އައްޑޫ ސިޓީގެ ކެނަރީފްގައި މިހާރު ކުރިއަށްދާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2024ގެ ސްޕޯޓްސް ފިޒީކްގެ 170 ސެންޓިމީޓަރު ކެޓަގަރީން މިފަހަރު ވެސް ރާއްޖޭގެ އަޒްނީން ރަޝާދު ރަން މެޑަލް ހޯދައިފިއެވެ.

އަޒްނީން އޭނާއަށް ހާއްސަ ފިޒީކްގެ 170 ސެންޓިމީޓަރު ކެޓަގަރީން މިހާތަނަށް ދެކުނު އޭޝިއާ އާއި އޭޝިއާ އަދި ދުނިޔޭގެ މުބާރާތުގައި ވެސް ޖެހިޖެހިގެން ތިން ފަހަރު ރަން މެޑަލް ހޯދައިފައިވާ އިރު، މިފަހަރުގެ ބޮޑީބިލްޑިންގެ ހާއްސަ ކެޓަގަރީއެއްގެ ގޮތުގައި ކުރިއަށްދާ 55 ކިލޯގެ އިވެންޓުގައި ވާދަކޮށް، ގައުމީ ބޮޑީބިލްޑިން ޓީމުގެ ޝާހީން އިބްރާހިމް ދީދީވެސް ރަން މެޑަލް ހޯދިއެވެ.

އޭގެ އިތުރުން ބޮޑީބިލްޑިންގެ ސުޕަ ކެޓަގަރީގައި ހިމެނޭ 75 ކިލޯގެ ބައިގައި ވާދަކުރި، ރާއްޖޭގެ ޖޫނިއާ އޯޕަން ޗެމްޕިއަން ކަމަށްވާ ޔޫސުފް އަޔާން ރިޒްވީވެސް ވަނީ ރިހި މެޑަލް ހޯދައިފައެވެ.

މިފަހަރު އައްޑޫގައި ކުރިއަށްދާ ބޮޑީބިލްޑިން މުބާރާތަށް އެކި ގޮތްގޮތުން ވަނީ ފާޑު ކިޔުންތަކާ ކުރިމަތިވެފައެވެ. އެއީ ބޮޑީބިލްޑިންއަކީ ހަށިގަނޑު ވަރަށް ބޮޑަށް ފެންނަ ގޮތަށް ކުރިއަށްދާ ކުޅިވަރަކަށްވެފައި، ރައީސް މިދިޔަ މަހުގެ 31 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ސަބަބުންނެވެ.

ނިވާކަން ކުޑަ ހެދުން އަޅައިގެން ރާއްޖެ ތަމްސީލުކުރުމާ ގުޅޭގޮތުން ރައީސް އެފަދަ ޓްވީޓެއް ކުރައްވާފައިވާ އިރު، ބޮޑީބިލްޑިން ދުނިޔޭގެ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ބުނެ ފާޑު ކިޔުމުން، އެސޯސިއޭޝަނުން ރޭ ވަނީ ބަޔާން ނެރެ، ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއީޒުގެ ކިބައިންނާއި ރައްޔިތުންގެ ކިބައިން މައާފަށްވެސް އެދިފައެވެ.

އެގޮތަށް އެކަން ކުރަން ޖެހިފައިވާ ހާލަތާއެކު އަޒްނީން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އޭނާގެ "ލޯބިވާ ސްޕޯޓަރުންނަށް،" ބުނީ ގައުމަށް ރަން މެޑަލް ހޯދައިދީފައިވާ، އަދި ރާއްޖެއަށް އަބަދުވެސް ރީތިނަން ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ އެތުލީޓެއްގެ ހައިސިއްޔަތުން ބައިނަލްއަގުވާމީ ގޮތުން ބޮޑީބިލްޑިންގައި ވާދަކުރުމަށް އެސޯސިއޭޝަނުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި އެ މުބާރާތްތަކުގައި އިންޑިވިޖުއަލީ ބައިވެރިވެވެން ނެތުމާއެކު މިފަހަރު އެސޯސިއޭޝަނުން ބޭއްވި ދުނިޔޭގެ މުބާރާތުގެ މަގުސަދު އޮޅޭ ގޮތަށް، ސިޔާސީ ބޭނުމުގައި އެސޯސިއޭޝަނުގެ އަގަށް ކިލަނބުކަން ލިބޭ ގޮތަށް އެފަދަ ވާހަކަތައް ނުފެތުރުމަށް އޭނާ އެދިފައިވެއެވެ.