އިންޑިއާގެ މަޝްހޫރު ފިލްމު ކުންފުނި ޔާޝް ރާޖް ފިލްމްސް (ވައިއާރުއެފް) އިން އުފައްދާ ފުރަތަމަ ބިރުވެރި ފިލްމުގެ ލީޑުގެ ރޯލަށް ބޮލީވުޑްގެ ތަރި ވަރުން ދަވަން ހަމަޖައްސައި، އެ ފިލްމު 2028 ވަނަ އަހަރުގެ މާޗުގައި ސިނަމާތަކަށް ނެރުމަށް ނިންމައިފިއެވެ.
މިއީ ލޯބީގެ ފިލްމުތަކާއި އެކްޝަން ފިލްމުތަކަށް މަޝްހޫރުވެފައިވާ ވައިއާރުއެފް އިން ބިރުވެރި ފިލްމެއް އުފައްދާ ފުރަތަމަ ފަހަރެވެ. މި ފިލްމު ޑައިރެކްޓު ކުރާނީ ކާމިޔާބު ވެބް ސީރީޒް "ރޮކެޓް ބޯއީޒް" އިން އާންމުންގެ މަގުބޫލުކަން ހޯދި ޑައިރެކްޓަރު އަބޭ ޕައްނޫ އެވެ.
ނަމެއް އަދި ދީފައި ނުވާ މި ފިލްމަކީ ވައިއާރުއެފްގެ ޗެއާމަން އަދިތިޔަ ޗޯޕްރާގެ ބެލުމުގެ ދަށުން އުފައްދާ ފިލްމެއް ކަމަށް ހަބަރުތައް ބުނެއެވެ. ފިލްމު ޕްރޮޑިއުސްކުރާނީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަކްޝޭ ވިދާނީ އެވެ. މި ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔެފައިވަނީ ޑައިރެކްޓަރު އަބޭ ޕައްނޫ އެވެ. މިއީ އޭނާ ސިނަމާތަކަށް ނެރޭ ފީޗާ ފިލްމެއް ޑައިރެކްޓުކުރާ ފުރަތަމަ ފަހަރެވެ.
މި ފިލްމަކީ 2018 ވަނަ އަހަރު ނެރުނު ފިލްމު "ސުއީ ދާގާ" އަށްފަހު ވަރުން ދަވަން ވައިއާރުއެފް އާއެކު މަސައްކަތްކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން ވަރުން ދަވަން ވަނީ "ބޭޅިޔާ" ފަދަ ބިރުވެރި އަދި މަޖާ ފިލްމުތަކުގައި މޮޅު ހުނަރެއް ދައްކާފައެވެ. ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާއިރު، ފިލްމުގައި ހިމެނޭ އެހެން ތަރިންނާއި ވާހަކައިގެ ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އެމެރިކާ
ބޮލީވުޑް
އިސްލާމީ ތާރީޚު
ކޮމެންޓް