އެފްރިކަން ކަޕް އޮފް ނޭޝަންސް 2025 ގެ ކޮލިފިކޭޝަންގައި ލީބިއާއާ ދެކޮޅަށް ކުޅެން އޮތް މެޗު ނުކުޅޭނެ ކަމަށް ނައިޖީރިއާ ކުޅުންތެރީން ބުނެފިއެވެ.

ކުޅުންތެރީން އެފަދަ ގޮތަކަށް ނިންމާފައި ވަނީ ނައިޖީރިއާއިން ލީބިއާގެ އެއާޕޯޓެއްގައި 12 ގަޑިއިރަށްވުރެ ގިނައިރު، ތާށިވުމުގެ ބޮޑު މައްސަލަގަނޑެއް ހިނގުމުގެ ސަބަބުންނެވެ. ނައިޖީރިއާ ޓީމުން މިރޭ ލީބިއާއާ ދެކޮޅަށް ކުޅެން އޮތް ކޮލިފިކޭޝަން މެޗަށް ލީބިއާއަށް ދާން އޮތީ އާދީއްތަ ދުވަހުއެވެ. އެ ދުވަހު ދާން ނައިޖީރިއާ ޓީމުން ދަތުރުކުރި ފްލައިޓް، ވަކި ސަބަބެއް ނާންގައި ޖެއްސީ އަލް އަބްރާގް އެއާޕޯޓުގައެވެ. އެއީ ކުރިން ބެންގާޒީ އެއާޕޯޓަށް ޖައްސަން އޮތް ފްލައިޓެކެވެ. އަލް އަބްރާގަކީ ނައިޖީރިއާ ޓީމުން ތިބެން ހަމަޖައްސާފައިވާ ހޮޓަލާ 230 ކިލޯމީޓަރު ދުރުގައި އޮތް އެއާޕޯޓެކެވެ.

ނައިޖީރިއާއިން ބުނީ އެ ގައުމުގެ ގައުމީ ޓީމުން އެއާޕޯޓަށް ދިއުމުން، ހަވާލުވާނެ އެއްވެސް މީހަކު އެއާޕޯޓުގައި ނެތް ކަމަށާއި، ދަތުރުކުރެވޭނެ އިންތިޒާމެއްވެސް ހަމަޖައްސާފައި ނުވާ ކަމަށެވެ. އަދި ފްލައިޓް އިތުރަށް ދަތުރުކުރަން ދެކޮޅު ހެދީ ތެޔޮ ހުސްވެފައިވާތީ ކަމަށް ޕައިލެޓް ބުނި ކަމަށްވެސް ނައިޖީރިއާއިން ބުންޏެވެ.

އެ ހާލަތަށް ގޮސް، އެއާޕޯޓުގައި އެތައް ވަގުތެއް ހޭދަކުރަން ޖެހުމުން ނައިޖީރިއާ އެފްއޭއިން ގައުމީ ޓީމު އަނބުރާ ގައުމަށް ގެންގޮސްދޭން ޕައިލެޓް ކިބައިން އެދުމުން ތެޔޮ އަޅަން ވަގުތު ބޭނުންވާނެ ކަމަށް ބުނި ކަމަށާއި، ތެޔޮ އަޅައިގެންވެސް ފުރަން ދެކޮޅު ހަދައި، އެއާޕޯޓުގައި "ބަންދު" ކޮށްގެން އުނދަގޫކުރަން މަސައްކަތް ކުރި ކަމަށް ނައިޖީރިއާއިން ބުންޏެވެ.

"މިހާރު މިއޮތް ހާލަތުން މުޅި ޓީމުއެކުގައި މި ނިންމަނީ ލީބިއާއާ ދެކޮޅަށް ކުޅެން އޮތް އަވޭ މެޗު ނުކުޅެން. އަދި އަހަރެމެން ނައިޖީރިއާ ސަރުކާރަށް އެދެން އަހަރެމެންގެ މި މައްސަލައިގެ ތެރެއަށް ވަދެ، އަހަރެމެން އެނބުރި ގައުމަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސަން. އަހަންނަށް އަވޭ މެޗުތަކުގައި މިއަށްވުރެ އުނދަގޫ ހާލަތްތަކާވެސް ދިމާވި. އެކަމަކު މައިންޑް ގޭމް ޖައްސަން މި ހާލަތަށް ދިއުން އެއީ ލަދެއް،" ނައިޖީރިއާގެ ކެޕްޓަން ވިލިއަމް ޓްރޫސްޓް-އެކޮންގް "އެކްސް"ގައި ބުންޏެވެ.

ނައިޖީރިއާ ކުޅުންތެރިން ބުނީ އެ ޓީމު ބައިތިއްބާފައި ތިބީ ކާނެ އެއްޗެއް ނުދީ، ރެސްޓް ކޮށް ނިދާލާނެ ތަނެއްވެސް ހަމަނުޖައްސައި، ވައި-ފައި ވެސް ލިބޭނެ ފަދައެއް ނެތި ކަމަށެވެ. އެއްގަމު މަގުން ދަތުރުކުރަން އެ ހާލަތުގައި ބޭނުން ނުވާ ކަމަށާއި، ލީބިއާގައި އޮތީ ދާހިލީ ހަނގުރާމައެއް ކަމަށްވެސް ނައިޖީރިއާއިން ބުންޏެވެ.

ލީބިއާގެ އަލް އަބްރާގުން ބެންގާޒީއަށް ދާން ވެހިކަލެއްގައި ތިން ގަޑިއިރާ ބައިގެ ވަގުތެއް ނަގާއިރު، ދަތުރުކުރަން ޖެހޭ ސަރަހައްދަނީ ދެ ވެރިކަމެއް ގޮތުގައި ދާހިލީ ހަނގުރާމައެއް ހިނގަމުންދާ ސަރަހައްދުތަކެއްގެ ތެރެއިންނެވެ. އެއީ ބެންގާޒީ ހިމެނޭ އީސްޓަން ރީޖަންއިން ވެރިރަށް ޓްރިޕޯލީ ސަރަހްދަށެވެ. އެއީ ވެސްޓް ރީޖަން އަށެވެ. އެ ދެ ސަރަހައްދަކީ ވަކި ދައުލަތްތައް ހަދަން މަސައްކަތް ކުރާ ސަރަހައްދުތަކެކެވެ.

އެ ހާލަތުގައި އޮތް ސަރަހައްދަކަށް ބެންގާޒީ ވާތީ ލީބިއާގައި ހުންނަ ނައިޖީރިއާ އެމްބަސީއަށްވެސް މައްސަލަ ހައްލު ނުކުރެވިފައިވާ އިރު، ލީބިއާ ފުޓުބޯޅަ ފެޑަރޭޝަނުން ބުނީ އެ މައްސަލަ އިހުތިރާމާއެކު ހައްލުކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. އެއީ މެޗުގެ ނަތީޖާއަށް އަސަރު ފޯރުވަން ކުރި ކަމެއް ނޫން ކަމަށެވެ.

ލީބިއާ އިން މިދިޔަ ހުކުރު ދުވަހު ނައިޖީރިއާއަށް ގޮސް، 1-0 އިން ބަލިވި އިރު، އެ މެޗަށްފަހު ލީބިއާއިން ވަނީ ނައިޖީރިއާއިން ކަންތައް ކުރި ގޮތަށް ފާޑު ކިޔައިފައެވެ. ބަހަކަށް އެތައް އިރެއް ވަންދެން މަޑުކޮށް، 130 ކިލޯމީޓަރު ދުއްވަން ޖެހުމުގެ ޝަކުވާވެސް ލީބިއާއިން ކުރިއެވެ.