ދިވެހި ބޭސްވެރިކަމުގެ ކޯސްތައް އަންނަ އަހަރު ފެށުމަށް މޯލްޑިވްސް ޕޮލިޓެކްނިކުން ތައްޔާރުވަމުން އަންނަ ކަމަށް އެ އިދާރާގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން ގއ. ވިލިގިއްޔަށާއި ގދ. ގައްދޫއަށް ކުރެއްވި ދަތުރަށްފަހު، އެ އިންސްޓިޓިއުޓްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވީ، އަތޮޅުތަކަށް ކުރެވޭ ދަތުރުތަކުން ރަށްރަށުގެ މީހުން ތަމްރީނުވާން ޑިމާންޑް ހުރި ދާއިރާތަކާއި ރާއްޖެއަށް އިންސާނީ ވަސީލަތްތައް ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ފަސޭހަވެގެން ދާކަމަށެވެ.

ޒޫޝާން ވިދާޅުވީ އާ ކޯސްތައް ފެށުމަށްވެސް އެ އިންސިޓިއުޓުން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ނެތެމުންދާ ފަންނުވެރިކަން ދަސްކޮށްދޭ ކޯސްތައްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒޫޝާން ވިދާޅުވީ، ގއ. ވިލިނގިލީ ކައުންސިލާއި އެ ރަށުގެ ބައެއް ރައްޔިތުންގެ ފަރާތުން ވަނީ ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ތަމްރީނުވުމުގެ ފުރުސަތު ފަހިކޮށްދޭން އެދިފައި ކަމަށާއި އެކަން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ޕޮލިޓެކްނިކް އިން ވަނީ އެމްއެންއެސްޑީއޭ އަދި މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ އެއްބާރުލުމާއެކު މުޅިން އާ 5 ކޯހެއް ތައާރަފުކުރުމަށް ކަނޑައަޅާފަ. އެގޮތުން، ޕޮލިޓެކްނިކުން މި އަންނަނީ 2025 ވަނަ އަހަރު ތެރޭގަ، ޕޮލިޓެކްނިކްގެ ގއ.ވިލިނގިލި ކެމްޕަސްގައި، ދިވެހި ބޭސްވެރިކަމާ ގުޅޭ ގައުމީ ފެންވަރުގެ ކޯހެއް ތައާރަފުކުރުމުގެ މަސައްކަތްތައް ފަށުމަށް ތައްޔާރުވަމުން" ޒޫޝާން ވިދާޅުވިއެވެ.