ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ގިނަ ދުވަސްތަކެއް ވާންދެން ލަސްވެފައިވާ ހަނގުރާމައިގެ ފިލްމު "މާތުރުބޫމީ" އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ސިނަމާތަކަށް ނެރެން ނިންމައިފިކަން އޭނާ އިއުލާނުކޮށްފިއެވެ.

މި ފިލްމު ނެރޭނެ ތާރީހު ސަލްމާން އިއުލާނު ކުރީ މުމްބާއީގައި ބޭއްވި ފިލްމުގެ ޓްރެއިލާ ނެރުމުގެ ރަސްމިއްޔާތުގައެވެ. އަޕޫރްވާ ލާކިއާ ޑައިރެކްޓުކޮށްފައިވާ މި ފިލްމަކީ 2020 ވަނަ އަހަރު އިންޑިއާ އާއި ޗައިނާ ސިފައިންނާ ދެމެދު ގަލްވާން ވާދީގައި ހިނގި ކުރިމަތިލުންތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމަށް ކުރިން ދީފައި އޮތް ނަމަކީ "ބެޓްލް އޮފް ގަލްވާން" އެވެ. ނަމަވެސް ފަހުން ފިލްމުގެ ނަން "މާތުރުބޫމީ: މޭ ވޯ ރެސްޓް އިން ޕީސް" އަށް ވަނީ ބަދަލުކޮށްފައެވެ. ފިލްމު ނެރުން ލަސްވެފައިވަނީ ފިލްމުގެ ސްކްރިޕްޓަށް ބައެއް ބަދަލުތައް ގެނެސް، ބައެއް މަންޒަރުތައް އަލުން ނަގަން ޖެހުމާ ގުޅިގެން ކަމަށް ކުރީން ރިޕޯޓުކޮށްފައިވެއެވެ. ސަލްމާން ބުނެފައިވަނީ ފިލްމު ލަސްވީ ވިޝުއަލް އިފެކްޓްސްގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ނިންމުމަށް ވަގުތު ބޭނުންވުމުން ކަމަށެވެ.

ސަލްމާން ޚާން ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމުގައި ސަލްމާން ފެނިގެންދާނީ ކާނަލް ސަންތޯޝް ބާބޫގެ ރޯލުންނެވެ. އޭނާގެ އިތުރުން ޗިތުރަންގަދާ ސިންގް، މުކޭޝް ރިޝީ އަދި އަންކުރް ބާޓިއާ ފަދަ ތަރިން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މިއީ ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.