ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށްބުނެ އިންޒާރުދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދިނީ، އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި އޮފީހުގައި މިދިޔަ މަހުގެ 26 ގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ދެއްކެވި ވާހަކަފުޅެއްގެ ފޭސްބުކް ލައިވްއެއްގެ ތެރެއިން ކުރި ކޮމެންޓެއްގައެވެ. އެ ކޮމެންޓް ކުރީ "އަބްލޯ މިޔާދް ޔޫސުފް"ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުންނެވެ.
އެ މައްސަލައިގައި ފުލުހުން ރޭގެ ވަގުތެއްގައި ވަނީ ގ. ސަންސަންގެއާގެ، އަބްދުﷲ މިޔާދު (40އ) ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ ރާއްޖެއިން ބޭރުން އައިތަނާ އެއާޕޯޓުންނެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ އޭނާ ބޭނުންކުރާ ކަމަށް ބެލެވޭ ފޭސްބުކް އެކައުންޓުތަކުން ރައީސް މުއިއްޒާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރާލާނެ ކަމަށްބުނެ އިންޒާރު ދީފައިވާތީ ކަމަށެވެ.
އޭގެ އިތުރުން އެހެން ފަރާތްތަކަށް ނިސްބަތްކޮށް މަރާލާނެ ކަމާއި އަދި އެނޫން ގޮތްގޮތުން ގެއްލުންދޭނެ ކަމަށްބުނެ އިންޒާރުދީ، ހަޑިހުތުރު ބަހުން އެކި ޕޯސްޓުކުރަމުން ގެންދިއުމާއެކު އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ޕޯސްޓުތައް ކުރަމުންދާ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު