ހުރިހާ ޕާޓީތަކަށް ވެސް ދައުލަތުން ފައިސާ ދޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އެ އިސްލާހުތައް އޭޖީ އޮފީހަށް މިއަދު ފޮނުވާފައިވާނެ ކަމަށާއި އެ އިސްލާހުތަކަކީ 2019 ވަނަ އަހަރުން ފެށިގެން ސިޔާސީ ޕާޓީތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ އިސްލާހުތަކެއް ކަމަށެވެ.

އެ އިސްލާހުތަކާ ގުޅޭގޮތުން ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުވަތު ދީގެން މިދިޔަ އަންގާރަ ދުވަހު އިތުރު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ބައިވެރިވެފައިވާ ކަމަށް އީސީ އިން ބުންޏެވެ.

އީސީން ބުނީ ކޮމިޝަނުގެ ފަސް މެމްބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ގުޅުންހުރި ސެކްޝަންތަކުގެ ވެރިން ބައިވެރިވި އެ ބައްދަލުވުމުގައި ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަ އިސްލާހުތަކަށް އިތުރަށް މަޝްވަރާކޮށް ހުށަހެޅުންތައް ހުށަހަޅާފައިވާ ކަމަށާއި ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތަކުގެ ސަބަބުން، ސިޔާސީ ޕާޓީތަކުގެ ދަފުތަރު ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ ފުރުސަތު ފަހިވެ، ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާވެ، އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

އީސީން އޭޖީއަށް ހުށަހެޅި އިސްލާހުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ހުރިހާ ޕާޓީތަކަށް ފައިސާ ދޭ ގޮތަށް ހުށަހަޅާފައިވުމެވެ. ސިޔާސީ ޕާޓީގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ބަޖެޓުން ފައިސާ ލިބޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

ކުދި ޕާޓީތައް ހިންގުމަށް އެހީތެރިވުމުގެ މަގުސަދުގައި އީސީން ހުށަހަޅާފައިވަނީ 3،000 ހަމަވާ ކޮންމެ ޕާޓީއަކަށް، ޕާޓީތަކަށް ދޫކުރާ ފައިސާގެ 25 ޕަސަންޓުން ފައިސާ ދިނުމަށެވެ. އަދި 25 ޕަސަންޓް 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ދިނުމަށް ވަނީ ހިމަނައިފައެވެ. އޭގެ އިތުރުން ދެން ހިމެނޭ 50 ޕަސަންޓު ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އިންތިހާބުތަކުގައި އެ ޕާޓީއަކަށް ވޯޓު ލިބޭ އަދަދަށް ބަލައިގެންނެވެ.

ހުރިހާ ޕާޓީތަކަށް ފައިސާ ދިނުމަށް އީސީން ހުށަހެޅި ނަމަވެސް، ބަޖެޓުން ޕާޓީތަކަށް ހާއްސަކުރާ ޕަސަންޓަށް ބަދަލެއް ގެނައުމަށް ނިންމައިފައެއް ނުވެއެވެ. މިހާރު ވެސް އޮންނަގޮތަށް ޕާޓީތަކަށް ހާއްސަވާނީ ދައުލަތުގެ ބަޖެޓުގެ 0.1 ޕަސަންޓެވެ.