މަގުބޫލު ތަރީން ކަމުގައިވާ އަބީޝެކް ބަޗަން އަދި އައިޝްވަރިޔާ ރާއީ ބަޗަން ވަރިވިކަމުގެ ވާހަކަތައް މީސްމީޑިއާ އަދި މީޑިއާގައި އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ.
ބައެއް ޚަބަރުތަކުގައި އެ ދެމަފިރިންގެ ގުޅުން ރަނގަޅު ނޫން ކަމަށާއި ދެމީހުން އުޅެނީވެސް ވަކީން ކަމަށް ބުނާއިރު އަނެއްބައި ސުރުހީތަކުގައި ދެމީހުން ވަރިވެފައިވާ ކަމަށްވެސް ބުނެއެވެ. އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ އަބީޝެކްގެ މަންމަ ޖަޔާބަޗަން އާއި ދައްތަގެ ނުރުހުން އައިޝްވަރިޔާ އަށް އޮތުމެވެ.
ފަހަކަށް އައިސް އެކި އިވެންޓްތަކުންވެސް އަބީޝެކް އާއި އައިޝް ވަކިން ފެނިފައިވުމާއި ވަރިއާ ގުޅޭގޮތުން މީހަކު އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާ ޕޯސްޓަކަށް އަބީޝެކް ލައިކް ޖެހުންވެސް ވަނީ އެމީހުންގެ ގުޅުން ހީނަރުވެފައިވާކަން ހާމަވާކަމެއްގެ ގޮތުގައި ފޭނުން ސިފަކުރެއެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައަކަށް އަދި ސުވާލަކަށް އެ ދެމަފިރިންގެ ފަރާތުންވިއަސް އަދި އާއިލާގެ ފަރާތުންވެސް ވަކި ޖަވާބެއް މިހާތަނަށް ދީފައެއް ނުވެއެވެ. ނަމަވެސް ދާދި ފަހުން، ޕެރިސްގައި އޮތް ފެޝަންވީކަށް އައިޝްވަރިޔާ ގޮސްފައި ވަނީ ކައިވެނީގެ އަނގޮޓި އަޅައިގެންނެވެ. އެހެންކަމުން ތުންތުން މަތިން ދެކެވެމުން ދިޔަ ދެމަފިރީން ވަކިވިކަމުގެ ވާހަކަތަކަށް އޭގެ ސަބަބުން މަތި އެޅުނު ކަހަލައެވެ.
އެކަމަކު އަނެއްކާވެސް ދެމަފިރިންގެ ގުޅުމުގެ އަސްލު ދެނެގަންނަން ބޭނުންވެފައި ތިބި ފޭނުންނަށް އެ ގުޅުމާ ގުޅޭގޮތުން އެހެންކަމެއް ފާހަގަވެއްޖެއެވެ. މި މަހުގެ 11 ވަނަ ދުވަހު އަމީތާބުގެ 82 ވަނަ އަހަރުގެ އުފަންދުވަސް ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ. އޭނާ ހުށަހަޅާ މަގުބޫލު ޝޯއެއް ކަމަށްވާ ކޯން ބަނޭގާ ކްރޯޑްޕަތީގައި އަމީތާބުގެ ހަޔާތުގެ މައްޗަށް ހަދާފައިވާ ރިޕޯޓެއް ދައްކާފައިވާއިރު އެ ރިޕޯޓުގައި އާއިލާގެ މެންބަރުން އޭނާއަށް ފޮނުވާފައިވާ ތަހުނިޔާގެ ވީޑިއޯކޮޅުތައްވެސް ވަނީ ދައްކާފައެވެ. އޭގެ ތެރޭގައި އަންހެނުން ޖަޔާ ބަޗަންއާއި ދަރިފުޅު އަބީޝެކް، އަންހެންދަރިފުޅު ޝްވެތާ ބަޗަން އަދި ކާފަދަރިން ކަމުގައިވާ އަގަސްތިޔަ ނަންދާގެ އިތުރުން ނަވްޔާ ނަވޭލީ ނަންދާ ހިމެނެއެވެ. އަބީޝެކް އަދި އައިޝްވަރިޔާގެ އަންހެންދަރިފުޅު އަރަދްޔާގެ ފޮޓޯވަނީ އެ ވީޑިއޯގައި ދައްކާފައެވެ.
ނަމަވެސް އެ ވީޑިއޯގައި އައިޝްވަރިޔާ އެއްވެސް ގޮތަކަށް ފެނިފައެއް ނުވެއެވެ. އެކަމާ ގުޅިގެން ރެޑިޓްގައި ވަނީ ބަހުސެއް ފެށިފައެވެ. އަމީތާބަށް އުފަންދުވަހުގެ ތަހުނިޔާ ހިއްސާކުރުމަށް އައިޝްވަރިޔާ ވަނީ އޭނާގެ އިންސްޓަގްރާމު އެކައުންޓްގައި އަމީތާބާއި އަރަދްތާ އެކުގައި ހުންނަ ފޮޓޯއެއް ޕޯސްޓުކޮށްފައެވެ. ރެޑިޓްގައި މި ފޮޓޯއާއެކު އެޝޯގައި ދެއްކި ވީޑިއޯ ހިއްސާކުރަމުން ބައެއް މީހުން ބުނެފައިވަނީ އައިޝްވަރިޔާ އެއްވެސް ގޮތަކަށް ވީޑިއޯގައި ނުފެނުމުން އެމީހުން ދައްކަމުން އައި ވާހަކަ ތެދުވީކަމަށެވެ. މުޅި އާއިލާ އެކުގައި ވީޑިއޯގައި ދެއްކި ނަމަވެސް، އައިޝްގެ ފޮޓޯއެއްހާ މިންވަރުވެސް ދައްކާފައި ނުވުމުން އެއީ އޭނާ އެ އާއިލާއާ ގުޅުން ނެތްކަމުގެ ހެކިކަމުގައި ބައެއް މީހުން ސިފަކުރިއެވެ.
[ރެޑިޓްގައިވާ ޕޯސްޓު](https://www.reddit.com/r/BollyBlindsNGossip/comments/1g1gi66/aishwaryas_birthday_wish_for_amitabh_bachchan_ji/?utm_source=embedv2&utm_medium=post_embed&utm_content=post_body&embed_host_url=https://www.bollywoodlife.com/news-gossip/abhishek-bachchan-aishwarya-rais-divorce-confirmed-amitabh-bachchans-birthday-video-sparks-fresh-rumours-entertainment-news-3002988/)
ކޮންމެއަކަސް އަދިވެސް ރަސްމީކޮށް އައިޝް އަދި އަބީޝެކް ވަކިވި ކަމުގެ އެއްވެސް ހަބަރެއް ލިބިފައެއް ނުވެއެވެ. ހަމައެކަނި ތުންތުންމަތިން ދެކެވޭ ވާހަކައެވެ. ދެން މީސްމީޑިއާ އާއި މީޑިއާތަކުގައި ފެނިގެންދާ ޕޯސްޓުތަކާއި ވީޑިއޯތަކާއި ހަބަރުތަކުން ލިބޭ ބައެއް ކަންކަމުގެ މައްޗަށް އެކި ފޭނުން އެކި ގޮތަަށް އެ ގުޅުން ސިފަކުރަނީ އެވެ. ކައިވެނީގެ އަނގޮޓި އައިޝްވަރިޔާ އަޅައިގެން ހުރުމުން އެ ދެމަފިރިންގެ ގުޅުން ނުކެނޑޭކަމަށް ނިންމައިގެން އުފަލުން ތިބި ގިނަ ފޭނުން މިހާރު އަނެއްކާވެސް އެކަމާ ދެކޮޅެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް