ޑްރަގް މައްސަލައިގައި ކުށް ސާބިތު ނުވެގެން ކުރިމިނަލް ކޯޓުން ދޫކޮށްލި މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ހައިކޯޓުން ހުކުމް ކުރީ ވ. ޖަނަފް މުހައްމަދު މަމްދޫހުގެ މައްޗަށެވެ.

މިއީ ހ. ފްލެޝް ގެސްޓްހައުސްގެ ދެ ނަންބަރު ކޮޓަރީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރުކުރާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށްގޮސް ހިންގި އޮޕަރޭޝަނެއްގައި ޑްރަގާއެކު މަމްދޫހު ހައްޔަރުކުރުމުން، އޭނާގެ މައްޗަށް ކުރި ދައުވާއެކެވެ.

ނަމަވެސް ދައުވާއަށް އޭނާ އިންކާރު ކޮށްފައިވުމާއި، ހުށަހެޅި ހެކިތަކުން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް އެ މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ކަނޑައަޅައި، ކުރިމިނަލް ކޯޓުން ހުކުމް ކުރީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް މަމްދޫހުގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.

ނަމަަވެސް ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބެލުމަށްފަހު، ހައިކޯޓުން ހުކުމް ކޮށްފައި ވަނީ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ މަމްދޫހުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި މަމްދޫހު އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ. އަދި ޖޫރިމަނާ ފައިސާ 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ވެސް ވަނީ އަންގައިފައެވެ.