ރާއްޖޭގެ މުސްތަގުބަލަށް ބޭނުންވާ ދެމެހެއްޓެނިވި އަދި ޑިޖިޓަލް ހައްލުތައް ހޯދުމުގައި ރާއްޖެއާއި އިންޑިއާއިން އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބެންގަލޫރުގައި މިއަދު ބޭއްވި އިންޑިއާ-ރާއްޖެ ބިޒްނަސް ފޯރަމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ "ރުޕޭ" ކާޑު ރާއްޖޭގައި ބޭނުންކުރަން ފެށުން ފަދަ ޑިޖިޓަލް މާލީ ހިދުމަތްތައް ތަޢާރަފުކުރުމުގެ މައްޗަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި މަސައްކަތްތަކާއި، މަލްޓިލެޓަރަލިޒަމްގެ އުސޫލުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.

"ރާއްޖޭގެ މުސްތަގުބަލަށް ބޭނުންވާ ދެމެހެއްޓެނިވި އަދި ޑިޖިޓަލް ހައްލުތައް ހޯދުމުގައި ރާއްޖެއާއި އިންޑިއާއިން އެކުގައި މަސައްކަތްކުރުން މުހިންމު. މޯލްޑިވްސް ކްރިއޭޓިވް އިކޮނޯމިކް ސްޓްރެޓަޖީ އިފްތިތާހުކޮށްގެން، ޑިޖިޓަލް އިގުތިސާދު ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ އަމާޒަކީ ފަންނިއްޔާތުން ބާރުދޭ ދާއިރާތަކާއި ފަންނާއި މީޑިއާ ދިރުވައި އާލާކުރުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓެކް ކުންފުނިތަކާއި، ތައުލީމީ މުވައްސަސާތަކާއެކު ގުޅުން ބަދަހިކުރުމަކީ، އައިސީޓީ ދާއިރާގައި ބެންގަލޫރަށް ލިބިފައިވާ ފަންނީ މުއްސަނދިކަމުން ރާއްޖެއަށް ފައިދާކުރަނިވި ކަމެއް ކަމަށާއި އެއީ ފަންނިއްޔާތު ވިލުންތެރިކުރެވިދާނެ ގޮތްތަކެއް ކަމަށެވެ.

އޭގެ އިތުރުން، އެ މަނިކުފާނު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ކާމިޔާބީ ކަށަވަރުކޮށްދެއްވީތީ އިންޑިއާގެ ސަރުކާރާއި އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމާއަތަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.