ކުރިއަށް އޮތް 2025 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް، އެފްކޯންގެ ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗުގައި މަލާވީ ބަލިކޮށް، ސެނެގާލުން މުބާރާތަށް ކޮލިފައި ވެއްޖެއެވެ.
އެފްކޯންގެ ކޮލިފިކޭޝަން 12 ގްރޫޕަކަށް ޓީމުތައް ބަހާލައިގެން ކުރިއަށް ގެންދާއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނައަށް ކޮލިފިކޭޝަން ޔަގީން ފުރުސަތެއް ލިބޭނެއެވެ. މިހާތަނަށް ކޮންމެ ޓީމަކުންވެސް ހަތަރު މެޗު ގްރޫޕް ސްޓޭޖުގައި ކުޅެފައިވާ އިރު، 2021 ވަނަ އަހަރުގެ ޗެމްޕިއަން ސެނެގާލުން ރޭ ރަށުން ބޭރުގައި މަލާވީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ގްރޫޕް ސްޓޭޖުގައި ބާކީ ދެމެޗު އޮއްވާ ސެެގާލުން ކޮލިފިކޭޝަން ޔަގީންކުރި އިރު، މިހާތަނަށް މިސްރާއި އެންގޯލާ އަދި ޑީއާރް ކޮންގޯގެ އިތުރުން ސެނެގާލް ގްރޫޕްގައި ހިމެނޭ ބުރްކީނޯ ފާސޯއަށްވެސް ވަނީ މުބާރާތުގެ ކޮލިފިކޭޝަން ޔަގީންވެފައެވެ.
ސެނެގާލުން ހަތަރު މެޗުން 10 ޕޮއިންޓް ހޯދާ، ދެވަނައިގައި އޮތް އިރު، އެ ގްރޫޕްގެ އެއްވަނައިގައި ބުރްކީނޯ ފާސޯ އޮތީވެސް 10 ޕޮއިންޓާއެކުގައެވެ. ތަފާތަކީ ފައިދާ ގޯލެއްގެ ތަފާތެވެ. ސެނެގާލަށް 2021 ވަނަ އަހަރު އެފްކޯން ކާމިޔާބުކޮށްދިން ކޯޗު އަލިއޯ ސީސޭ، ދާދިފަހުން އެ މަގާމުން ވަކިކޮށްފައިވާ އިރު، ރޭގެ މެޗުގައި ސެނެގާލް މޮޅުކޮށްދިން ގޯލު، 96 ވަނަ މިނެޓުގައި ޖެހީ އަލް ނަސްރުގެ ވިންގް، ސަޑިއޯ މާނޭއެވެ.
މުހައްމަދު ސަލާހާ ނުލާ ކުޅުނު މިސްރުން ކޮލިފިކޭޝަން ޔަގީންކުރީ ރޭ މޮރިޓާނިއާގައި، އެގައުމާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށްގެންނެވެ. އެ ގޯލު ޖެހީ އިބްރާހީމް އާދިލެވެ.
ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ބަލާއިރު، އެންމެފަހުގެ އެފްކޯން ޗެމްޕިއަން އައިވޮރީ ކޯސްޓް ވަނީ 1-0 އިން ސިއެރާ ލެއޯން އަތްދަށުވެފައެވެ. އަދި ސޫދާން ކައިރިން 2-0 އިން ބަލިވެ، ގާނާއަށް ވަނީ ކޮލިފިކޭޝަން ފުރުސަތު ގެއްލުމުގެ ބިރާ ކުރިމަތިލާން ޖެހިފައެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން