބުރުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ މޮޅުވެފައެވެ. ތިން މެޗުން ހަ ޕޮއިންޓާ އެކު ރެއާލް މިވަގުތު އޮތީ ލީގުގެ ނުވަ ވަނައިގައެވެ. ރޭގެ މެޗަކީ ޑޯޓްމަންޑް ވެސް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމަށް ވެސް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ފައިދާ ގޯލުގެ ފަރަގާ އެކު އެ ޓީމު އޮތީ ފަސްވަނައިގައެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ރެއާލާއި ޑޯޓްމަންޑް ވާދަކޮށްފައިވާ އިރު، ފުރަތަމަ ހާފުގައި ޑޯޓްމަންޑުން ވަނީ ރެއާލަށް ސިހުން ގެނުވައިފައެވެ. އެގޮތުން ޑޮންޔެލް މާލެން އާއި ޖޭމީ ގިޓެންސް ޖެހި ގޯލުތަކުން އެ ޓީމު އޮތީ ވެސް ދެ ގޯލުގެ ލީޑެއްގައެވެ.

ފުރަތަމަ ހާފު ނިމުނު އިރު ރެއާލް ފަހަތުގައި އޮތް ނަމަވެސް، ދެވަނަ ހާފުގައި ފެނުނީ ޗެމްޕިއަންސް ލީގުގެ ޖާދުލެވެ. އެންޓޯނިއާ ރުޑިގާ ޖެހި ގޯލުން ރެއާލުން ހިތްވަރު ހޯދައި، 62 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ޖެހި ގޯލުން މެޗު އެއްވަރު ކުރިއެވެ.

އެ ފޯމުގައި ރެއާލުން މެޗުގެ ކޮންޓްރޯލް ހޯދައި، 83 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލިއެވެ. އެއީ ކެޕްޓަން ލޫކަސް ވަޒްކޭޒް ޖެހި ގޯލުންނެވެ. ނަތީޖާ އަނބުރާލައި، ރެއާލުން ތަފާތު ދެއްކި މެޗު އިތުރަށް ފުރިހަމަވީ 86 ވަނަ މިނެޓާއި 93 ވަނަ މިނެޓުގައި ވިނީޝިއަސް ޖެހި ގޯލުތަކުން އޭނާ ހެޓްރިކް ފުރިހަމަ ކުރުމުންނެވެ.

ވިނީޝިއަސް ކާމިޔާބު މެޗެއް ނިންމާލި އިރު، އޭނާއަކީ ހޯމަ ދުވަހު އޮންނަ ބެލޮންޑިއޯ އިވެންޓްގައި، އެ އެވޯޑު ހޯދުމަށް ވެސް ފެވަރިޓެކެވެ.