ރާއްޖޭގައި މި އަހަރު ބާއްވަން ނިންމާފައިވާ 15 ވަނަ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް، ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އިއްޔެ ރަސްމީކޮށް އިއުލާނުކޮށްދެއްވައިފިއެވެ.

މިނިސްޓަރު ރާފިއު އިއްޔެ މުބާރާތް އިއުލާނުކޮށްދެއްވީ އެކަމަށްޓަކައި ގަލޮޅު ދަނޑުގެ ވީއައިޕީގައި އިއްޔެ ބޭއްވި ހާއްސަ އިވެންޓެއްގައެވެ. އެ އިވެންޓްގައި ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) ގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ) ގެ އިތުރުން އެސޯސިއޭޝަންގެ އިސް ފަރާތްތަކާއި މިނިސްޓްރީގެ އިސްވެރިން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބައިވެރިވެވަޑައިގެންފައިވެއެވެ.

އިއްޔެގެ އިވެންޓްގައި ވާހަކަ ދައްކަވަމުން ބީބީއެމްގެ ރައީސް އިއްބެ ވިދާޅުވީ ބޮޑީބިލްޑިން ދުނިޔޭގެ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރުމަކީ ލިބޭ ފަހުރެއް ކަމަށާއި އިވެންޓް ވެގެންދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓަށް ކަމަށެވެ. އަދި މިހާތަނަށް މިނިސްޓްރީގެ ފަރާތުން މުބާރާތް ހޯސްޓް ކުރުމަށް ލިބެމުންދާ އެއްބާރުލުންވެސް އިއްބެ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ރާފިއު ވަނީ ރާއްޖޭގައި ބައިނަލްއަގުވާމީ އެންމެ މަތީ ފަންތީގެ މުބާރާތެއް ބޭއްވިގެންދާ ކަމަށްޓަކައި އެކަމަށް މަސައްކަތް ކުރެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ސަރުކާރުގެ ސިޔާސަތުގެ ދަށުން ބައިނަލްއަގުވާމީ މުބާރާތްތައް ގިނައިން ބޭއްވުމަކީ މުހިއްމު ކަމެއް ކަމުގައި އަބަދުވެސް ދެކިލައްވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަން (ޑަބްލިއުބީޕީއެފް) އިން އިންތިޒާމުކޮށް، ބީބީއޭއެމްއިން ހޯސްޓްކުރާ 15 ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވަން ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ފަހަކުން 11 އަށެވެ. އެ އިވެންޓްގެ ތެރެއިން ހަވާސާގައި ޑަބްލިއުބީޕީއެފްގެ އިންތިހާބީ ކޮންގްރެސް ވެސް ބާއްވަން ވަނީ ނިންމައިފައެވެ. އެ ދެ އިވެންޓްވެސް ކުރިއަށްދާނީ އައްޑޫ ކެނަރީފް ރިސޯޓުގައެވެ.

ރާއްޖޭގައި ބީބީއޭއެމް އިން އިންތިޒާމު ކޮށްގެން ބާއްވާ އިވެންޓް ވެގެންދާނީ ކުޅިވަރުގެ ހާއްސަ އިވެންޓަކަށެވެ. އެއީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރެވިގެންދާތީއެވެ. މީގެ ކުރިންވެސް ރާއްޖޭގައި 2022 ވަނަ އަހަރު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތާއި 2023 އަދި މި އަހަރުގެ ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތްވެސް ހޯސްޓް ކޮށްފައިވެއެވެ. އެ އިވެންޓުތައް ވެގެން ގޮސްފައިވަނީ އިންތިޒާމުތައް ފުރިހަމަ އިވެންޓްތަކަކަށެވެ.

މިފަހަރު ރާއްޖޭގައި ބާއްވާ ދުނިޔޭގެ މުބާރާތުގައި ވެސް 55 ގައުމަކުން އެތުލީޓުން ބައިވެރިވާ އިރު، މުބާރާތުގެ އޮފިޝަލުންނާ އެކު ޖުމުލަ 500 އެއްހާ މީހުން ރާއްޖެ އަންނާނެ ކަމަށް ބީބީއެމްއިން ވަނީ ބުނެފައެވެ.

ބޮޑީބިލްޑިންނަކީ ރާއްޖޭގައި މިހާރުވެސް މަގުބޫލުކަން ބޮޑުވެފައިވާ ކުޅިވަރެކެވެ. ބޮޑީބިލްޑިންއިން ދުނިޔޭގެ ފެންވަރުގެ އިތުރުން އޭޝިއާ ފެންވަރުގެ ރަން ވަނަތައްވެސް ރާއްޖެއިން މިހާރު ހޯދާފައިވެއެވެ.