މެންޗެސްޓާ ސިޓީން މުސާރަ ދިނުން ހުއްޓާލުމުން ވަރަށް ބޮޑަށް އަތްމަތި ދަތިވި ކަމަށާއި، އެއިރު އެހީވީ އެ ކްލަބަށް އެކުގައި ކުޅެމުންދިޔަ ބައެއް ކުޅުންތެރިން ކަމަށް އެ ކްލަބަށް ކުރިން ކުޅުނު ޑިފެންޑަރު ބެންޖަމިން މެންޑީ ބުނެފި އެވެ.
މެންޑީ، 30، ރޭޕް ކުރަން އުޅުމާއި، ރޭޕް ކުރި ކަމުގެ ތުހުމަތުތަކުގައި އެތައް ދުވަހެއް ވަންދެން ބަންދުގައި ހުރުމަށްފަހު މިހާރު ވަނީ އެ ހުރިހާ ތުހުމަތަކުން ސަލާމަތްވެފައެވެ. މެންޑީއާ ދެކޮޅަށް އުފުލާފައިވާ މައްސަލަތަކުގެ ޝަރީއަތް ނިމި، އޭނާ މިނިވަންވީ މިދިޔަ އަހަރު ތެރޭގައެވެ. އެ މައްސަލަތަކުގައި ކޯޓުން ނިންމީ މެންޑީއާ އެއްކޮޅަށެވެ.
މެންޑީ އެންމެ ފުރަތަމަ 2020 ވަނަ އަހަރު ހައްޔަރުކުރުމުން އެފަހަރު އޭނާ ދޫކޮށްލި ނަމަވެސް، 2021 ވަނަ އަހަރު ތެރޭގައި ހައްޔަރުކޮށް، ފަސް މަސް ދުވަސް ވަންދެން ޖަލުގައި ބެހެއްޓިއެވެ. އޭގެފަހުން ކަފާލާތުގެ ދަށުން 2022 ވަނަ އަހަރު ޖެނުއަރީ މަހު މެންޑީ ޖަލުން ދޫކޮށްލައި، އެންމެ ފުރަތަމަ އަޑު އެހުމަށް ގެންދިޔައީ 2022 ވަނަ އަހަރު އޮގަސްޓް މަހުގައެވެ. މެންޑީގެ މައްސަލައިގައި ކޯޓުން ގޮތެއް ނިންމީ މިދިޔަ އަހަރު ޖެނުއަރީ މަހުގައެވެ. މެންޑީގެ މައްޗަށް 2021 ވަނަ އަހަރު އޮގަސްޓް މަހު ދައުވާ އުފުލި ހިސާބުން ސިޓީން ވަނީ އޭނާއަށް މުސާރަ ދިނުން ހުއްޓާލައިފައެވެ. އެއީ ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލާފައި ވަނީ ސިޓީގެ ސްޓޭޑިއަމް ސަރަހައްދަށްވެސް ނުދެވޭނެ ގޮތަށް ކަމަށްވާތީ، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުމަށް އަމަލު ނުކުރެވޭތީ ކަމަށް ސިޓީން ބުންޏެވެ.
އޭގެފަހުން މެންޑީ މަސައްކަތް ކޮށްފައި ވަނީ 2021 ވަނަ އަހަރު ސެޕްޓެމްބަރު މަހުން ފެށިގެން ސިޓީން މުސާރަ ދީފައި ނުވާތީ، އެ މުސާރަ ގެއްލުމުގެ ބަދަލާއެކު ހޯދުމަށެވެ. އެކަމުގައި މެންޑީ ވަނީ މިދިޔަ އަހަރު ނޮވެމްބަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ވައްދާފައެވެ.
މެންޑީގެ މައްސަލައިގެ އަޑު އެހުންތައް މިހާރު ފެށިގެން ކުރިއަށްދާ އިރު، އޭނާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި ބުނީ މުސާރަ ދިނުން ހުއްޓާލުމުން "ވަރަށް އަވަހަށް އަތްމަތި ދަތިވި،" ކަމަށާއި، ވަކީލުންގެ ޓީމަށް ފައިސާ ދައްކަން ޗެޝިއާ މެންޝަން ވިއްކާލަން ޖެހުނު ކަމަށެވެ. އޭގެ އިތުރުންވެސް ކުދީންނަށް ހަރަދު ކުރުމަށާއި ބިލްތައް ދައްކަންވެސް އޭރު ދަތިވި ކަމަށް މެންޑީގެ ފަރާތުން ބުނެފައިވެއެވެ.
މެންޑީ ބުނީ އެއިރު އެހީވީ ސިޓީއަށް ކުޅެމުންދިޔަ ރަހީމް ސްޓާލިންނާއި، ބަނާޑޯ ސިލްވާގެ އިތުރުން ރިޔާދު މަހަރޭޒް ކަމަށެވެ. އެ ކުޅުންތެރީން ގާނޫނީ ކަންކަމަށް ފައިސާ ދައްކައިދީ، އާއިލާއަށްވެސް އެހީވި ކަމަށް މެންޑީ ބުނެފައިވެއެވެ.
މެންޑީގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ނޮވެމްބަރު 2022 ގައި އޭނާ، ސިޓީގެ އޭރުގެ ޗީފް ފުޓްބޯލް އޮޕަރޭޝަންސް، އަދި މިހާރު މެންޗެސްޓާ ޔުނައިޓެޑްގެ ޗީފް، އޮމަރް ބެރާޑާއަށް މުސާރަ ދޭން އެދުނު ކަމަށެވެ. އެ މެސެޖު ބެރާޑާ ބެލުމަށްފަހު ރިޕްލައި ނުކުރުމުން އެޖެންޓް މެއިސާ އެންޑިއާޔޭ ބެރާޑާއާ ވަކިން ވާހަކަ ދެއްކި ކަމަށާއި، މައްސަލަ ނިމުމުން ޔަގީނުންވެސް ދޭން ޖެހޭ މުސާރަ އެއްކޮށް ދޭނެ ކަމުގެ ޔަގީންކަން ބެރާޑާ ދިން ކަމަށްވެސް މެންޑީގެ ފަރާތުން ބުންޏެވެ.
ބެރާޑާ ވަނީ އަޑު އެހުމުގައި އެ ޔަގީންކަން ދިން ކަމަށް ދެކޮޅު ހަދައިފައެވެ. އެ އަޑު އެހުމުގައި މެންޑީއާ ދެކޮޅަށް ސިޓީން ބުނީ، މެންޑީ ކޮވިޑް 19 ގެ ހާލަތުގައިވެސް އެއްބަސްވުމާ ހިލާފުވި ކަމަށާއި، ކަފާލާތުގެ ދަށުން ދޫކުރި ގޮތުން ސިޓީއަށް މެންޑީއަށް މުސާރަ ދޭން ނުޖެހޭ ކަމަށެވެ. މެންޑީ ކޮވިޑް ތެރޭގައި ބޭއްވި ޕާޓީތަކަށް ސިޓީން ފާޑު ކިޔާފައިވެއެވެ.
ޖަވާބުގައި މެންޑީ ބުނީ އެ ޕާޓީތަކުގައި ކްލަބުގެ ކެޕްޓަނާއި އެތައް ކުޅުންތެރީންނެއްވެސް ބައިވެރިވެފައިވާ ކަމަށާއި، އޭރު ބާތިލުނުކޮށް އޮތް އެއްބަސްވުމަކުން އެ ކަންކަން ދައްކައި ފައިސާ ދޭން ދެކޮޅު ނުހެދޭނެ ކަމަށެވެ. އަދި އެއްބަސްވުން ބާތިލުކުރަން ސިޓީން އެދުމުން ބާތިލު ނުކޮށް ބޭއްވީ ސީދާ ފައިސާ ހޯދުމުގެ ނިޔަތުގައި ނޫން ކަމަށާއި، އަލުން ކުޅެން ބޭނުންވެގެން ކަމަށްވެސް މެންޑީ ބުންޏެވެ.
މެންޑީ، 2017 ވަނަ އަހަރު މޮނާކޯއިން ސިޓީއާ ގުޅުނީ 52 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައެވެ. ސިޓީއާއެކު ޕްރިމިއާ ލީގު ޗެމްޕިއަންކަން 2018، 2019 އަދި 2021 ވަނަ އަހަރު މެންޑީ ހޯދިއެވެ. އެ ކްލަބަށް މެންޑީ އެންމެފަހުން ކުޅުނު މެޗަކީ 15 އޮގަސްޓް 2021 ވަނަ އަހަރު ޕްރިމިއާ ލީގުގައި ކުޅުނު މެޗެވެ. މެންޑީ، މިހާރު ކުޅެމުން އަންނަނީ ފްރާންސް ލީގުގެ ލޮރިއެންޓަށެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ