މި ސަރުކާރުން ވެރިކަމާ ހަވާލުވީ ފަހުން ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން އުޅުނު 51 ބިދޭސީއަކު ބޯޑަރުން ހިފަހައްޓައި، އަނބުރާ ފޮނުވާލައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވިދާޅުވީ، ކައުންޓާ ފީޑް ޕާސްޕޯޓާއި، ވަގު ޓްރެވެލް ޑޮކިއުމަންޓާއި، ސްޓޭމްޕް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ރާއްޖެ އެތެރެވާން މަސައްކަތް ކުރާ ކަމަށެވެ.

"އެފަދަ 51 ބިދޭސީއަކު ވަނީ ބޯޑާއިން ހިފެހެއްޓިފައި، އަނބުރާ ފޮނުވާލެވިފައި،" ޝަމްއާން ވިދާޅުވިއެވެ.

  • 186 ރެއިޑް އޮޕަރޭޝަނެއް ހިންގައި 1207 ތަން ބަލައިފާސްކުރި
  • އިންޓެލިޖެންސް ބޭސްޑް ޓާގެޓެޑް 70 ރެއިޑް އޮޕަރޭޝަން ކުރިއަށްގެންދިޔަ
  • މާލެއާއި ހުޅުމާލޭގައި ކުރިއަށްގެންދިޔަ މާސް އޮޕަރޭޝަން 896 ތަނެއް ބަލައި ފާސްކުރި

ޝަމްއާން ވިދާޅުވީ، ފުލުހުންނާ ގުޅިގެން ކުރިއަށްގެންދާ އިންޓެލިޖެންސް ބޭސްޑް ޓާގެޓެޑް ރެއިޑް އޮޕަރޭޝަންތައް ހާއްސަކުރަނީ ހަށިވިއްކާ ތަންތަނަށް ކަމަށެވެ.

އިމިގްރޭޝަން ވޮޗްއަށް ގިނަ މައްސަލަތައް ހުށަހެޅޭކަން ފާހަގަކުރައްވައި ޝަމްއާން ވިދާޅުވީ، މިމަހުގެ 21 ގެ ނިޔަލަށް 861 މައްސަލަ ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން 596 މައްސަލައަށް އެޓެންޑްވެފައިވާ ކަމަށެވެ.

ޝަމްއާން އިތުރަށް ވިދާޅުވީ، މިހާތަނަށް 4،361 ބިދޭސީއަކު ފުރުވާލެވިފައިވާ ކަމަށެވެ.

މި ވަގުތު އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ތިބީ، 135 ބިދޭސީން ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.