މި އަހަރު މަސް ކިރުވި މިންވަރު މިދިޔަ އަހަރާ އަޅައިބަލާއިރު 42 ޕަސަންޓު ދަށްވެއްޖެއެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކޮންމެ މަހަކު އެއްފަހަރު އާންމުކުރާ އިގުތިސާދީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް މިފްކޯއަށް ކިރުވާފައިވަނީ 36،710 މެޓްރިކް ޓަނުގެ މަހެވެ. ނަމަވެސް، މިދިޔަ އަހަރުގެ އެ މުއްދަތުގައި، 63،588 މެޓްރިކްޓަނުގެ މަސް ކިރުވާފައިވެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅައިބަލާއިރު، ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލި ކިރުވި މިންވަރުވެސް ވަނީ ދަށްވެފައެވެ.

މަސް ކިރުވި އަދަދު ދަށްވެފައިވާއިރު، ރާއްޖެއިން އެކްސްޕޯޓް ކުރި މަހުގެ އުފެއްދުންތައްވެސް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މި އަހަރުގެ އޮގަސްޓުގެ ނިޔަލަށް ރާއްޖެއިން ބޭރުކުރީ 30،241 މެޓްރިކް ޓަނެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން މަހުގެ އުފެއްދުންތަކުގެ ގޮތުގައި 56،678 މެޓްރިކް ޓަނު ބޭރުކޮށްފައިވެއެވެ. އެހެންކަމުން އެއީ 46 ޕަސަންޓުގެ ދަށްވުމެކެވެ.

މީގެ އިތުރުން ގަނޑުކޮށްގެންނާއި ތާޒާކޮށް ކަންނެއްޔާއި ކަޅުބިލަމަސް ބޭރުކުރި މިންވަރުވެސް ވަނީ ދަށްވެފައެވެ.

މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރާއްޖޭގެ މަސްވެރިކަންވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މަސްވެރިކަން ރަނގަޅުވާން ފެށީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ.