ސްރީ ލަންކާގެ ގައުމީ ކްރިކެޓް ޓީމުގެ ކޯޗުކަން، އެގައުމުގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާއާ ދާއިމީކޮށް ހަވާލުކޮށްފިއެވެ.

ސްރީ ލަންކާ ކްރިކެޓް ބޯޑުން ނިންމާފައި ވަނީ ކުރިއަށް އޮތް އައިސީސީ ފިރިހެން ޓީ20 ވޯލްޑް ކަޕް 2026 ގެ ނިމެންދެން ޖަޔަސޫރިޔާ މަގާމުގައި ބެހެއްޓުމަށެވެ. ކުރިން އެގައުމުގެ ގައުމީ ޓީމުގެ ކެޕްޓަން ޖަޔަސޫރިޔާ ދާއިމީކޮށް ކޯޗުކަމާ ހަވާލުވެފައި ވަނީ ވަގުތީ ގޮތުން ހަތަރު މަސް ދުވަހު އެ މަގާމުގައި މަސައްކަތް ކުރުމަށްފަހުއެވެ.

ޖަޔަސޫރިޔާގެ ކުރިން ލަންކާ ކޯޗުކަމުގައި ހުރީ ކްރިސް ސިލްވާވުޑެވެ. ލަންކާ ކްރިކެޓް ބޯޑުން ސިލްވާވުޑް ވަކިކުރަން ނިންމާފައި ވަނީ ނިމިދިޔަ ޓީ20 ވޯލްޑް ކަޕްގައި ސްރީ ލަންކާގެ ނަތީޖާ ދަށްކަމުންނެވެ.

އުމުރުން 55 އަހަރުގެ ޖަޔަސޫރިޔާ ވަގުތީ ގޮތުން ކޯޗުކަމާ ހަވާލުވެ މިދިޔަ މަސް ތެރޭގައި ޓެސްޓް ސީރިސްއެއްގައި ދެ މެޗުން ނިއު ޒީލެންޑް ބަލިކޮށްފައިވެއެވެ. އޭގެ އިތުރުން އޭނާ ވަނީ ޓެސްޓް މެޗެއްގައި އިންގްލެންޑް ބަލިކުރަން ވެސް ސްރީ ލަންކާއަށް އެހީތެރިވެދީފައެވެ. އެއީ މިދިޔަ 10 އަހަރު ތެރޭގައި ލަންކާއިން ޓެސްޓް މެޗެއްގައި އިންގްލެންޑް ބަލިކުރި ފުރަަތަމަ ފަހަރެވެ.

ޖަޔަސޫރިޔާއަކީ ދުނިޔޭގެ ކްރިކެޓް ދުށް އެންމެ މޮޅު އެއް ބެޓްސްމަންއެވެ. އޭނާއަކީ ލަންކާއިން 1996 ވަނަ އަހަރު އައިސީސީ ކްރިކެޓް ވޯލްޑް ކަޕް ހޯދި ޓީމުގެ އެންމެ މުހިއްމު ދައުރެއް އަދާ ކުރި އެއް ކުޅުންތެރިޔާއެވެ. ލެފްޓް ހޭންޑް ބެޓްސަމް އަދި ސްޕިން އުކުންތެރިޔާ ޖަޔަސޫރިޔާ ވަނީ 586 މެޗުގައި ސްރީ ލަންކާ ތަމްސީލުކޮށްފައެވެ. އެގޮތުން ޖަޔަސޫރިޔާ ވަނީ ގައުމީ ޓީމަށް 42 ސެންޗަރީ ފުރިހަމަކޮށްފައެވެ. އޭގެ އިތުރުން 440 ވިކެޓްވެސް އޭނާ ނަގާފައިވެއެވެ. ޖަޔަސޫރިޔާ އެންމެ ފަހުން ލަންކާއަށް މެޗެއް ކުޅުނީ 2011 ވަނަ އަހަރުއެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ޖަޔަސޫރިޔާ އާއި އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އާއި އެންޓި-ކޮރަޕްޝަން ޔުނައިޓް (އޭސީޔޫ) ދެމެދު މައްސަލަ ގޯސްވެ، ޖަޔަސޫރިޔާއަށް ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް އައިސްފައިވެއެވެ. އެއީ ކޮރަޕްޝަން މައްސަލައަކަށް ޖަވާބުދާރީ ވާން ފޯނު ނުނެގުމުގެ ސަބަބުންނެވެ.