ރިޔާސީ އިންތިހާބުގެ ތެރޭގައި ޕީޕީއެމް-ޕީއެންސީން ދެއްކި ވާހަކަތަކަކީ ބިރުވެރިކަން ފިޔަވައި އެހެން އެއްޗެއް ނޫންކަން މިހާރު ސާބިތުވަމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅާ ގުޅުވައިގެން ފައްޔާޒް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުން އިންޑިއާއާއެކު އޮތް އެއްބާރުލުމަކީ މަސްލަހަތުތައް ހިމާޔަތްކުރުމަށް ވަރަށް މުހިންމުކަމެއް ކަމުގެ ހެއްކެއް ކަމަށެވެ.

"އިންތިހާބުގެ ތެރޭގައި ޕީޕީއެމް-ޕީއެންސީން ދެއްކި ވާހަކަތަކަކީ ބިރުވެރިކަން ފިޔަވައި އެހެން އެއްޗެއް ނޫންކަން ހާމަވެގެންދޭ. ހައިޑްރޮގްރަފީ އެގްރީމަންޓާއި ޔޫޓީއެފް އާއި އައްޑޫ އިންފްރާސްޓްރަކްޗާ މަސައްކަތްތަކާއި، އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރުމުގެ މަސައްކަތް މި ސަރުކާރުގެ ވެރިން ކުރިން ސިފަކުރީ އިސްތިއުމާރީ ޕްލޭނެއްގެ ގޮތުގައި، އިންޑިއާއާ ގުޅުން ބަދަހިކުރުމަކީ ރާއްޖެއަށް ނުރައްކަލެއް ކަމަށް ސިފަކުރަމުންދިޔައީ،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އެންމެ ގާތް އެކުވެރިޔާ، އިންޑިއާ ބީރައްޓެހިކުރުމަކީ ރައީސް މުއިއްޒު ހެއްދެވި ވަރަށް ބޮޑު އިގުތިސާދީ އަދި ސިޔާސީ ގޯހެއް ކަމަށާއި އެއީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދުވަސްވަރެއްގައި މާލީ ދަތިތަކުން އަރައިގަތުމަށް ހެއްދެވި ގޯހެއް ކަމަށެވެ.

"މި ހަގީގަތް ދެކޭނެ ދުރުވިސްނެވުން ނެތި، ފަރުވާކުޑަ އުކުޅުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ގައުމުގެ އަބުރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، އާދައިގެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުނު. މި ސަރުކާރުގެ ލީޑަރުން ވެރިކަމަށް އަންނަން ކުރި މަސައްކަތުގައި ދެއްކި ފާޅުކަން ބޮޑު ދޮގުތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ޒިންމާ އުފުލަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

އިންޑިއާއަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރައްވައިފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ވެސް ކުރިއަށްގެންދިޔައެވެ. އޭގެ އިތުރުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހިމެނޭހެން އިންޑިއާއާ އެކު މިއަދު ވަނީ ފަސް އެއްބަސްވުމެއް އެކުލަވާލައިފައެވެ.