މި އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް 800 މިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާންމުކޮށްފައިވާ މިދިޔަ ސެޕްޓެމްބަރު މަހުގެ ހިސާބުތައް ދައްކާ ގޮތުން، އެ މަހުގެ ނިޔަލަށް ދައުލަތަށް 801.2 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނީ 705.1 މިލިއަނެވެ. އެހެންކަމުން މިދިޔަ އަހަރަށްވުރެ މި އަހަރު އިތުރަށް 96 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވެއެވެ. އެއީ 13.6 ޕަސެންޓް އިތުރު އަދަދެކެވެ.
ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓެކުހުގެ ގޮތުގައެވެ. ޓެކުހުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ނުވަ މަހު 625.7 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 571 މިލިއަން ޑޮލަރަށްވުރެ 54 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
މިދިޔަ އަހަރާ އަޅައިބަލާއިރު މި އަހަރު އެންމެ ބޮޑަށް އިތުރުވީ ޓީޖީއެސްޓީއެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 469 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 418 މިލިއަން ޑޮލަރަށްވުރެ 51 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
ޓެކްސް ނޫން ގޮތްގޮތުން ދައުލަތަށް ލިބުނު ޑޮލަރުވެސް މިދިޔަ އަހަރަށްވުރެ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަހު ޓެކްސް ނޫން ގޮތްގޮތުން 133.7 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރުގެ އެ މުއްދަތުގައި ލިބުނު އަދަދު ވަނީ 175 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
އެގޮތުން ބިމުގެ އެކުއިޒިޝަން ފީގެ ގޮތުގައި މި އަހަރު 6.3 މިލިއަން ޑޮލަރު ލިބުނުއިރު، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ ލީސް މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 15 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އޭގެ އިތުރުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި މިއަހަރު 92 މިލިއަން ޑޮލަރު ލިބިފައިވާއިރު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 56 މިލިއަން ޑޮލަރު ލިބިފައިވާކަން މީރާގެ ހިސާބުތަކުން ދައްކައެވެ.
ޚަބަރު
ޚަބަރު
ޚަބަރު