ހ. ހުދުފިނިފެންމާގެއާގޭގެ މީހުންނަށް ވަދެ ނުކުތުމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި، ހ. ހުދުފިނިފެންމާގޭގެ ތަޅައިލުމުގެ ސަބަބުން އެގޭ ހަސަން ޝާކިރަށް ލިބުނު ގެއްލުމުގެ ޒިންމާ މާލޭ ސިޓީ ކައުންސިލް އިދާރާއިން އުފުލަން ޖެހޭކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ މާލޭ ސިޓީ ކައުންސިލުގެ ހުއްދައާއެކު މީގެ ކުރިން ރާނާފައިވާ ފާރެއްގެ ސަބަބުން، ހ. ހުދުފިނިފެންމާގެއާ އިންވެގެން ހުރި، ހުދުފިނިފެންމާގެއާގޭގެ މީހުންނަށް ވަދެ ނުކުމެ ނޫޅެވޭ ގޮތްވުމުން ދިމާވި މައްސަލައެކެވެ.
އެ މައްސަލައިގައި ހުދުފިނިފެންމާގޭގެ އެއް ވެރިޔާ ހަސަން ޝާކިރު، މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާކުރީ ހުދުފިނިފެންމާގޭގެ އެތެރޭގައި ތިބި މީހުންނަށް ނުކުމެވޭނެ ގޮތެއް ނެތްކަން އެނގި ތިބެ، ހުދުފިނިފެންމާގެއާގޭގެ މީހުންނަށް ގޯޅީގައި ފާރެއް ރޭނުމުގެ ހުއްދަ ދިނުމަށްފަހު، ހުދުފިނިފެންމާގޭގެ ފާރެއް ތަޅާލަން ކައުންސިލުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.
މީގެ އިތުރުން ހުދުފިނިފެންމާގެއާގެ، ހައްވާ އިބްރާހީމަށް ވަދެ ނިކުމެވޭގޮތެއް ނެތި، ގޯޅި މަގެއް ނުހިމަނައި ހަސަން ޝާކިރުގެ ބަޔަށް ހަދައިދީފައިވާ ރަޖިސްޓްރީ މިދިޔަ ޖުލައި މަހުގެ 11 އިން ފެށިގެން ބާތިލުކުރުމަށާއި، ގޯތީގެ ރަޖިސްޓްރީ ތިން ދުވަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުގެ އިދާރާއާ ހަވާލުކުރުމަށް އެންގި އެންގުމާއި، ހުދުފިނިފެންމާގެ ގޯތީގައި އަލުން މިން އަޅައި ވަކި ރަޖިސްޓްރީއެއް ހެދުމަށާއި، ހަސަން ޝާކިރަށް 2020 ވަނަ އަހަރު ހައްދަ ދީފައިވާ ރަޖިސްޓްރީ ގަވާއިދާ ހިލާފު ކަމަށްބުނެ، ގޯޅި މަގެއް ނަގައިގެން އަލުން ރަޖިސްޓްރީ ހެދުމަށް މާލޭ ސިޓީގެ މޭޔަރު ނިންމާފައިވާ ނިންމުމާއި، ހަސަން ޝާކިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބައިގެ އުތުރު ފަރާތު ސިޑި ގޮޅީގައި ބަންދު ކޮށްފައިވާ ލަކުޑި ދޮރު ހުޅުވައި، ހައްވާ އިބްރާހިމްގެ އާއިލާއަށް ގެއަށް ވަދެ ނިކުމެވޭނެ މަގެއް ދައްކައިދިނުމަށް ހަސަން ޝާކިރަށް އެންގި އެންގުންތަކަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަށް އަރައިގަނެ ނިގުޅައިގަނެވޭ އެންގުންތަކެއް ކަމަށް ޝާކިރު ވަނީ ކޯޓަށް ހުށަހަޅައިފައެވެ.
އެ ނިންމުންތަކާއި އެންގުންތަކަކީ، މާލޭ ސިޓީ ކައުންސިލް އިދާރާއަށް ނުވަތަ މާލޭ ސިޓީ ކައުންސިލުގެ މޭޔަރަށް ލިބިދީފައިނުވާ ބާރު ބޭނުންކޮށް ގައިރު ގާނޫނީގޮތުން ކޮށްފައިވާ ކަންތައްތަކެއް ކަމަށްވާތީ، އެކަންތައް ބާތިލުކޮށްދިނުމަށާއި، އެ ނިންމުންތަކުގެ ސަބަބުން ލިބުނު އަދި ލިބެމުންދާ ގެއްލުންތަކުގެ ބަދަލު ހޯދުމަށް ވެސް ހަސަން ޝާކިރު ކޯޓަށް ހުށަހަޅާފައިވެއެވެ.
މި މައްސަލަ ބަލައި، ގާޒީ އާދަމް ޒާލިފް މިއަދު ކުރެއްވި ހުކުމްގައި ވަނީ، މިދިޔަ ޖުލައި މަހުގެ 11 ގައި މާލޭ ސިޓީ ކައުންސިލުން އަންގާފައިވާ އެންގުންތަކާއި ނިންމާފައިވާ ނިންމުންތައް ގޯސް ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި ހ. ހުދުފިނިފެންމާގެ ގޯތީގެ އިމުގެ ތެރެއަށް މާލޭ ސީޓީ ކައުންސިލް އިދާރާގެ މުވައްޒަފުން ވަދެ، އިމާރާތުގެ ފާރުތައް ތަޅާލާފައިވުމުގެ ސަބަބުން ހަސަން ޝާކިރަށް ލިބުނު ގެއްލުމުގެ ޒިންމާ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން އުފުލަންޖެހޭ ކަމަށް ކަނޑައަޅާކަމަށް ވަނީ ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު