ނަސްލީ ތަފާތުކުރުމުގެ މައްސަލަތަކާ ގުޅިގެން ލާޒިއޯއާއި އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުންނަށް ޔޫއެފާއިން ފިޔަވަޅު އަޅައިފިއެވެ.

ޔޫއެފާއިން ސެރެއާ އޭގެ ލާޒިއޯ 36،660 ޕައުންޑުން ޖޫރިމަނާ ކޮށްފައިވަނީ ޔޫރޮޕާ ލީގުގައި އެންމެފަހުން ނީސްއާ ދެކޮޅަށް ކުޅެ 4-1 އިން މޮޅުވި މެޗުގައި ސަޕޯޓަރުންގެ ފަރާތުން ފެނުނު އަމަލުތަކުގެ ސަބަބުންނެވެ. ޖޫރިމަނާގެ އިތުރުން ޔޫއެފާއިން އަންގާފައިވަނީ އެ ކްލަބުގެ ސްޓޭޑިއޯ އޮލިމްޕިކޯގެ ބައެއް، އެއް މެޗަށް ބަންދު ކުރުމަށެވެ. އެ އަދަބު ތަންފީޒުކުރަން ލާޒިއޯއަށް އަހަރެއް ލިބޭނެއެވެ.

ޔޫއެފާއިން އެތުލެޓިކޯ ޖޫރިމަނާ ކޮށްފައިވަނީ 25،113 ޕައުންޑްގެ އަދަދަކަށެވެ. އެއީ ލިސްބަންގައި ބެންފިކާއާ ދެކޮޅަށް ކުޅެ، 4-0 އިން ބަލިވި މެޗުގައި ހިނގައިދިޔަ ކަންތައްތަކެއްގެ ސަބަބުންނެވެ. އޭގެ އިތުރުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި ކުޅޭ އެއް އަވޭ މެޗަށް އެތުލެޓިކޯއަށް ޓިކެޓު ނުވިއްކޭނެ ގޮތަށްވެސް ވަނީ އަދަބު ދީފައެވެ.

ލާޒިއޯއަކީ މީގެ ކުރިންވެސް ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން އަދަބު ލިބިފައިވާ ކްލަބެކެވެ. އެގޮތުން 2023 ވަނަ އަހަރު ލެޗޭގެ ދެ ކުޅުންތެރިޔަކާ ނަސްލީ ގޮތުން ދިމާކުރުމުގެ ސަބަބުން ސަޕޯޓަރުންގެ އަދަބެއްގެ ގޮތުގައި ސްޓޭޑިއަމްގެ ބައެއް ބަންދުކުރަން އިޓަލީ ލީގުން ލާޒިއޯއަށް ވަނީ އަންގައިފައެވެ.