ކަޒަކިސްތާނުގެ އެސްޓާނާގައި ކުރިއަށްދާ 27 ވަނަ އައިޓީޓީއެފް އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2024 ގެ ޑަބަލްސް އިވެންޓްތަކުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާ އަދި އަބްދުﷲ ޝައްފާނާއި މޫސާ މުންސިފް އަހުމަދުގެ ޕެއާއިން ނޮކްއައުޓް ފުރަތަމަ ބުރުގައި ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް އަނެއް ބުރަށް ދަތުރުކޮށްފިއެވެ.
މިއަހަރުގެ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަށް ކުޅުންތެރިޔަކު ވާދަކުރަމުން ދެއެވެ. އެއީ ފިރިހެން ހަތަރެއް އަދި އަންހެން ހަތަރު ކުޅުންތެރިންނެވެ. ރާއްޖެއިން ވާދަކުރާ އަންހެން ޓީމުގައި ހިމެނެނީ ގައުމީ މުބާރާތް ދާދިފަހުން މިލްކު ކުރި ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ފާތިމަތި ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމްގެ އިތުރުން މިޝްކާ މުހައްމަދު އިބްރާހީމް އަދި ލައިސާ ފަތުހުﷲ އިސްމާއީލެވެ.
ފިރިހެން ޓީމުގައި ހިމެނެނީ ގައުމީ މުބާރާތް ހޯދި އަހްޔަރު އަހުމަދު ހާލިދާއި މޫސާ މުންސިފް އަހުމަދުގެ އިތުރުން މުހައްމަދު ޝައްފާން އިސްމާއީލް އަދި ޒީކް ހަސަން ލަތީފެވެ.
މުބާރާތުގެ ޓީމް އިވެންޓްތައް ނިމި، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓްގެ ގަދަ 64 ކުޅުންތެރިންގެ ބުރުގެ މެޗުތައް އިއްޔެ ވަނީ ފަށައިފައެވެ. ފިރިހެން ޑަބަލްސްގައި ރާއްޖޭގެ ޝައްފާނާއި މުންސިފް ވަނީ 3-2 ސެޓުން އިރާނުގެ ބެންޏަމިން ފަރާޖީ އާއި މުހައްމަދުޖަވާދު ސޮހްރާބީގެ ޕެއާ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ދެ ސެޓު، 12-14 އަދި 11-7 އިން އިރާނުގެ ޕެއާ ގެންދިޔަ ނަމަވެސް ފަހު ތިން ސެޓު ޝައްފާނާއި މުންސިފު ވަނީ 11-9، 11-7 އަދި 11-7 އިން ގެންގޮސްފައެވެ.
ފިރިހެން ޑަބަލްސްގެ ގަދަ 64 ގައި އަހުޔަރާއި ޒީކްގެ ޕެއާއިން އިރާނުގެ ނޮޝާދު އަލަމިޔަން އަދި މުހައްމަދު މައުސާވީ ތަހޭރާ ވާދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ އިރާނުގެ ޕެއާއިންނެވެ.
އަންހެން ޑަބަލްސް އިވެންޓްގެ ގަދަ 64 ކުޅުންތެރިންގެ ބުރުގައި ރާއްޖޭގެ ދީމާއާއި ރަފާ ވާދަކުރި މެޗުގައި މޮންގޯލިއާގެ ބަލްޖިންޏަމް އަދި އެގްޝިޖިއަން ބަޓް-އެރްދޭންގެ ޕެއާ ބަލިކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު، ރާއްޖޭގެ ދީމާ އާއި ރަފާ 11-7 އަދި 11-9 އިން ގެންގޮސްފައިވާ އިރު، ތިންވަނަ ސެޓު މޮންގޯލިއާ ޕެއާއިން ގެންދިޔައީ 11-9 އިންނެވެ. އެހެންނަމަވެސް ދީމާއާއި ރަފާގެ ޕެއާ ވަނީ 11-7 އިން ފަހު ސެޓު ގެންގޮސްފައެވެ.
އަންހެން ޑަބަލްސްގައި ވާދަކުރާ ރާއްޖޭގެ އަނެއް ޕެއާ، މިޝްކާ އިބްރާހިމާއި ލައިސާ ފަތުހުﷲ އަށް ވަނީ ޑްރޯ ނެގިއިރު ވެސް ގަދަ 32 ޕެއާގެ ބުރުން ފުރުސަތު ލިބިފައެވެ.
މިކްސް ޑަބަލްސް އިވެންޓްގައި ރާއްޖޭގެ ޕެއާތަކަށް ގަދަ 64 ޕެއާގެ ބުރުން ކުރިއަށް ދެވިފައެއް ނުވެއެވެ. އަހްޔަރާއި ދީމާއިން ޕެއާއިން 3-1 ސެޓުން މެލޭޝޮއާގެ ޑެނީ ވޭން ސިންނާއި ޔިންގް ލީ އަތުން ބަލިވި އިރު، މުންސިފާއި ރަފާގެ ޕެއާ ތައިލެންޑްގެ ނަޕަޓް ތަންމަތިކޮމް އަދި ސުތަސިނީ ސަވެތާބުޓް އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ.
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް