ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ހުންނަވާ ރަސްމީ ގެކޮޅު، މުރައިދޫގޭގެ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންގެ މުސާރަތަކުގެ ތަފުސީލު ހޯދުމަށް ހުށަހެޅި މައްސަލައިގައި ބޭއްވި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ކޮމިޓީ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ މަސައްކަތަކީ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ މުސާރައިގެ ތަފުސީލު ހޯދުމަށް އެކިއެކި ފަރާތްތަކުން މަޖިލީހަށް ހުށަހަޅަމުންދާ މައްސަލަ ކަމަށެވެ.
އެކަމާ ގުޅިގެން އެ ލިޔުންތަކާއެކު މަޖިލިސް އިދާރާއިން ކޮމިޓީއަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، ކޮމިޓީގެ މިއަދުގެ ބައްދަލުވުމަކީ އެ ސިޓީ ކޮމިޓީއާ ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. ކޮމިޓީ ބައްދަލުން ސިއްރު ކުރެވޭނީ މެންބަރަކު ހުށަހަޅުއްވައި ތާއީދު ކުރެއްވުުމުން ވޯޓަށް އައްސަވައިގެން ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރެއްވުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވިއެވެ. ތާއީދު ކުރެއްވީ މާމިގިނލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ. އެ ހިސާބުން ކޮމިޓީ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު