ދިވެހިރާއްޖޭގައި ރަނގަޅު ޙުކޫމަތެއް ޤާއިމު ނުކުރެވުމުގެ ހިތާމައިގައި ދިވެހި ރައްޔިތުން ޝަކުވާ ކޮށް ޝުޢޫރުތައް ފައުޅު ކުރަމުން ދާތާ އެތައް ޒަމާނެއް ވެއްޖެއެވެ. އެ ޝަކުވާގެ މައިގަނޑު އެއް ބަޔަކީ، ކޯޓުތައް ރަނގަޅު ނޫން ވާހަކައެވެ. އިންޞާފުވެރި އަދި ޤާބިލު ފަނޑިޔާރުގެއެއް ނެތް ވާހަކައެވެ.
ރަނގަޅު ފަނޑިޔާރުގެއެއް ބިނާ ކުރުމަށް ޓަކައި، ދިވެހި ޤައުމުގައި ވަރަށް ގިނަ ކަންކަން ރަނގަޅު ކުރާން ޖެހެއެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ، ރަނގަޅު ފަނޑިޔާރުން އުފެއްދުމެވެ. ރަނގަޅު ފަނޑިޔާރެއްގެ ކިބައިގައި ހުންނާނޭ އެންމެ މުހިއްމު ދެ ސިފަޔަކީ، ރިވެތި އަޚްލާޤާއި ހެޔޮ ސުލޫކާއި ނަޒާހަތްތެރިކަމުގެ ޝަޚްޞިއްޔަތެއް ލިބިގެން ވުމާއި، ފަނޑިޔާރުކަމަށް ބޭނުން ވާ ޢިލްމީ އަދި ޒިހުނީ ޤާބިލިއްޔަތާއި ފަންނީ ހުނަރުވެރިކަން ހުރުމެވެ. މީގެ ތެރެއިން، މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ ޢިލްމީ އަދި ޒިހުނީ ޤާބިލުކަމާއި ފަންނީ ހުނަރުވެރިކަން ހުރި ފަނޑިޔާރުންތަކެއް އުފެއްދޭނެ ގޮތުގެ މައްޗަށެވެ.
ޢިލްމީ، ޒިހުނީ، އަދި ފަންނީ ގޮތުން ޤާބިލު ފަނޑިޔާރުން އުފެއްދޭނީ، ޝަރްޢީ އަދި ޤާނޫނީ ޢިލްމުތަކާއި ޤަޟާއީ ހުނަރުތަކާއި ފަންނު ދަސްކޮށްދޭ ވަރަށް ހަރުދަނާ ނިޒާމެއްގެ ތެރެއިންނެވެ. ނަމަވެސް ހަމައެކަނި އެފަދަ ނިޒާމެއް ޤާއިމު ކުރުމަކުން، ޤައުމަށް ބޭނުން ވާ ރަނގަޅު ފަނޑިޔާރުންގެ "ކާރުޚާނާއެއް" އުފެދި، ކޮންމެ އަހަރަކު ރަނގަޅު އަދި ޤާބިލު ފަނޑިޔާރުން މަސައްކަތުގެ މައިދާނަށް ނުކުންނާނޭކަމުގެ ޔަޤީންކަމެއް ނުލިބެއެވެ. ސަބަބަކީ، މުޖުތަމަޢެއްގެ ވަކިވަކި ދާއިރާތައް އިޞްލާޙުގެ މަތީ ދަރަޖަތަކާ ހަމަޔަށް ވާޞިލު ވަނީ، މުޅި މުޖުތަމަޢަށް ޢާއްމު ވާ ގޮތުން އަންނަ ހެޔޮ އަދި އިޞްލާޙީ ބަދަލުތަކުގެ ސިޔާގުގައި ކަމަށް ވުމެވެ. މުޖުތަމަޢުގެ ޢާއްމު ޙާލަތަކީ ބޭއަޚްލާޤާއި ފަސާދަ އާއި ފާސިޤުކަމާއި މުންކަރާތްތައް ކަމުގައި ވަންޏާ، މުޖުތަމަޢުގެ ވަކި ދާއިރާއެއް އިޞްލާޙު ވެ ފުރިހަމަ ވުމަކީ މުސްތަޙީލު ކަމެކެވެ. ތަނުގައި ފެތުރި ޢާއްމު ވެފައި ވަނީ ރިޝްވަތު ދިނުމާއި ރިޝްވަތު ކެއުމާއި ދެންވެސް ޙަރާމް ގޮތްގޮތުން މުދަލާއި ފައިސާ ހޯދައި އެއް ކުރުން ކަމުގައި ވެފައި، އެ ތަނެއްގެ މީސްތަކުން ފާސިދު އަދި ފާސިޤު ކަންކަމުގެ ތެރެއަށް ގެނބި ޣާފިލު ވެފައި ތިބިއްޔާ، އަދި އެ ތަނެއްގެ ޤިޔާދަތުގެ މަޤާމުތަކާއި ގޮނޑިތަކުގައި ތިބެނީ ނާޤާބިލު ރުވައިބިޟާއިން ކަމުގައި ވެއްޖެއްޔާ، އެތަނެއްގެ ވަކިވަކި ނިޒާމެއް ހެޔޮ ގޮތުގައި ހިންގުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. މުޖުތަމަޢެއްގެ އަޚްލާޤިއްޔާތާއި ޢުރުފުތަކާއި ނިޒާމުތަކާއި މުއައްސަސާތަކުގެ ޢާއްމު އޮއެވަރު އޮންނަ ގޮތާ ޚިލާފަށް، އެ ތަނެއްގައި ހުންނަ ވަކި ބައެއް މުއައްސަސާތައް ހިންގުމަށް ކުރާ އުއްމީދަކީ މޮޔައެއްގެ އުއްމީދެވެ. އެއީ ދުނބުރި ގަހެއްގައި އަނބު އަޅާނޭ ކަމަށް، ހުތް ކަންވާރަކުން ނަގާ އަތްގޮށީގައި މާމުއި ހުންނާނޭ ކަމަށް ދުށުން ފަދަ ކަމެކެވެ.
ވީމާ، އަޅުގަނޑުމެން އެދޭ ފަދަ ފުރިހަމަ ފަނޑިޔާރުގެއެއް ބިނާ ކުރުމަށް ޓަކައި ކުރާ މަސައްކަތް ފުރިހަމަ އަދި ކާމިޔާބު މަސައްކަތަކަށް ވާނީ، އެ މަސައްކަތަކީ މުޅި މުޖުތަމަޢު އިޞްލާޙު ކުރުމަށް ކުރެވޭ ޝާމިލު މަސައްކަތެއްގެ ބަޔަކަށް ވެގެން ދިޔުމުންނެވެ. ވެރިކަން ހިންގުމުގެ ނިޒާމާއި، ޤާނޫނު ހެދުމުގެ ނިޒާމާއި، ތަޢުލީމީ ނިޒާމާއި، އިޤްތިޞާދީ ނިޒާމާއި، ޢާއިލީ ނިޒާމު ފަދަ ހުރިހައި ނިޒާމުތަކަކަށް ގެނެވޭ މާނަހުރި އިޞްލާޙުތަކެއްގެ ސިޔާގުގައެވެ. ފަރުދީ ފެންވަރުގައި، ޢާއިލީ ފެންވަރުގައި، އަދި ޤާނޫނީ އެންމެހައި ޝަޚްޞުތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ފެންވަރުގައި ގެނެވޭ އިޞްލާޙުތަކެއްގެ ސިޔާގުގައެވެ. މާތް ވެގެންވާ އިސްލާމް ދީނުގެ ތަރަހައިގެ މަތީގައި، އަޅުގަނޑުމެންގެ މުޖުތަމަޢުގެ އަސާސީ ނަމޫޒަޖު (fundamental paradigm) ޤާއިމު ކުރެވި، އެ ނަމޫޒަޖުގެ ބިންގަލުގެ މަތީގައި، އެ ނަމޫޒަޖުގެ ފަލްސަފާގެ މަތީގައި، އަދި އެ ނަމޫޒަޖުގެ އިންތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ރޫޙާނީ، އަޚްލާޤީ، އަދި ޢިލްމީ ޙާލަތު ރަނގަޅު ކުރެވިގެންނެވެ.
މި ދެންނެވި ފަދަ އިޞްލާޙީ ބަދަލުތަކެއް މުޖުތަމަޢަށް ހެޔޮ ގޮތުގައި ގެނެވޭ ގެނެވުމެއްގެ ތެރެއިން، ފަނޑިޔާރުން އުފެއްދުމަށް ބޭނުން ވާ މަތީ ތަޢުލީމާއި ތަމްރީނުގެ ހަރުދަނާ ނިޒާމެއް ޤާއިމު ކުރެވިއްޖެއްޔާ، ﷲ ގެ ރަޙުމަތްޕުޅުން އޭގެ ނަތީޖާ އިސާހިތަކު ފެންނާނެއެވެ. ރާއްޖޭގެ ޙާލަތު އޮތް ގޮތުން، އެކަމަށް ބުރަ މަސައްކަތްތަކެއް ކުރާން ޖެހޭނެއެވެ. ނަތީޖާ ނުކުންނާން އަހަރުތަކެއް ނަގާނެއެވެ. ނަމަވެސް ހެޔޮ ނަތީޖާ ފެންނާނެއެވެ.
ދިވެހިރާއްޖޭގައި މިހާރު އޮންނަ ގޮތުން، އޯލެވެލާއި އޭލެވެލުގައި ވަރަށް އާދައިގެ ފާސްތަކެއް އޮވެގެން، އަޅުގަނޑުމެންގެ ދެ ޔުނިވަރުސިޓީ އާއި ކޮލެޖުތަކުން ޝަރީޢަތާއި ޤާނޫނު ކިޔެވުމުގެ ފުރުޞަތު ލިބެއެވެ. ދުނިޔޭގެ ހަރުދަނާ ވަރަށް ގިނަ ނިޒާމުތަކުގައި ޝަރީޢާ ނުވަތަ ޤާނޫނު ކިޔެވުމުގެ ފުރުޞަތު ލިބެނީ "ލޯވ ސްކޫލް އެންޓްރެންސް ޓެސްޓް" ނުވަތަ "ލޯވ ސްކޫލް އެޕްޓިޓިޔުޑް ޓެސްޓް" އަކުން ފާސް ވެގެން ކަމުގައި ވިޔަސް، ރާއްޖޭގައި އެފަދަ އިމްތިޙާނެއް ނޯވެއެވެ. ޝަރީޢަތާއި ޤާނޫނަކީ ބަހަށް ކުޅަދާނަ މީހުންނަށް ނޫނީ ރަނގަޅަށް ނުކިޔެވޭނޭ އަދި ރަނގަޅަށް މަސައްކަތް ނުކުރެވޭނޭ ދާއިރާއަކަށް ވުމާ އެކުގައިމެ، ދިވެހިރާއްޖޭގެ ޝަރީޢަތާއި ޤާނޫނުގެ ކޯސްތަކުގައި ދިވެހި، ޢަރަބި، އިނގިރޭސި މިއިން އެއްވެސް ބަހަކުން ބޮޑެތިބޮޑެތި ކުށް ނެތް އެންމެ ޕެރެގުރާފެއް ލިޔާން ނުދަންނަ ދަރިވަރުންނަށް ފުރުޞަތު ދެވެއެވެ. އިސްލާމީ ޝަރީޢަތާއި ޤާނޫނާ މި ދެ ދާއިރާއިން ފުރަތަމަ ޑިގުރީއެއްގެ ފެންވަރަށް ކިޔެވުމަށް މަދު ވެގެން ފަސް އަހަރު ބޭނުން ވާއިރު، ރާއްޖޭގެ ކޮލެޖުތަކުގައި މި ދެ ދާއިރާއިން ޑިގްރީ ދެމުން ދަނީ ޢާއްމުކޮށް ހަތަރު އަހަރު ނުވަތަ ތިން އަހަރުގެ ތަޢުލީމަށް ފަހުގައެވެ. ބައެއް ކޮލެޖުތަކުގައި ދެ އަހަރު ކިޔެވުމުން ވެސް ޤާނޫނުގެ ޑިގްރީ ދީފައި އެބަހުއްޓެވެ. ޝަރީޢަތާއި ޤާނޫނުގެ ޑިގްރީ ކޯސްތަކުގައި، ޑިގްރީ ފެންވަރުގެ އަދި ތިމާ ކިޔަވައިދޭ މާއްދާ ޑިގްރީގައި ނުވެސް ކިޔަވާ "އުސްތާޒުން" އެބަ ކިޔަވައިދެއެވެ. ބައެއް ތަންތަނުގައި ޝަރީޢަތާއި ޤާނޫނުގެ ކޯސްތައް ކުލާހެއްގައި ފަސްދޮޅަސް ހަތްދިހަ ދަރިވަރުން ތިބެގެން "އޮންލޭނުކޮށް" ވެސް އެބަ ހިންގައެވެ.
މި ދެންނެވީ އަޅުގަނޑުމެންގެ ޝަރީޢަތާއި ޤާނޫނުގެ މަތީ ތަޢުލީމުގެ ނިޒާމުގައި ހިމެނޭ ކޮލެޖުތަކާއި ޔުނިވަރުސިޓީތަކުގައި ހުރި ބައެއް މައްސަލަތަކުގެ ވާހަކައެވެ.
ޝަރްޢީ އަދި ޤާނޫނީ ނިޒާމަށް ބެލުމުން ވެސް، ރަނގަޅު ފަނޑިޔާރުން ކޯޓުތަކަށް ލުމަށް ހުރަސް އެޅޭ އެތައް މައްސަލައެއް ފެނެއެވެ. އެއް މިސާލަކީ، ދުނިޔޭގެ ކޮންމެ ތަނަކުން ކޮންމެ ޤައުމެއްގެ ކޮންމެ ޤާނޫނެއް ކިޔެވިޔަސް، އެއީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ފަނޑިޔާރުކަން (އަދި ވަކީލުކަން ވެސް) ކުރުމަށް ކޮލިފައި ވާ މީހެއް ކަމުގައި ބެލުމުގެ ތާކުންތާކު ނުޖެހޭ އުޞޫލެވެ. ދެވަނަ މައްސަލައަކީ، ޝަރީޢަތާއި ޤާނޫނުގެ ޑިގްރީ ކޯހެއް ހެދުމުން، ޤަޟާއީ ހުނަރުތަކުގެ އިތުރު އެއްވެސް ތަމްރީނެއް ނުހެދިޔަސް ރާއްޖޭގެ ހުރިހައި ކޯޓުތަކަށް ވެސް ޢިލްމީ ގޮތުން ފަނޑިޔާރުކަމުގެ ޝަރުޠު ހަމަ ވުމުގެ މައްސަލައެވެ. ދެވަނައަށް މި ދެންނެވި މައްސަލައިގެ ޙާލަތު އޮތް ގޮތް ފެނިގެންދާ އެއް ކަމަކީ، ޤާނޫނީ ވަކީލުކަމުގެ ލައިސަންސް ވެސް ޝަރީޢަތާއި ޤާނޫނުގެ ޑިގްރީ ކޯހެއް ފުރިހަމަ ކުރުމަށް ފަހު އިތުރު ތަމްރީނެއް ބާރ ކައުންސިލުން ފުރިހަމަ ކޮށްގެން މެނުވީ ނުލިބޭ އިރު، ފަނޑިޔާރުކަމަށް އެވަރުގެ މިންގަނޑެއް ވެސް ނެތުމެވެ. ފަނޑިޔާރުންނަކީ ވަކީލުންނަށް ވުރެ ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން މާ ފެންވަރު ރަނގަޅު ބަޔަކަށް ވާން ޖެހުމާ އެކުގައި ވެހެވެ.
މި ހުންނަނީ އެއްވެސް ގޮތަކުން ދެކޮޅު ނުޖެހޭ ގޮތްގޮތެވެ. މި ކަންކަން ބަދަލު ވެގެން މެނުވީ، އަޅުގަނޑުމެންގެ ނިޒާމަށް ރަނގަޅު ފަނޑިޔާރުނެއް ނުއުފެއްދޭނެއެވެ.
ފަނޑިޔާރުން އުފެއްދުމުގެ ނިޒާމު ހަރުދަނާކޮށް އޮންނަ ޤައުމުތަކަށް ބަލައިލުމަކީ ވެސް މުހިއްމު ކަމެކެވެ. އެގޮތުން، ޔޫރަޕުގައި ޤާނޫނީ ޢިލްމުތަކާއި ފަންނުތައް އެންމެ ކުރި އަރައިފައި އޮތް ޤައުމު ކަމުގައި ވާ ފަރަންސޭސި ވިލާތަށް ބަލައިލަމާ ހިންގަވާށެވެ! ފަރަންސޭސި ވިލާތުގައި ފަނޑިޔާރުކަމަށް އާދެވެނީ ތަޢުލީމާއި ތަމްރީނުގެ އެތައް އަހަރަކަށް ފަހު، އެންމެ މަތީ ދަރަޖައިގައި ފާސް ވާ މީހުންނަށެވެ. އެންމެ ފުރަތަމަ ފުރިހަމަ ކުރާން ޖެހެނީ ތިން އަހަރުގެ ޤާނޫނުގެ ޑިގްރީއެކެވެ. އެޔަށްފަހު، މަދު ވެގެން އެއް އަހަރު ކިޔަވައިގެން ފުރިހަމަ ކުރާ ޤާނޫނުގެ މާސްޓަރޒް ޑިގްރީއެކެވެ. މި ހިސާބުން ފާހަގަ ކޮށްލާން ޖެހޭ ކަމަކީ، އަޅުގަނޑުމެން ފަދަ ޝަރީޢަތާއި ޤާނޫނާ ދެބައި ހިމެނޭ ނިޒާމުތަކުގައި، ޑިގްރީ އާއި މާސްޓަރޒްގެ މުއްދަތު ދިގު ވާން ޖެހޭނެކަމެވެ. ހުރިހައި ކަމަކަށް ރިޢާޔަތް ކޮށް ބެލުމުން، ޝަރީޢަތާއި ޤާނޫނާ ދެ ދާއިރާ ހިމެނޭ ޑިގްރީއެއް ފަސް އަހަރަށް ވުރެ ކުރުކޮށް ގެންދެވޭނޭ އެއްވެސް ގޮތެއް ނުފެނެއެވެ. މި ދެ ދާއިރާއިން ކިޔަވާ މާސްޓަރޒް ކޯހެއްގެ މުއްދަތު ވެސް ދެ އަހަރަށް ވުރެ ކުރު ވެގެން ނުވާނޭ ކަމަށް ޤަބޫލު ކުރެވެއެވެ.
ކޮންމެއަކަސް، ތިން އަހަރުގެ ޤާނޫނު ޑިގްރީއަކާއި އެއް އަހަރުގެ މާސްޓަރޒް ކޯހެއް ފުރިހަމަ ކުރުމަށް ފަހު، ފަރަންސޭސި ވިލާތުގައި ފަނޑިޔާރުކަން ކުރާން ބޭނުން މީހަކު ވިއްޔާ ދެން ޖެހެނީ އެ ޤައުމުގެ ޖުޑީޝަލް އެކަޑަމީ (އިކޯލް ނެޝިއޮނާލް ޑެ ލަ މެޖިސްޓްރޭޗަރ – އީއެންއެމް، ނުވަތަ "ނެޝަނަލް ސްކޫލް ފޯރ ދަ ޖުޑީޝަރީ) ގައި ރަޖިސްޓްރީ ވާށެވެ. ފަރަންސޭސި ވިލާތުގެ ބޯޑޯގައި ހުންނަ މި އެކަޑަމީ އަކީ ބޮޑު ޔުނިވަރުސިޓީއެއްގެ ގޮތުގައި ހިންގާ ތަނެކެވެ. ފަރަންސޭސި ވިލާތަށް ބޭނުންވާ ފަނޑިޔާރުންނާއި ޕްރޮސިކިޔުޓަރުން ތަމްރީނު ކުރަނީ މިތަނުންނެވެ. މިތަނަށް ވަނުމަށް ޓަކައި އަސާސީ ޝަރުޠަކީ، މަތީގައި ދެންނެވި ފަދައިން، ފަރަންސޭސި ޤާނޫނު ކޮލެޖަކުން ތިން އަހަރުގެ ޑިގްރީއެއް ފުރިހަމަ ކޮށް، އެއް އަހަރުގެ މާސްޓަރޒްއެއް ހެދުމެވެ. މި އަސާސީ ޝަރުޠު ފުރިހަމަ ވާ ކެންޑިޑޭޓަކަށް އީއެންއެމަށް ވަދެވެނީ، އެ މަރުކަޒުން ދޭ ޚާއްޞަ އިމްތިޙާނަކުން ފާސް ވެގެންނެވެ. އެ އިމްތިޙާނުގައި، ކެންޑިޑޭޓުން އިމްތިޙާނު ކުރަނީ ފަރަންސޭސި ވިލާތުގެ ކޯރޓް ޑެ ކެސޭޝަން (މަދަނީ އަދި ޖިނާއީ މައްސަލަތަކުގެ އެންމެ މަތީ ކޯޓު)ގެ ފަނޑިޔާރަކާއި، ފަރަންސޭސި ޖުޑީޝަރީގެ އިތުރު ސީނިއަރ ފަނޑިޔާރުންތަކެއް ހިމެނޭ އިމްތިޙާނު ބޯޑަކުންނެވެ. މި އިމްތިޙާނުގައި ލިޔުމުގެ ބަޔަކާއި، ޝަފަހީ ބައެއް ހިމެނެއެވެ. ލިޔުމުގެ ބައިގައި ހިމެނޭ އެއް މަސައްކަތަކީ މާސްޓަރޒް ފެންވަރުގެ ފަސް ޢިލްމީ ދިރާސާ ކޮށް އެއިން ކޮންމެ ދިރާސާއެއްގެ ހޯދުންތަކާއި ނަތީޖާތައް ޢިލްމީ ކަރުދާހެއްގެ ގޮތުގައި ލިޔުމެވެ. ދެވަނަ މަސައްކަތަކީ ސުވާލުތަކަކަށް ޖަވާބު ލިޔާން ޖެހޭ ޓެސްޓެއްގައި އިށީނުމެވެ. ލިޔުމުގެ ބައިން ފާސް ނުވާ ކެންޑިޑޭޓުންނަކަށް އިތުރު ފުރުޞަތެއް ނުލިބޭނެއެވެ. އެ ބައިން ފާސް ވާ ކެންޑިޑޭޓުންނަށް ދެން އޮންނާނީ އިމްތިޙާނުގެ ޝަފަހީ ބައެވެ.
ޝަފަހީ ބައިގައި ފުރަތަމަ އޮންނާނީ އެއްކަލަ އިމްތިޙާނު ބޯޑުން ކުރާ އިންޓަވިއުއެކެވެ. އިންޓަވިއު ވެސް އެތައް ބަޔަކަށް ބެހެއެވެ. ފުރަތަމަ ބައިގައި ފޯކަސް ކުރަނީ ޤާނޫނީ މައުޟޫޢުތަކަށެވެ. އިމްތިޙާނު ބޯޑުން ކުރާ ވަރުގަދަ ސުވާލުތަކަކުން، ކެންޑިޑޭޓު ޤާނޫނީ މައުޟޫޢުތަކަށް ވަދެ އަހުލުވެރި ވެފައި ވާ މިންވަރު ވަރަށް މަތީ ދަރަޖައެއްގައި ބަލައެވެ. އިންޓަވިއުގެ ދެވަނަ ބައިގައި ބަލަނީ ބިދޭސީ ބަހަކުން ކެންޑިޑޭޓުގެ ފެންވަރެވެ. މި ބައިގައި އިނގިރޭސި، ޖަރުމަނު، ސްޕޭނު، އިޓަލީ، ރަޝިޔާ، އަދި ޢަރަބި މި ހަ ބަހުގެ ތެރެއިން ކޮންމެވެސް އެއް ބަހަކުން "ޕްރޮފިޝެންސީ" އާ އެކު ވާހަކަ ދައްކައި މުޢާމަލާތު ކުރާން އެނގޭތޯ ބަލައެވެ. އިންޓަވިއުއަށް ފަހު، ދެން އޮންނަނީ "އެނަލިޓިކަލް ބްރީފެއް" ނުވަތަ ތަޙްލީލީ ހުށައެޅުމެއް ޤާނޫނީ މައުޟޫޢެއް ނުވަތަ މައްސަލައަކާ ބެހޭގޮތުން ލިޔެ، އިމްތިޙާނު ބޯޑުގެ މެންބަރުންގެ ކުރިމަތީގައި ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ހުށައެޅުމެވެ. މި ހުށައެޅުމުގެ މައިގަނޑު ފޯކަހަކީ ކެންޑިޑޭޓުގެ ކިބައިގައި މައްސަލަތަކާއި ޢިލްމީ ސުވާލުތަކަށް ތަންޤީދީ ނަޒަރަކުން ބަލައި، މަންޠިޤީ ހަމަތަކުން ކަންކަން ކިރައި ވަޒަން ކޮށް، ޢަޤްލީ ގޮތުން ވަރުގަދަ ތަޙްލީލެއް ކުރުމުގެ ޤާބިލުކަން ހުރިތޯއެވެ. މި "ބްރީފް" ގެ އިތުރުން ވެސް، ޝަފަހީ ބައިގައި އިތުރު އެތައް ޕްރެޒެންޓޭޝަނެއް ދީ، އެތައް ތަނެއްގައި އޯޑިއަންސްތަކާ މުޚާޠަބުކޮށް ތަޤްރީރު ކުރުން އޮވެއެވެ.
މި ދަންނަވާ ޓެސްޓު ހެދުމަށް ޓަކައި، ފަރަންސޭސި ޖުޑީޝަލް އެކަޑަމީ ނުވަތަ އީއެންއެމަށް އަހަރަކު 4500 އާއި 5000 އާ ދެމެދުގެ ޢަދަދަކަށް ދަރިވަރުން ކުރިމަތި ލައެވެ. ނަމަވެސް އޭގެ ތެރެއިން ޓެސްޓުން ފާސް ވެގެން، ފަނޑިޔާރުކަން/ޕްރޮސިކިޔުޓަރުކަމުގެ ތަމްރީނު ޕްރޮގްރާމަށް ޖާގަ ލިބެނީ އަހަރަކު އެވަރޭޖުކޮށް 150 ކެންޑިޑޭޓުންނަށެވެ. އެހެން އެންމެންނަކީ ޓެސްޓުން ފޭލި ވެގެން ފަނޑިޔާރުކަމަށް އައުމުގެ ފުރުޞަތު ނުދެވޭ މީހުންނެވެ.
އީއެންއެމުގައި ފަނޑިޔާރުކަމުގެ ތަމްރީނުގެ މުއްދަތަކީ 31 މަސް ދުވަހެވެ. ޗުއްޓީތަކާ އެކު ކިޔަންޏާ، ގާތްގަނޑަކަށް ތިން އަހަރެވެ. މި ޕްރޮގްރާމުގައި ބައިވެރި ވެވޭ ހިސާބުން، ބައިވެރީންނަށް ފަނޑިޔާރުކަމުގެ މުސާރައިގެ 80 އިންސައްތައިގެ އެލަވަންސެއް ދެވެއެވެ. ޕްރޮގްރާމުގައި ބައިވެރީން ފަނޑިޔާރުކަމަށް ބޭނުންވާ ޚާއްޞަ ހުނަރުތަކާއި، އިތުރު އެތައް ޢިލްމުތަކެއް ލިބިގަންނަނީ ތިޔަރީ އާއި ޢަމަލީ ބައި ހިމެނޭ މާއްދާތަކާއި ތަމްރީނު މޮޑިޔުލްތަކެއް ފުރިހަމަ ކޮށްގެނެވެ. ކިޔަވާ މާއްދާތަކުގެ ތެރޭގައި ޤާނޫނުގެ ބައެއް ދާއިރާތައް، ތާރީޚު، އިޖުތިމާޢީ ޢިލްމު (sociology)، ނަފްސާނީ ޢިލްމު (psychology)، ސައިކިއޭޓްރީ (psychiatry)، ފޮރެންސިކް ސައެންސް، ޕެތޮލޮޖީ، އަދި އެކައުންޓިންގ ހިމެނެއެވެ. ޕްރޮގްރާމުގެ ޢަމަލީ ބައިގައި ޤާނޫނީ ވަކީލުންގެ އޮފީސްތަކާއި، ފުލުހުންގެ އިދާރާ އާއި، ޖަލުތަކާއި، ފަރަންސޭސި ވިލާތާއި އެހެން ބައެއް ޤައުމުތަކުގެ ކޯޓުތައް ފަދަ ތަންތަނުގައި ތަމްރީނާއި އެޕްރެންޓިސްޝިޕްގެ އެތައް މަހެއް ފުރިހަމަ ކުރުން ހިމެނެއެވެ. ތަމްރީނު ނިމޭ އިރު، ބައިވެރީން އެމީހުން ހޯދާ ނަތީޖާއަށް ބަލައިގެން ތަރުތީބު ކުރެވެއެވެ. ފަނޑިޔާރުކަމާއި ޕްރޮސިކިޔުޓަރކަމަށް ބައިވެރީންނަށް ޖާގަ ދެވެނީ މިގޮތުން ކުރެވޭ ތަރުތީބަށް ބަލައިގެނެވެ. ވަޒީފާ ހަމަޖެހުމުން، އިތުރު "އޮރިއެންޓޭޝަނެއް" ވެސް ފުރިހަމަ ކުރާން ޖެހެއެވެ.
މި ދެންނެވި ނިޒާމުގެ ބޭރުން، ފަރަންސޭސި ވިލާތުގައި މީހަކު ފަނޑިޔާރުކަމަށް ޢައްޔަން ކުރެވޭ އޮންނަނީ އެންމެ އިސްތިސްނާ ޙާލަތެކެވެ. އެއީ ޤާނޫނީ ދާއިރާއިން ޑިގްރީ އާއި މާސްޓަރޒް ފުރިހަމަ ކުރުމަށް ފަހު، އެ މީހަކު ވަކީލުކަން ނުވަތަ ޤާނޫނީ އެކަޑީމިއާގައި ޢުމުރުން 35 އަހަރު ވާންދެން މެދުނުކެނޑި މަސައްކަތް ކޮށް، އެ މަސައްކަތުގެ ތެރެއިން އޭނާއަކީ އާދަޔާ ޚިލާފު ޤާބިލިއްޔަތެއްގެ ވެރިއެއްކަން ސާބިތު ކޮށްދިނުމުން، ދެވޭ ފުރުޞަތެކެވެ. މި ފުރުޞަތަށް މީހެއްގެ ނަން ހުށައެޅިއްޖެއްޔާ، ކޯރޓް ޑެ ކެސޭޝަނުގެ ރައީސް ރިޔާސަތު ބަލަހައްޓަވާ އަދި ސީނިއަރ ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ޚާއްޞަ ކޮމިޝަނަކުން، އެ ކެންޑިޑޭޓެއްގެ ޢިލްމީ އަދި ފަންނީ ކޮލިފިކޭޝަނާއި ތަޖުރިބާގެ ލިޔެކިޔުންތަކާއި ހެކިތައް ބަލައި ތަޙްޤީޤު ކުރެއެވެ. އެ ތަޙްޤީޤުގައި، ކެންޑިޑޭޓު ފަނޑިޔާރުކަމަށް ޤާބިލު ކަމަށް ކޮމިޝަނަށް ފެނިއްޖެއްޔާ، ދެން އޮންނަނީ އިންޓަވިއުއެކެވެ. އިންޓަވިއުއިން ފާސް ވެއްޖެއްޔާ، އެ ކެންޑިޑޭޓަކަށް ފަނޑިޔާރުކަމުގެ މަޤާމު ދެވެއެވެ. މިއީ އެއްވެސް ޙާލެއްގައި، ޢާއްމު މިންގަނޑުތަކުން ފަނޑިޔާރުކަމަށް ކޮލިފައި ނުވާ މީހުން ފަނޑިޔާރުކަމަށް އައުމުގެ ފުރުޞަތު ހޯދައިދޭން ދޮރުމަތީގައި ބޮކި ނުދިއްލައި ހުންނަ ވަލުދޮރޯށްޓެއް ހަދައިދިނުމުގެ ގޮތުން ކުރާ ކަމެއް ނޫނެވެ. މި އިސްތިސްނާ ބޭއްވުމުގެ މަޤްޞަދަކީ އަދި ބޭނުމަކީ، ޤާނޫނީ ތަޢުލީމު ފުރިހަމަ ކުރުމަށް ފަހު އީއެންއެމްގެ ފަނޑިޔާރުން ތަމްރީނު ކުރާ ޕްރޮގްރާމަށް ނުގޮސް ވަކީލުކަމުގެ މަސައްކަތަށް ދާ މީހުންގެ ތެރެއިން، އެ މަސައްކަތުގެ ތެރެއިން އާދަޔާ ޚިލާފު ޤާބިލިއްޔަތެއް ދައްކައި ސާބިތު ކުރާ މީހުންގެ ޚިދުމަތުން ޖުޑީޝަރީ މަޙުރޫމު ވިޔަނުދިނުމެވެ.
ފަރަންސޭސި ވިލާތުގެ އިތުރުން، ޔޫރަޕުގެ ގިނަ ޤައުމުތަކެއްގައި ވެސް އޮންނަނީ ގާތްގަނޑަކަށް މި ނިޒާމެވެ. އިސްލާމީ ޤައުމެއް ކަމަށް ވާ ތުރުކީގައި ވެސް އޮންނަނީ މި ނިޒާމެވެ. ތުރުކީގެ ކޯޓުތަކަށާއި ޖުޑީޝަލް އެކަޑަމީއަށް ޒިޔާރަތް ކޮށް، މި ނިޒާމު އެތަނުގައި ހިންގާ ގޮތް ކައިރީން ދެކެލުމުގެ ފުރުޞަތު 2018 ވަނަ އަހަރު އަޅުގަނޑަށް ލިބިފައި ވެސް ވެއެވެ.
މަތީގައި މި ދެންނެވި ފަދަ ނިޒާމެއް ރާއްޖޭގައި ވެސް ޤާއިމު ނުކޮށް، ރާއްޖޭގައި ރަނގަޅު އަދި ޤާބިލު ފަނޑިޔާރުނެއް ނުއުފެއްދޭނެއެވެ. އަޅުގަނޑުމެންގެ ފަނޑިޔާރުގެ އިޞްލާޙު ކުރަންޏާ، އެފަދަ މޮޑެލަކަށް ރާއްޖޭގައި ފަނޑިޔާރުން އުފެއްދުމުގެ ނިޒާމު އިޞްލާޙު ކުރާން ޖެހެއެވެ. އެ އިޞްލާޙުގެ ޕްރޮގްރާމް މައިގަނޑު ގޮތެއްގައި އަމާޒު ކުރެވޭން ޖެހެނީ ޤައުމީ ޔުނިވަރުސިޓީ އާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރުސިޓީ އާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަށެވެ. ފަނޑިޔާރުން އުފެއްދުމުގެ މަސައްކަތް ކުރާން ޖެހެނީ މި މުއައްސަސާތައް ވިލަރެސް ވެގެން، ގުޅިގެން، އެއް އަމާޒަކަށް، ވަސީލަތްތައް ވީ ވަރަކުން ޙިއްޞާ ވެސް ކޮށްގެން، އެއް އަމާޒަކަށް އެންމެން މަސައްކަތް ކުރާ އުޞޫލުންނެވެ.
މި ދެންނެވި މުއައްސަސާތައް މުއައްސަސާތަކެއްގެ ގޮތުގައި ތަރައްޤީ ކޮށް ކުރިއެރުވުމަކީ ކުރާން ޖެހޭ އެންމެ މުހިއްމު އެއް މަސައްކަތެވެ. އެ ތަންތަނުގެ ޢުމްރާނީ އޮނިގަނޑު ޒަމާނީ ފެންވަރަށް ބިނާ ކޮށް، އެ ތަންތަނަށް އިދާރީ އަދި ފަންނީ އަދި ޢިލްމީ ވަސީލަތްތައް ހޯދައިދޭން ޖެހެއެވެ. އެ ތަންތަނަށް ޤާބިލު މުއައްޒަފުން ލާން ޖެހެއެވެ. ދެވަނަ ކަމަކަށް، ޝަރީޢަތާއި ޤާނޫނުގެ ޑިގްރީ އަދި މާސްޓަރޒް ކޯސްތަކުގައި ކިޔަވައިދޭ މުޤައްރަރުތައް އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤާނޫނީ ތިއަރީ އާއި ފަލްސަފާގެ ބައިތައް ހިމެނޭ ފުރިހަމަ މުޤައްރަރުތަކެއްގެ ގޮތުގައި އިޞްލާޙު ކޮށް އަދާހަމަ ކުރާން ޖެހެއެވެ. ދަރިވަރުންނަށް ޝަރީޢަތާއި ޤާނޫނުގެ ޢިލްމާއި ހުނަރުތައް ފުރިހަމަ ގޮތުގައި ފޯރުކޮށްދެވޭ މުޤައްރަރުތަކެއްގެ ގޮތުގައެވެ. ތިންވަނަ ކަމަކަށް، އެ ކޯސްތަކުގައި ކިޔަވައިދެއްވާ އުސްތާޒުންނަކީ ޢިލްމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި، ޢިލްމީ ޤާބިލުކަމުގައި އެންމެ މަތީ ދަރަޖައިގެ ބެއިފުޅުންކަން ކަށަވަރު ކުރާން ޖެހެއެވެ. ރާއްޖެއިން އެފަދަ ބެއިފުޅުން ނުލިބެންޏާ، މި މަރުޙަލާގައި ރާއްޖެއިން ބޭރުން އުސްތާޒުން ގެނެސްގެން ވިޔަސް ވެހެވެ. ހަތަރުވަނަ ކަމަކީ، ޝަރީޢަތާއި ޤާނޫނުގެ ޑިގްރީ އަދި މާސްޓަރޒް ކޯސްތަކުން ޖާގަ ދެވޭ ދަރިވަރުންނަކީ އެ ކުދީންގެ ޒިހުނީ ޤާބިލިއްޔަތާއި، އެޕްޓިޓިޔުޑާއި، ބަހުގެ ފެންވަރު ވަރަށް ފުރިހަމަ ގޮތެއްގައި ޓެސްޓު ކުރެވޭ "ލޯވ ސްކޫލް އެންޓްރެންސް ޓެސްޓަކުން" ފާސް ވެގެން އަންނަ ކުދީން ކަމުގައި ހެދުމެވެ. މި ކަހަލަ މިންގަނޑުތަކެއް ތަޢާރަފު ކުރުމުން، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ކޮންމެ އަހަރަކު ވެސް ދާއިރާއަށް ނުކުންނަ ދަރިވަރުންގެ ޢަދަދު މަދު ވާނެއެވެ. ނަމަވެސް އެ ކުދީންގެ ފެންވަރު ރަނގަޅު ވާނެއެވެ. މިއީ މައްސަލައެއް ނޫނެވެ. އެހެނީ، ބޭނުން ވަނީ "ކޮލިޓީ" އެވެ. "ކުއޮންޓިޓީއެއް" ނޫނެވެ.
އަޅުގަނޑުމެން ވެސް ނިޒާމަށް ގެންނާން ޖެހޭ އެންމެ މުހިއްމު އެއް ބަދަލަކީ، ޝަރީޢަތާއި ޤާނޫނުގެ ޑިގްރީ ކޯހެއް ނުވަތަ މާސްޓަރޒް ކޯހެއް ފުރިހަމަ ކުރުމުން ފަނޑިޔާރުކަމަށް ޢިލްމީ ޝަރުޠު ފުރިހަމަ ވާ ގޮތަށް އޮންނައޮތުން ބަދަލު ކުރުމެވެ. ޑިގްރީ އާއި މާސްޓަރޒް ފުރިހަމަ ކުރުމަށް ފަހު، ޖުޑީޝަލް އެކަޑަމީން މަދު ވެގެން ދެ އަހަރުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކޮށްގެން މެނުވީ ފަނޑިޔާރުކަމަށް ނާދެވޭނެ ގޮތަށް ޤާނޫނުތަކާއި އުޞޫލުތައް އިޞްލާޙު ކުރުމެވެ.
މި ދެންނެވީ، ޢިލްމީ ގޮތުން ޤާބިލު ފަނޑިޔާރުން ބިނާ ކުރުމަށް ޓަކައި އަޅުގަނޑުމެންގެ މިހާރުގެ ނިޒާމަށް ގެންނާން ޖެހޭ ކަމަށް އަޅުގަނޑަށް ފެންނަ މުހިއްމު ބައެއް ބަދަލުތަކުގެ ވާހަކައެވެ. ބަލައިލައިފައި ވާނީ އަލިފުން ޔާއަށް، ތަރުތީބުން، ފުރިހަމަ ނިޒާމެއްގެ މަފްހޫމެއް ހުށައެޅޭތޯއެއް ނޫނެވެ. އެފަދަ މަފްހޫމެއްގެ މައްޗަށް އަވަސް އައްޔެއް އަޅުވައިލެވޭތޯއެވެ. އުއްމީދަކީ މި ކަންކަމާ މެދު ފުރިހަމަ ދިރާސާތަކެއް ކުރެވި، އެ ދިރާސާތަކުގެ އަލީގައި ސިޔާސަތުތައް އެކަށައެޅި، ޤާނޫނީ އޮނިގަނޑު އިޞްލާޙު ކުރެވިގެން ދިޔުމެވެ. ކަމާގުޅޭ މުއައްސަސާތައް ތަރައްޤީ ކުރެވި، މި ދަންނަވާ ފަދަ ނިޒާމެއް ޤާއިމު ކުރެވޭ ދުވަހެއް އައުމެވެ.
ކޮލަމް
ކޮލަމް
ކޮލަމް
ކޮލަމް