ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން އިންތިޒާމުކޮށްގެން، 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2024 އަށް އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާތީވެ، އެކަމަށްޓަކައި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށް އެސޯސިއޭޝަނުން ބުނެފިއެވެ.
ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަން (ޑަބްލިއުބީޕީއެފް) އިން އިންތިޒާމުކޮށް، ބީބީއޭއެމްއިން ހޯސްޓްކުރި 15 ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ އައްޑޫގެ ކެނަރީފް ރިސޯޓުގައެވެ. އެއީ މިމަހު 5 އިން 11 އަށެވެ. އެ އިވެންޓުގެ ތެރެއިން ހަވާސާގައި ޑަބްލިއުބީޕީއެފްގެ އިންތިހާބީ ކޮންގްރެސް ވެސް ބާއްވާފައިވެއެވެ.
މީގެ ކުރިންވެސް ރާއްޖޭގައި 2022 ވަނަ އަހަރު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތާއި 2023 އަދި މި އަހަރުގެ ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތްވެސް ހޯސްޓް ކޮށްފައިވެއެވެ.
މިފަހަރު ރާއްޖޭގައި ބޭއްވި ދުނިޔޭގެ މުބާރާތުގައި 55 ގައުމަކުން އެތުލީޓުން ބައިވެރިވާ އިރު، މުބާރާތުގެ އޮފިޝަލުންނާ އެކު ޖުމުލަ 500 އެއްހާ މީހުން ރާއްޖެ އައިސްފައިވެއެވެ.
އެ މުބާރާތުގެ އެކިއެކި މަންޒަރުތަކަށް ރާއްޖޭގެ ބައެއް ފަރާތްތަކުން ފާޑު ކިޔައިފައިވާ އިރު، އެކަމަށް ފާޑު ކިޔާފައިވަނީ ބޮޑީބިލްޑިންއަކީ ހަށިގަނޑު ވަރަށް ބޮޑަށް ފެންނަ ގޮތަށް ކުރިއަށްދާ ކުޅިވަރަކަށްވެފައި، ރައީސް މިދިޔަ މަހުގެ 31 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ސަބަބުންނެވެ.
ރައީސް އެކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައިވަނިކޮށްވެސް ބީބީއޭއެމްއިން ހޯސްޓްކުރި 15 ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ކުރިއަށް ގެންގޮސްފައިވާ އިރު، އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މުބާރާތް ހޯސްޓް ކުރަން ނިންމީ ދިވެހިރާއްޖޭގެ ޕްރޮފައިލް ބައިނަލްއަގުވާމީ ކުޅިވަރުގެ ދުނިޔޭގައި ވަރުގަދަ ކުރުމަށާއި، އެކަމުގެ ސަބަބުން ދިވެހި ރާއްޖޭގެ އިގުތިސާތަށާއި، ޓޫރިޒަމަށް ލިބޭނެ ކުރިއެރުމަށް ވިސްނާފައި ކަމަށެވެ.
އަދި މިއަހަރު ބޭއްވި މުބާރާތަކީ ވަރަށް ދުރާލައި މަސައްކަތްކޮށް، އެހެން ގައުމުތަކާއި ވާދަކޮށް، ރާއްޖޭގައި ހޯސްޓް ކުރަން ހޯދި ފުރުސަތެއް ކަމަށާއި، މުބާރާތް ބާއްވަން އެއްބަސްވުން ހެދުމަށްފަހު ކެންސަލް ނުކުރީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށާއި ޖުމުލަ ގޮތެއްގައި ރާއްޖެއަށް މާލީ ގޮތުން އެކަމުން ލިބިދާނެ ގެއްލުމަކަށް ވިސްނާފައި ކަމަށެވެ.
އޭގެ އިތުރުން އެސޯސިއޭޝަނުގެ ބަޔާނުގައި ބުނީ މުބާރާތް ބޭއްވުނީ އާންމުން ދިރިނޫޅޭ ބައިނަލްއަގުވާމީ ޓޫރިސްޓުން އައިސް އެބައިމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ އެއްގޮތަށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ހިންގުމަށް ހުއްދަ ލިބިފައިވާ ކެނަރީފް ރިސޯޓުގައި ކަމަށެވެ.
އެސޯސިއޭޝަނުން އިތުރަށް ބުނީ ރައީސް އަދި މިިިނިސްޓްރީގެ ތަސައްވަރާ އެއްގޮތަށް މުބާރާތް ކުރިއަށް ގެންދަން މަސައްކަތް ކޮށްފައިވަނިކޮށް، އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އަމާޒުވި ފާޑު ކިޔުންތަކާއެކު، ރައީސް އަދި ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެހެން ކަންކަން ބައްޓަން ކުރަން މުސްތަގުބަލުގައި ވިސްނާނެ ކަމަށްވެސް އެސޯސިއޭޝަނުން ބުންޏެވެ.
ރައީސްގެ 'އެކްސް' ޕޯސްޓުގައި ވިދާޅުވެފައިވަނީ ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ ކަމަކުން ލިބޭނެ ހަގީގީ ރީތި ނަމެއް ނޯންނާނެ ކަމަށެވެ. ރައީސް އެހެން 'އެކްސް'ގައި ވިދާޅުވެފައިވަނީ، މެކްސިކޯގައި މިއަހަރު ބާއްވާ "މިސް ޔުނިވާސް" ރީތީގެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރަން ދިވެއްސަކު ބައިވެރިވާތީ، އެކަމާ ދެކޮޅަށް ޔޫތު މިނިސްޓްރީން ބަޔާނެއް ނެރުމުން ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ. މިއީ ދިވެއްސަކު "މިސް ޔުނިވާސް"ގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.
ސޯޝަލް މީޑިއާގައި އަމާޒުކޮށްފައިވާ ފާޑުކިޔުންތަކުގައި، އަންހެނަކު އެފަދަ މުބާރާތެއްގައި ބައިވެރިވުމުން ސަރުކާރުން އެކަން ބަލައިނުގަންނަ ނަމަ، ބޮޑީބިލްޑިން މުބާރާތުގައި ފިރިހެނުން ބައިވެރިވުން ވެސް ރަނގަޅު ވެގެން ނުވާނެ ކަމަށް ބައެއް މީހުން ވަނީ ގޮވާލައިފައެވެ.
އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވެފައިވަނީ، "ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތްﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ގައުމަށް ލިބޭނެ ހަގީގީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް!،" ކަމަށެވެ.
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)