މިދިޔަ ސެޕްޓެމްބަރު 14 ގައި ހަސޯވާ ބިލްޑިންގުން ވެއްޓި މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގް އިބްރާހިމް އަދުނާނު ދިޔައީ ނަފުސާނީ ބައްޔަށް ބޭސް ކުރަމުން ކަމަށާއި ނަމަވެސް ޖިންސީ ގޯނާ ލިބިފައިވާ ކަމުގެ އެއްވެސް ކަމެއް މިހާތަަނަށް އަދި ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ވިފާގުގެ މަރާ ގުޅޭގޮތުން ފުލުހުން މައުލޫމާތު ހިއްސާކޮށްފައި މިވަނީ އޭނާގެ މަރާ ގުޅޭ ގޮތުން "ޗެނަލް13" އިން ގެނެސްދިން ރިޕޯޓުގައި ފުލުހަށާއި އޭނާގެ މަންމައަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާތީއެވެ. އަދި އެ ރިޕޯޓުގައި ވިފާގުގެ ދޮންބައްޕަ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި އޭނާއަށް ނާޒިމް، ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ވެސް ކޮށްފައިވެއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވަނީ އެ ކުއްޖާގެ މަރާއި އެ ކުއްޖާއާ ގުޅޭ ވަރަށް ގިނަ ޒާތީ މައުލޫމާތުތައް ހާމަކޮށްފައެވެ. މީގެ ކުރިން އަމިއްލައަށް މަރުވާ މައްސަލަތަކުގެ މައުލޫމާތާއި މަރުވާ ކުދިންގެ ޒާތީ މައުލޫމާތުތައް ފުލުހުން ހާމައެއް ނުކުރެއެވެ.
ވިފާގްގެ ބައެއް ޒާތީ މައުލޫމާތުތައް ހާމަކުރައްވަމުން ޝިފާއު ވިދާޅުވީ ވިފާގަކީ 2016 ވަނަ އަހަރުން ފެށިގެން ނަފުސާނީ ބައްޔަށް ފަރުވާ ކުރަމުން އައި މީހެއް ކަމަށެވެ. އޭނާ ނަފުސާނީ ބައްޔަށް ފަރުވާ ހޯދަން ފަށާފައިވަނީ ސްކޫލު ދައުރުގައި ކަމަށް ވެސް ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ އޭނާ ވަނީ ޕާސަނާލިޓީ ޑިސްއޯޑާގެ ބޯޑާލައިން ޓައިޕަށް ޑަޔަގްނޯސްކޮށްފައި ކަމަށާއި އެކަމަށް ފަރުވާ ހޯދާފައިވާ ކަމަށެވެ. އެގޮތުން އޭނާ ކިޔަވަން އިނގިރޭސިވިލާތުގައި އުޅުނު އިރުވެސް ފަރުވާ ހޯދާފައިވާ ކަމަށާއި ތެރަޕީ ނަގާފައިވާ ކަމަށެވެ.
އެގޮތުން އޭނާ އިނގިރޭސިވިލާތުގައި ހުރި އިރު މަންމައަށް ގުޅައި، ބޭސްތަކެއް ކައިގެން އަމިއްލައަށް މަރުވާން ވެސް މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެންވެ، އޭނާގެ ބައްޕަ ފޮނުވައި ވިފާގު އަނބުރާ މާލެ ގެނައި ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވަނީ ހުޅުމާލޭ ހޮސްޕިޓަލުން ވެސް ނަފުސާނީ ބައްޔަށް ފަރުވާ ހޯދާފައި ކަމަށާއި އިތުރު ބައެއް ތަންތަނުން ވެސް ތެރަޕީ ނަގާފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ ވިފާގު އޭރު ދިރިއެޅުމުން ދިޔައީ އޭނާގެ މަންމަ އާއި ދޮން ބައްޕައާ އެކު ކަމަށާއި އޭނާ ދިރިއުޅުނު ކޮޓަރިން ނަފްސާނީ ބައްޔަށް ބޭނުންކުރާ ބޭސްތައް ވެސް ފެނިފައިވާ ކަމަށެވެ.
ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ޝިފާއު ވިދާޅުވީ ވިފާގުގެ ހަށިގަނޑު ބެލި އިރު، އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ ފަރާތެއް ނޫންކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.
"ވިފާގް ނިޔާވި އިރު އޭނާ ވަނީ ބިކުރުވެރި ހާލަތެއްގައިކަން ވިފާގްގެ މެޑިކަލް ރެކޯޑުތަކުން އެނގެން އޮތުމުން އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެއް ނޫންކަން ވަނީ ކަށަވަރުކުރެވިފައި،" ޝިފާއު ވިދާޅުވިއެވެ.
އޭގެ އިތުރުން ސިއްހީ ލިޔެކިޔުންތަކުންނާއި ނަފްސާނީ ބައްޔަށް ބޭސްކުރި އިރުގެ ލިޔުންތަކުން ވެސް އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ހެއްކެއް ލިބިފައިނުވާ ކަމަށެވެ. އަދި އޭނާ ތެރަޕީ ނެގި ބައެއް ފަރާތްތަކާ ވެސް ސުވާލުކޮށްފައިވާނެ ކަމަށާއި އަދި މިހާތަނަށް އެފަދަ ކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.
"އޭގެ ހިސްޓްރީ އާއި މި ކަންތައްތަކުގައި ވެސް. އެންމެ ރިޕޯޓަކުން ވެސް އަޅުގަނޑުމެންނަށް ފާހަގައެއް ނުވޭ ޖިންސީ ގޯނާގެ ނުވަތަ ޖިންސީ އަމަލެއް ހިންގައިގެން އެކަހަލަ އެއްވެސް ހިސްޓްރީއެއް ނުވަތަ އެކަހަލަ ކަމެއް ކުއްޖާގެ ފަރާތުން އެއްވެސް ގޮތަަކަށް ފާހަގަވެފައެއް ނުވޭ،" ޝިފާއު ވިދާޅުވިއެވެ.
އެ ތުހުމަތުތަކާ ގުޅިގެން ނާޒިމްއާ ސުވާލުކޮށްފައިވޭތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ޝިފާއު ވިދާޅުވީ، އެ ސުވާލު ކުރިކަން ސީދާ ޔަގީން ނުވާ ކަމަށެވެ. ނަމަވެސް އެކަން ސާފު ކުރުމަށްފަހު ފަހުން ޖަވާބުދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ހަމަ ސީދާ ސްޕެޝިފިކްކޮށް ބަލައިލަން ޖެހޭނީ، އަޅުގަނޑަށް ގަބޫލު ކުރެވެނީ ކޮށްފައޭ އިންނާނީ. އަޅުގަނޑުމެން މުޅި މައްސަލައިގައި ކުރަންޖެހޭ ސުވާލުތައް ކޮށްފައި ހުންނާނީ. އަޅުގަނޑަށް މި ވަގުތުގައި ސީދާ ސްޕެސިފިކަލީ އެ ސުވާލު އިނޭ ނެތޭ ބުނާކަށް ނޭނގޭ. އެއީ ކުޑަ ބަޔާނަކަށް ނުވީމަ ބަލައިލަން ޖެހޭނީ. ސީދާ ޔަގީނެއް ނޫން އެ ސުވާލު ހިމެނޭ ކަމެއް ނޫނީ ނުހިމެނޭ ކަމެއް ވެސް،" އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ވިފާގުގެ މަރާ ގުޅިގެން ޝައްކު ކުރެވޭ އިތުރު ކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށާއި މި މައްސަލައިގައި ޝައްކު ކުރެވޭ ފަރާތެއް ވެސް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު