ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް އަޕްގްރޭޑް ކުރުމަށް ޗައިނާއިން ނަގާފައިވާ ލޯނު ދެއްކުމަށްޓަކައި ރީފައިނޭންސް އެގްރީމެންޓްގެ ދަށުން ޗައިނާގެ އިންޕޯޓް އެކްސްޕޯޓް ބޭންކުން ނަގާފައިވާ 74.7 ޑޮލަރުގެ ލޯމާބެހޭ މައުލޫމާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކޮށްފިއެވެ.

ސެޕްޓެމްބަރު 23، 2024، ގައި ސޮއިކޮށްފައިވާ މި ލޯނާ ބެހޭ މައުލޫމާތުތައް ކޮމިޓީއާ ހިއްސާ ކޮށްފައި ވަނީ، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސޮއި ކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއަކުންނެވެ.

އެސިޓީގައިވާ ގޮތުން މިއީ ތިން އަހަރުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން ހަ އަހަރު ދުވަހުގެ ތެރޭގައި ދައްކާ ގޮތަށް ނަގާފައިވާ ލޯނެކެވެ.

ލޯނު ރީފައިނޭންސް ކުރަންޖެހޭ ސަބަބުގެ ގޮތުގައި އެ ސިޓީގައި ފާހަގަކޮށްފައިވަނީ، މިކަމުގެ ސަބަބުން ކުރު އަދި މެދު ރާސްތާގައި ސަރުކާރުން ދައްކަންޖެހޭ ދަރަނި ދެއްކުމަށް ލުއިތަކެއް ލިިބި ދައުލަތުގެ ރިޒާވުން ކުރަންޖެހޭ ހޭދަ ކުޑަކުރެވި ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެގެންދާނެއެވެ.

ދެ ޕަސެންޓްގައި އިންޓްރެސްޓްގައި ދައްކަންޖެހޭ މިލޯނު 2030 ވަނަ އަހަރުގެ ނިޔަލަށް ދައްކައި ހަލާސް ކުރަން ޖެހެއެވެ. އެއީ އަންނަ ޖެނުއަރީ މަހުގެ 21 ގައި ފުރަތަމަ އިންޓްރެސްޓް ޕޭމެންޓާ އެކު، ލޯނުގެ ފުރަތަމަ ޕޭމަންޓް 21 ޖުލައި 2027 ގައި ދައްކަން ފަށަން ޖެހޭ ގޮތަށެވެ.

މިލޯނުން ރިފައިނޭންސް ކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު، 2015، ގައި ސަރުކާރުން ނެގި 373.8 މިލިއަން ޑޮލަރުގެ ލޯނެކެވެ.