ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓެކްސީވޭ ތަރައްގީކުރުމުގެ މަސައްކަތް، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ހަވާލުކޮށްފިއެވެ.

ވީއައިއޭ އިން ކުރިން ބޭނުންކުރަމުންދިޔަ ދުވަސްވީ ޓެކްސީވޭ "ޗާލީ" ތަރައްގީކުރުމަށް މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 20 އަހަރުގެ މާސްޓާޕްލޭންގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ވީއައިއޭގެ ޓެކްސީވޭ ތަރައްގީކުރުމުގެ މަސައްކަތް ބީޔޫސީޖީއާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވޭންގް ލިޒިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އަދި ބީޔޫސީޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ލުއޯ ވެއި އެވެ.

ޓެކްސީވޭގެ ގޮތުގައި ބޭނުންކުރާ ރަންވޭ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ އިރު، އެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2027 އަށެވެ. އެ ރަންވޭއަކީ 3200 މީޓަރުގެ ދިގުމިން ހުންނަ ރަންވޭއެކެވެ.

ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށް ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ ކ. ފުނަދޫ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އިތުރުން މާލެ ވަން ޓްރެކް މޮނޮރެއިލުން ގުޅާލުމުގެ މަޝްރޫއު ވެސް ހަވާލުކޮށްފައިވަނީ ބީޔޫސީޖީއާ އެވެ. އެމްއޭސީއެލުން ބީޔޫސީޖީއާ އެ މަޝްރޫއު ހަވާލުކުރީ އިއްޔެއެވެ.

މާލެ އާއި ހުޅުލެ މޮނޮރެއިލުން ފުނަދޫއާ ގުޅާލުމަށް ހިންގާ މަޝްރޫއަށް ފަންޑުކުރުމަށް ހަމަޖެހިފައިވަނީ ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އިންނެވެ. އިފްޒާއާއެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މިދިޔަ މެއި މަހު އިއުލާންކުރައްވައިފައެވެ.

އެކަން އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ ފުނަދޫގައި ކުރަންޖެހޭ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށާއި ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނެއްގެ ގޮތުގައި ފުނަދޫ ތަރައްގީކުރުމަށް ހަމަޖެހިފައިވާ އިރު، އެތަނުގެ ފިޒިކަލް އިންފްރާންސްޓްރަކްޗާ ވަރަށް މުހިއްމު ކަމަށެވެ.

"އެހެންވީމަ ފުނަދޫގައި ފިޒިކަލް އިންފްރާންސްޓްރަކްޗާ ގާއިމުކުރުމަށްޓަކައި އެންމެ ޒަމާނީ އިމާރާތެއް ފުނަދޫގައި ގާއިމުކުރުުމުގެ މަސައްކަތް ކުރުމަށް ބަޔަކާއެކު ވަނީ ސޮއިކުރެވިފައި، އެއީ އިންޓަނޭޝަން ފްރީޒޯން އޮތޯރިޓީއާއެކު،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ އެކަމަށްޓަކައި ފުނަދޫގައި މިހާރު ގާއިމުކޮށްފައި ހުރި ފިއުލް ސްޓޯރޭޖް މާލޭ ކައިރިން ތަނެއް ހިއްކައިގެން އެތަނަށް ބަދަލުކުރުމުގެ މަސައްކަތްވެސް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ މަސައްކަތަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ 18 މަސް ދުވަހުގެ ތެރޭގައި ކޮށް ނިންމާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.