ވޭތުވެދިޔަ 17 އަހަރު ވިލާ ކޮލެޖާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އަދާކުރި ދައުރާ މެދު ވަރަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް އެ ދެ މަރުކަޒުގެ ފައުންޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވިލާ ކޮލެޖާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް މިއަދު 17 އަހަރު ފުރުނު މުނާސަބަތުގައި ގާސިމް ދެއްވި ހާއްސަ މެސެއްޖެއްގައި ވިދާޅުވީ ވޭތުވެދިޔަ 17 އަހަރު ވިލާ ކޮލެޖުން ވަނީ މަތީ ތައުލީމުގެ ފެންވަރު ރަނގަޅު އެތަކެއް ފުރުސަތުތަކެއް ދިވެހި ދަރިވަރުންނަށް ފޯރުކޮށްދީފައި ކަމަށެވެ.

ދުނިޔޭގެ ނަން ހިނގާ ޔުނިވާސިޓީތައް ގަބޫލުކުރާ އެންމެ މަތީ މިންވަރަށް އަދި ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ އެންމެ މަތީ މިންގަނޑުތަކަށް ފެތިފައިވާ އޭލެވަލް އާއި، ސެޓްފިކޭޓް ލެވަލް ޕްރޮގްރާމްތަކާއި، ޑިޕޮލޮމާ އާއި، ބެޗްލާސް ޑިގްރީގެ އިތުރުން މާސްޓާސް ޑިގްރީގެ އެތަކެއް ހާސް ދަރިވަރުން ވަނީ މި ހިޔާވަހިކަމުގެ ދަށުން މަތީ ތައުލީމު ހާސިލުކޮށް އެ ދަރިވަރުންގެ ދިރިއުޅުން އުޖާލާކޮށްފައި ކަމަށް ގާސިމް ވިދާޅުވިއެވެ.

"ނަތީޖާއެއްގެ ގޮތުން އިލްމު ފެތުރުމުގެ ތެރެއިން ދިވެހި ގައުމު ބިނާކުރުމާއި، ގައުމުގެ މާދަމާގެ މުސްތަގުބަލު އުޖާލާކުރުމުގައި ވިލާކޮލެޖާއި، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މިވަނީ، ދިވެހި ގައުމުގެ ނިސްބަތުން ނުހަނު ފުރިހަމަ ދައުރެއް، ވޭތުވި 17 އަހަރުގައި އަދާކޮށްދީފަކަމީ، އަޅުގަނޑު ނުހަނު އުފާކުރާ އަދި އެހާމެ ފަހުރުވެރިކަމާއެކު ފާހަގަކޮށްލަން ބޭނުންވާ ކަމެކެވެ..،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މި މުހިންމު މަސައްކަތުގައި ވިލާ ކޮލެޖު ހިންގެވުމުގައި ފުރަތަމަ ދުވަހުން ފެށިގެން ރެކްޓާ ޑރ. އަހުމަދު އަންވަރު ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިންތިހާއަށް ޝުކުރު ދަންނަވައި މަރުހަބާ އާއި ތަހުނިޔާ ދަންނަވާ ކަމަށާއި އަދި ކޮލެޖުގެ ވައިސްރެކްޓަރުން، ފެކަލްޓީތަކުގެ ޑީނުންނާއި، ކޮލެޖުގެ އިދާރީ އެންމެހާ މުއައްޒަފުންނާއި، ލެކްޗަރާއިންގެ އިތުރުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު ހިންގަވަމުން ގެންދަވާ އެންމެހާ ފަރާތްތަކުގެ އިހުލާސްތެރި މަސަައްކަތްތައް އުފަލާއެކު ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަށްވެސް ދުވަހުގެ ތަހުނިޔާ ދަންނަވާ ކަމަށެވެ.

އިއްޔެ އާއި މިއަދުވެސް ވިލާ ކޮލެޖުން އަހައްމިއްޔަތުކަން ދީފައިވާނީ ދަރިވަރުންނަށް ފެންވަރު ރަނގަޅު މަތީ ތައުލީމުގެ ނަމޫނާ ފުރުސަތުތައް ފޯރުކޮށްދިނުމަށް ކަމަށާއި ކުރިމަގުގައި ވެސް ވިލާ ކޮލެޖު ދެމިއޮންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.