އދ.ގެ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅަށް ދައުލަތުން ހަރަދުކޮށްފައިވަނީ 2.4 މިލިއަން ރުފިޔށާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް މުއިއްޒު، އދ.ގެ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 20 އިން 29 ވަނަ ދުވަހަށެވެ.

ރައީސް އޮފީހުން އާއްމު ކުރި ރައީސްގެ ދަތުރުފުޅުގެ ތަފްސީލުގައި ވާ ގޮތުން ރައީސްގެ ދަތުރުފުޅަށް ހަރަދުކޮށްފައިވަނީ 2،455،583.01 ރުފިޔާއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އދ އަށް ވަޑައިގެންނެވީ، ދެ ފަހަރުއެވެ. އެއީ 2019 ވަނަ އަހަރާއި 2021 ވަނަ އަހަރުއެވެ.

އޭގެ ތެރެއިން 2019 ވަނަ އަހަރު ދައުލަތުން 4.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، 2021 ވަނަ އަހަރު ދައުލަތުން 5.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

ރައީސް މުއިއްޒުގެ އދ. ދަތުރުފުޅުގައި ވަނީ، ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވައިފައެވެ. އަދި ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގައި ވެސް ތަގުރީރު ކުރައްވައިފައެވެ. މިއީ މީގެ 59 އަހަރު ކުރިން، އދ. ގެ މެންބަރަކަށް ރާއްޖެ ވީ ފަހުން، ގައުމުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު ސަލާމަތީ މަޖިލީހުގެ ތަޅުމުގައި ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ މުހިންމު މައުލޫއުތަކަށް އެތައް ތަގުރީރެއް ދެއްވައިފައެވެ. އަދި ސެޝަންގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު އެތައް ބައްދަލުވުމެއްގެ ރިޔާސަތުގައި ކޯ-ޗެއާއެއްގެ ހައިސިއްޔަތުން އެ މަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ.

މީގެ އިތުރުން ހަވާސާ ބައްދަލުވުންތަކުގައި ރައީސްގެ ވާހަކަފުޅުތަކާއި ތަގުރީރުތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ މޫސުމީ ނޭދެވޭ ބަދަލުތައް، އިއާދަކުރަނިވި ހަކަތަ، އިޖުތިމާއީ އިގުތިސޯދީ ގޮންޖެހުންތަކާއި ޑިޖިޓަލައިޒް ކުރުން ފަދަ މައުލޫތަކަށެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ނިއުޔޯކަށް ވަޑައިގެންނެވި އެކި ވަފުދުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވައި ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދަވައިފައެވެ. އެގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓޭރޭޒްއާ ވެސް ބައްދަލު ކުރައްވާފައިވެއެވެ. އަދި ނިއުޔޯކްގައި ދިރިއުޅެމުން އަންނަ ދިވެހިންނާ ވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވައިފައެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމެރިކާއިން ފުރާވަޑައިގަތުމުގެ ކުރިން ރައީސް ވަނީ "ޑީންސް ލީޑާޝިޕް ސީރީޒް" ގެ ދަށުން، ޕްރިންސްޓަން ޔުނިވާސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް އެފެއާޒްގައި ތަގުރީރު ކުރައްވައިފައެވެ. އޭގެ އިތުރުން، ނިއު ޔޯކްގައި ހުންނަ ގޫގްލްގެ މައި އޮފީހަށްވެސް ޒިޔާރަތް ކުރެއްވިއެވެ.