ނަސްލު ނައްތާލުމަށް އަމާޒުކޮށްގެން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ކުރިއަށް ގެންދާ އަނިޔާވެރި އަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުން އިޒްރޭލް ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރުމަށް މަޖިލީހަށް ހުށަހެޅި ބިލްގެ މަސައްކަތް އަވަސްކުރުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައިގައި މަޖިލިސް ތަޅުމަށް ހުށަހެޅުމުގެ ފުރުސަތު މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ނުދެއްވިއެވެ.
އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު" އަށް އިސްލާހު ގެންނަން މަޖިލީހަށް ބިލް ހުށަހެޅުއްވީ، އިދިކޮޅު އެމްޑީޕީގެ މެންބަރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް އޮތް ރައްޔިތުންގެ މަޖިލީހުން އެ ބިލް ބަލައިގަތީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ބޭއްވި ޖަލްސާގައި އެވަގުތު ތިއްބެވި 88 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ޖަލްސާގައި ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ތާއީދު ކުރެއްވި ގޮތަށް އެ ބިލް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ބިލް ފޮނުއްވިއެވެ.
ނަމަވެސް އޭގެ ފަހުން ބިލްގެ މަސައްކަތް ކުރިއަށް ނުގެންގޮސް، ކޮމިޓީގައި ވަނީ ޕާކު ކޮށްފައެވެ. އޭގެ ފަހުން ކޮމިޓީއަށް ފޮނުވި ކިތަންމެ ބިލެއްގެ މަސައްކަތް ވަނީ ނިންމައިފައެވެ.
އެ ބިލްގެ މަސައްކަތް ލަސްވަމުންދާތީ ސަބަބު އޮޅުން ފިލުވުމަށް މިދިޔަ އޯގަސްޓް މަހުވެސް ބިލް ހުށަހެޅުއްވި މެންބަރު މަޖިލިސް ރައީސްގެ ކިބައިން އެދިވަޑއިގެންނެވިއެވެ. ނަމަވެސް އެ މެންބަރު ފޮނުއްވި ސިޓީއަށް މަޖިލިސް ރައީސް ޖަވާބު ދެއްވައިފައެއް ނުވެއެވެ.
އެމްޑީޕީން މިއަދު ހުށަހެޅި ކުއްލި މައްސަލައާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް ގަވާއިދުގައި ބުނާ ކުއްލި މައްސަލައިގައި ހަމަވާންޖެހޭ ޝަރުތުތައް އެ ކުއްލި މައްސަލައިގައި ހަމަނުވާ ކަމަށެވެ. އެހެންކަމުން އެ ކުއްލި މައްސަލަ މަޖިލިސް އަށް ހުށަހެޅުމުގެ ފުރުސަތު ނުދެއްވީ ކަމަށްވެސް ވިދާޅުވިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ގެ މި ކުއްލި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ގެ އިސްނެންގެވުމާ އެކު އެ ބިލްގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް ވަނީ ގޮވާލައްވައިފައެވެ.
އެ ބިލު އެހެން އޮއްވައި، ގާނޫނުތަކަށް އިސްލާހު ގެނެސްގެން، އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރާނެކަން 2، ޖޫން 2024، ގައި ސަރުކާރުން އިއުލާން ކުރިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އޮތް އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމުގެ ބިލް ކުރިއަށް ނުގެންގޮސް ޕާކްކޮށްފައި ބާއްވާފައި އޮންނަތާ ހަތަރު މަސް ފަހުން، އެ ބިލް އަވަސް ކުރަން މަޖިލިސް ޕީއެންސީން މިދިޔަ ބުދަ ދުވަހު ގޮވާލިއެވެ.
އެދުވަހު ޕީއެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިދިޔަ ޖޫން މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވީހާވެސް އަވަހަށް ގެނައުމަކީ ތާއީދު ކުރާ ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު