އުޒްބެކިސްތާނުގައި ކުރިއަށްދާ ކާވާ ޗެލެންޖް ކަޕް 2024ގެ ލީގު ބުރުގައި ރާއްޖެ އިން ކުޅުނު ދެވަނަ މެޗުގައި މިއަދު ތުރުކުމެނިސްތާން އަތުންވެސް ބަލިވެއްޖެއެވެ.

މިއަދުގެ މެޗަށް ރާއްޖެ އިން ނުކުތީ ފުރަތަމަ މެޗުގައި ކިރިގިސްތާނު ކައިރިން ސީދާ ތިން ސެޓުން ބަލިވެފައި އޮވެގެންނެވެ. އެ މެޗުގައި ސީދާ ތިން ސެޓުން ރާއްޖެ ބަލިވެފައި އޮތް ނަމަވެސް، މިއަދުގެ މެޗުގެ ކުޅުން ރަނގަޅު ކުރިއެވެ. މެޗު ގެންދަން ރާއްޖެ އިން ތަފާތު ހިތްވަރެއް ދެއްކި ނަމަވެސް ފަސް ސެޓަށް ގޮސްގެން ބަލިވީ 3-2 ސެޓުންނެވެ.

މިއަދުގެ ނަތީޖާ އާއެކު ދެ މެޗުން ބަލިވެ، ފައިނަލަށް ދިއުމަށް ރާއްޖެއަށް ވަނީ އަމިއްލަ ބާރު ގެއްލިފައެވެ. ދެން ރާއްޖެއަށް އޮތް މެޗުން މޮޅުވެގެންވެސް ރަނގަޅު ފުރުސަތެއް އޮތީ ތިންވަނަ ހޯދުމަށެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ސެޓު ތުރުކުމެނިސްތާނުން 25-18 އިން ގެންގޮސްފައިވަނިކޮށް، ރާއްޖެ އިން ވަނީ ދެން ޖެހިގެން އައި ދެ ސެޓު 23-25 އަދި 25-21 އިން ގެންގޮސްފައެވެ. ނަމަވެސް ދެން ޖެހިގެން އައި ދެ ސެޓު އަނެއްކާވެސް ތުރުކެމެނިސްތާނުން ގެންދިޔައެވެ. އެއީ 25-15 އަދި 15-8 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖެއަށް ގިނަ ޕޮއިންޓްތަކެއް ގެއްލުނީ އަމިއްލަ ގޯސްތަކުންނެވެ. ހާއްސަކޮށް ސާވިސް އިން ގިނަ ޕޮއިންޓްތަކެއް ގެއްލުނު އިރު، ރާއްޖެއަށް ލީޑު ނަގަން ފުރުސަތު ނުދީ ތުރުކުމެނިސްތާނުން ސެޓު ގެންދިޔައީ ފަސޭހަ ކޮށެވެ.

ދެން ޖެހިގެން އައި ސެޓުގައި ރާއްޖެ އިން ކުޅުން ރަނގަޅު ކުރިއެވެ. އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ)ގެ ރަނގަޅު އެޓޭކުތަކުގެ އިތުރުން ޝަމާއިލް ހުސެއިންގެ ބާރު އެޓޭކުތަކުން ރާއްޖެ ފައިދާ ނެގި އިރު، ދެ ސެޓުގައިވެސް ލީޑު ދެމެހެއްޓުމުގައި ރާއްޖެ އިން ރަނގަޅު ބްލޮކްތަކެއް ކުރިތަން ފެނުނެވެ. ވިދިވިދިގެން ދެ ސެޓު ގެންގޮސް، ރާއްޖެ އިން މެޗަށް އުންމީދު ބޮޑު ކުރި ނަމަވެސް، ހަތަރުވަނަ ސެޓުގައި އަނެއްކާވެސް ރާއްޖޭގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ތަފާތު ބޮޑުކޮށް ސެޓު ގެއްލި، ފަސްވަނަ ސެޓުވެސް ގެއްލުނެވެ.

ދެން ރާއްޖެއިން ކުޅޭ މެޗުގައި ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ. އެއީ މާދަމާއެވެ.