ރާއްޖޭގައި މި އަހަރު ބާއްވަން ނިންމާފައިވާ 15 ވަނަ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް ކެނެރީފް ރިސޯޓުގައި ހޯސްޓްކުރަން ނިންމައިފިއެވެ.
ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަން (ޑަބްލިއުބީޕީއެފް) އިން އިންތިޒާމުކޮށް، ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ހޯސްޓްކުރާ 15 ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވަން ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ފަހަކުން 11 އަށެވެ. އެ އިވެންޓްގެ ތެރެއިން ހަވާސާގައި ޑަބްލިއުބީޕީއެފްގެ އިންތިހާބީ ކޮންގްރެސް ވެސް ބާއްވަން ވަނީ ނިންމައިފައެވެ.
ރާއްޖޭގައި ބީބީއޭއެމް އިން އިންތިޒާމު ކޮށްގެން ބާއްވާ އިވެންޓް ވެގެންދާނީ ކުޅިވަރުގެ ހާއްސަ އިވެންޓަކަށެވެ. އެއީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރެވިގެންދާތީއެވެ. މީގެ ކުރިންވެސް ރާއްޖޭގައި 2022 ވަނަ އަހަރު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތާއި 2023 އަދި މި އަހަރުގެ ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތްވެސް ހޯސްޓް ކޮށްފައިވެއެވެ. އެ އިވެންޓުތައް ވެގެން ގޮސްފައިވަނީ އިންތިޒާމުތައް ފުރިހަމަ އިވެންޓްތަކަކަށެވެ.
ރާއްޖޭގައި އިވެންޓް ހޯސްޓް ކުރުމާ ގުޅޭ ގޮތުން ޑަބްލިއުބީޕީއެފްގެ ރައީސް ޑަޓުކް ޕައުލް ޗޫއާ ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ހޯސްޓް ކުރި މުބާރާތްތައްވެސް ފުރިހަމަ ކަމަށާއި ރާއްޖެއަކީ މިހާރު ބޮޑީބިލްޑިން އިވެންޓްތައް ހޯސްޓް ކުރުމަށް ޕްރިމިއާ ޑެސްޓިނޭޝަންއެއް ކަމަށެވެ. އަދި ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ އެތުލީޓުން އައުމާއެކު އެއީ ފަތުރުވެރިކަމަށް ހުޅުވިގެންދާ ދޮރެއް ކަމަށާއި އިވެންޓް ބީބީއޭއެމް އިން ފުރިހަމައަށް އިންތިޒާމު ކުރާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް ވިދާޅުވިއެވެ.
ބީބީއޭއެމްގެ ރައީސް އިބްރާހީމް ހަމީދު ވިދާޅުވީ ދިވެހި ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެވެސް އެއްބާރުލުމާއި އެހީފުޅާއެކު ކުރިއަށް ގެންދާ އިވެންޓްގެ ތައްޔާރީތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި ރާއްޖެއަށް ހުރިހާ އެތުލީޓުންނަށްވެސް މަރުހަބާ ކިޔާ ކަމަށެވެ.
ބޮޑީބިލްޑިންނަކީ ރާއްޖޭގައި މިހާރުވެސް މަގުބޫލުކަން ބޮޑުވެފައިވާ ކުޅިވަރެކެވެ. ބޮޑީބޯޑިންއިން ދުނިޔޭގެ ފެންވަރުގެ އިތުރުން އޭޝިއާ ފެންވަރުގެ ރަން ވަނަތައްވެސް ރާއްޖެއިން މިހާރު ހޯދާފައިވެއެވެ.
ބޮޑީބިލްޑިންގ
ބޮޑީބިލްޑިންގ
ބޮޑީބިލްޑިންގ
ބޮޑީބިލްޑިންގ