ނައިޖީރިއާގެ އިރުއުތުރުގައިވާ ބޯނޯ ސްޓޭޓްގެ މަންޑާރާ ފަރުބަދަތަކުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމްގެ އަތްދަށުގައި ރަހީނުކޮށްފައި ތިބި 360 މީހުން ނައިޖީރިއާގެ އަސްކަރިއްޔާއިން ސަލާމަތްކޮށްފިއެވެ.
ނައިޖީރިއާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އާދީއްތަ ދުވަހު ކުރި މި ކާމިޔާބު އޮޕަރޭޝަންގައި ސަލާމަތް ކުރި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ނައިޖީރިއާގެ އަސްކަރިއްޔާގެ ތަރުޖަމާނު ހާރޫނާ ސާނީ ވިދާޅުވި ގޮތުގައި، ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ހާއްސަ ފޯސްތަކުން ހިންގި މި އޮޕަރޭޝަނަކީ ގިނަ ދުވަސްތަކެއް ވަންދެން އެއްކުރި އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް ހިންގި އޮޕަރޭޝަނެކެވެ. ސިފައިންގެ ކުއްލި ހަމަލާތަކާއެކު ބޯކޯ ހަރާމްގެ ހަނގުރާމަވެރިން ވަނީ އެ ސަރަހައްދު ދޫކޮށް ފަރުބަދަތަކުގެ ތެރެއަށް ފިލައިފައެވެ.
ރަހީނުކޮށްފައި ތިބި މީހުންގެ ހާލަތާ ގުޅޭގޮތުން ސާނީ ވިދާޅުވީ، ފަރުބަދަމަތީގެ އުނދަގޫ މާހައުލާއި ރަހީނުކޮށްފައި ތިބި އިރު އުފުލަން ޖެހުނު ތަކުލީފުތަކުގެ ސަބަބުން ވަރުބަލިވެގެން ދެ ތުއްތު ކުއްޖަކު މަރުވެފައިވާ ކަމަށެވެ.
ސަލާމަތް ކުރެވުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އިންސާނީ އެހީދޭ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ގިނަ މީހުން ތިބީ ކާނާ މަދުވުމާއި ބަލިމަޑުކަމުގެ ސަބަބުން ވަރަށް ބޮޑަށް ނިކަމެތިވެފައެވެ. އެހެންކަމުން އެ މީހުންނަށް މިހާރު ދަނީ ރައްކާތެރި ހިސާބުތަކުގައި ސިއްހީ ފަރުވާ އާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި މީހުންނަކީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި ބޯނޯ ސްޓޭޓްގެ އެކި އަވަށްތަކުން ރަހީނުކޮށްފައިވާ ބައެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަސްކަރިއްޔާއިން 360 މީހުން ސަލާމަތް ކުރި ކަމަށް ބުނި ނަމަވެސް، އެ ސަރަހައްދުގެ ލޯކަލް ގަވަރުމަންޓްގެ އޮފިޝަލުންނާއި ލީޑަރުންނާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސަލާމަތްވި މީހުންގެ އަދަދު 400 އަށްވުރެ ގިނަވާނެއެވެ. މި އޮޕަރޭޝަނަކީ ބޯކޯ ހަރާމްއަށް ދެވުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް އަސްކަރިއްޔާއިން ވަނީ ސިފަކޮށްފައެވެ.
އެފްރިކާ
އެފްރިކާ
އެފްރިކާ
އެފްރިކާ