ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން، ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ކްލަބު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ހަވާލުވާން އުޅޭކަމުގެ ވާހަކަތައް މީޑިއާގައި ވަނީ ގަދަވެފައެވެ. އެއީ އޭނާ ފޭސްބުކްގައި ފާޅުކުރައްވާފައިވާ ޝުއޫރުތަކެއްގެ ސަބަބުންނެވެ. "ވަން ސްޕޯޓްސް"އިން ޝާއިއުކޮށްފައިވާ "ކްލަބު ފުޓުބޯޅަ ހަލާކުވެ، ކުޅުންތެރިން ބިކަވެފައި: އަލުން ދިރުން ގެންނަން އޮތް މަގަކީ ކޮބާ؟" މި ރިޕޯޓު ޝެއާކޮށް މުބީން ފުރަތަމަ ފޭސްބުކްގައި ޕޯސްޓް ކުރެއްވީ ނިއު އެނބުރި އައުމަކީ ފުޓުބޯޅައަށް މުހިއްމު ކަމެއް ކަމަށާއި، އެ ކަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

އޭގެ ފަހުން މުބީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މާތް الله ގެ ވާގިފުޅާއިއެކު މިފަށާ ދަތުރުގައި ދިވެހި ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ New Radiant Sports Club އަލުން އަނބުރާ އިހުއޮތް މަގާމަށް ގެނެސް ނިއުގެ ސަޕޯޓަރުން ހެއްވާލަދޭނަން،" މިހެންނެވެ. އެ ޕޯސްޓަށް ނިއުގެ ކުރީގެ ޗެއާމަން އަހުމަދު ވާސިފް ޓެގް ކުރައްވާފައިވެއެވެ.

އެ ޓެގާ ގުޅިގެން ވާސިފް ވަނީ މުބީނަށް ޓެގްކޮށް، މުބީނަކީ ނިއުގެ ހުންގާނުގައި ދެން ހިއްޕަވާނެ ބޭފުޅާ ކަމަށް ދޭހަވާނެ ގޮތަކަށް ޕޯސްޓެއް ކުރައްވާފައެވެ.

"އަޅުގަނޑު ޗެއާމަން ކަމުން އިސްތިއުފާ ދިނިން. މިވަގުތު އަޅުގަނޑަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ގެ ވައިސް ޗެއާމަން. ކުރިން ވެސް ބުނިގޮތަށް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ހަވާލު ކުރާނީ ކަންކުރެވޭ ބަޔަކާ.. މާތް الله އިރާދަކުރެއްވިޔާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އެނބުރި އަންނާނީ ވަރުގަދަކޮށް،" މުބީން ޓެގް ކުރައްވައި ވާސިފް ވިދާޅުވެފައިވެއެވެ.

ވާސިފްގެ އެ ވާހަކައިގެ އިތުރުން މުބީންގެ ޕޯސްޓްތަކުން ނިއުއާ މެދު ބަހައްޓަވާ ޝައުގުވެރިކަން އޮޅުންފިލުވާލުމަށް "ވަން ސްޕޯޓްސް"އިން ކުރި މަސައްކަތުގައި، އޭނާ ވަނީ ހާއްސަ އިންޓަވިއެއް ދެއްވައިފައެވެ.

"ނިއު ރޭޑިއަންޓާއެކުގައި މަސައްކަތް ކުރާތާ ދެ އަހަރެއްހާ ދުވަސް ވެއްޖެ. މިހާރު ނިއުއިން މަސައްކަތް ކުރަމުން އަންނަނީ މިމަހުގެ 20 ހިސާބުގައި ކޮންގްރެސް ބާއްވަން. އަޅުގަނޑަކީ ދިވެހި ފުޓުބޯޅައަށް ލޯބިކުރާވެސް މީހެއް އަދި ނިއު ރޭޑިއަންޓްގެ ސަޕޯޓަރެއް. އެހެންވީމަ ފުޓުބޯޅައިގެ ކުރިއެރުމަށް، އަދި ނިއުގެ ކުރިއެރުމަށް ކުރަން ޖެހޭ މަސައްކަތްތައް އަބަދުވެސް މި ދަނީ ކުރަމުން. މިވަގުތު ފުޓުބޯޅައަށް އެބަ ޖެހޭ ބަދަލުތަކެއް ގެންނަން. އެއީ އޮފީސް ނިންމާލާފައި އެ ދާ ކޮފީތައް ދަނޑަށްވެސް ކޮންމެވެސް ވަރަކަށް ބަދަލުކުރަން ޖެހޭ،" ކުރިން ރެފްރީކަން ވެސް ކުރެއްވި މުބީން ވިދާޅުވިއެވެ.

މުބީން ވިދާޅުވީ އޭނާ ނިއުގެ ޗެއާމަންކަމަށް އަންނާނެއޭ ސީދާ ބުނަން ނޭނގޭ ކަމަށާއި، އެކަން އެނގޭނީ ކޮންގްރެސްއަށް ފަހުގައި ކަމަށެވެ. އެހެން ނަމަވެސް ޓީމެއް ނުކުމެ، ނިއުގެ މަސައްކަތްތައް ކުރަން ސަޕޯޓަރުންވެސް މިވަގުތު އެދޭ ކަމަށެވެ. އެގޮތުން އޭނާގެ ޓީމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް (ކައްޕި)، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ހިމެނިވަޑައިގަންނަވާނެ ކަމަށްވެސް މުބީން ވިދާޅުވިއެވެ.

"ނިއު ރޭޑިއަންޓް ފުރަތަމަ ޑިވިޝަނުގައި އޮންނަން އަޅުގަނޑު ބޭނުންވޭ. ގިނަ ބައެއްގެ ވިސްނުން އެބަހުރި ކަންނޭނގެ އަޅުގަނޑު އެ މަގާމަށް ގެންނަން. އެކަމަކު އެ ކަންކަން އެނގޭނީ ކޮންގްރެސްއަށްފަހު. ނިއުގެ ކާމިޔާބީއަށް ބޯލް ބޯއީއަކަށް ވާން ޖެހިއްޖެއްޔާ އެމަސައްކަތް ކޮށްގެންވެސް މި ކްލަބު އޮންނަން ޖެހޭ ހިސާބުގައި ބާއްވަން ބޭނުންވޭ،" ކުރިން އެފްއޭއެމްގައިވެސް މަސައްކަތް ކުރެއްވި މުބީން ވިދާޅުވިއެވެ.

ސިޔާސީ ބެކިންތަކުގައި މީގެ ކުރިންވެސް ކްލަބުތައް ހިންގަން މަސައްކަތް ކޮށްފައިވެއެވެ. އެހެން ނަމަވެސް ގިނަ ފަހަރު ސިޔާސީ ބެކިންތަކުން ފެނުނު ނަތީޖާ އެންމެ ރަނގަޅެއް ނޫނެވެ. ސިޔާސީ އޮއިވަރުގެ ބަދަލާއެކު ކްލަބުތަކަށް އޭގެ އަސަރު ކޮށްފައިވެއެވެ. މުބީން ގަބޫލުކުރައްވާ ގޮތުގައި އޭނާގެ ފަރާތުން އެ މަންޒަރު ނުފެންނާނެ ސަބަބަކީ، އޭނާއަކީ ނިއުގެ ސަޕޯޓަރަކަށްވާތީއެވެ.

"ސިޔާސީ މީހުންނަށްވުމަކީ އަދި މުޅިން އެހެން ކަމެއް. އަޅުގަނޑަކީ ނިއު ރޭޑިއަންޓް ސަޕޯޓަރެއް. އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ ސިޔާސީ މީހެއް ނަމަވެސް، އެ ކޮށްދޭ އިހުލާސްތެރި މަސައްކަތް. ނިއުގެ ސަޕޯޓަރުން ތެރޭގަ ތަފާތު ސިޔާސީ ހިޔާލުތައް ހުރި ކަމުގައިވީ ނަމަވެސް، އެއީ މުޅިން އެހެން ކަމެއް. އަޅުގަނޑު މިކަމަށް ނުކުންނަނީ ސިޔާސީ މީހެއްގެ ގޮތުގައެއް ނޫން. އަޅުގަނޑަކީ އެންމެ ޅައިރުން ފެށިގެންވެސް ނިއު ރޭޑިއަންޓްގެ ސަޕޯޓަރެއް. ސްކޫލް ނިންމާލާ ގޮތަށް މެޗަށްދާ ސަޕޯޓަރެއް،" މުބީން ވިދާޅުވިއެވެ.

މުބީން ވިދާޅުވީ މަގާމަކަށް އާދެވިއްޖެނަމަ، އެންމެ ފުރަތަމަ ކުރަން ބޭނުންވާ ކަމަކީ ނިއު ރޭޑިއަންޓަށް މަހުން މަހަށް އާމްދަނީ ވަންނާނެ ގޮތެއް ހޯދުމެވެ.

"ވަރަށް ސަޕޯޓަރުން ބޭސް ބޮޑު ޓީމެއް ނިއުއަކީ. ނިއުއަށް އާއްމުދަނީއެއް ލިބޭ ކެފޭއެއް ކަހަލަ ތަނެއް މާލޭގައި ހުޅުވިޔަސް، އެ ސަޕޯޓަރުން އިސްވެ އެތަނަށް އެ މަގުސަދު ހާސިލްކުރުމަށް ދާނެ. ނިއުގެ ސަޕޯޓަރުންނަކީ ވަރަށް ހާޑްކޯ ބައެއް. އެހެންވީމަ އެ ޕްލޭންތައް އަޅުގަނޑު އަބަދުވެސް ގެންގުޅެން،" މިދިޔަ ދެ އަހަރުވެސް ނިއުއާއެކު މަސައްކަތްތަކެއް ކުރެއްވި މުބީން ފާހަގަކުރެއްވިއެވެ.

މުބީންގެ ނަޒަރުގައި ނިއު، ވިކްޓަރީގެ އިތުރުން ވެލެންސިއާ ފަދަ ކްލަބުތަކަށް ދަނޑުތައް ލިބެން ޖެހެއެވެ. އަދި އާމްދަނީ ހޯދޭނެ މަގު އޮންނަން ޖެހެއެވެ.

"ނިއުގެ ފުރުސަތު އަޅުގަނޑުމެން މި އަންނަ ޓީމަށް ލިބިއްޖެ ކަމަށްވާނަމަ، ބަލާނީ ކްލަބު ސަސްޓެއިން ކުރެވޭނެ މަގެއް ހޯދުމަށް. އެއީ ފުޓުބޯޅައަށް އަންނަން ޖެހޭ ބަދަލެއް. އަބަދު އެހީ ދޭ ކޮންމެވެސް މީހެއްގެ ކައިރިން ފައިސާ ހޯދައިގެން ކްލަބެއް ނުހިންގޭނެ. އަދި ޔޫރަޕްގަ ބޯޅަ ހިންގާ ވަރަށް ނުހިންގުނަސް، އެ މަގުން ދެމެހެއްޓެނިވި އާމްދަނީއެއް ކްލަބަށް ހޯދެން ޖެހޭ،" މުބީން ވިދާޅުވިއެވެ.