އެ މަނިކުފާނުގެ ސަރުކާރުން ކަނޑައަޅާފައިވާ އިގުތިސާދީ އިސްލާހީ އެޖެންޑާގައި ހިމެނޭ ޑިޖިޓަލް އިކޮނޮމީ ފަދަ ދާއިރާތަކަށް އިންވެސްޓް ކުރުމަށް އިންޑިއާގެ އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.

ރައީސް އެ ދައުވަތު ދެއްވީ އެ މަނިކުފާނު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ވެރިރަށް ނިއުދިއްލީގައި ބޭއްވި 'އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމް' ގައި މިއަދު ތަގުރީރު ކުރައްވަމުންނެވެ.

އެ ފޯރަމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އިގުތިސާދީ އެޖެންޑާ އެކުލަވާލާފައިވާނީ ފަތުރުވެރިކަމުގެ އިތުރުން މާލީ ހިދުމަތްތަކާއި މެރިޓައިމް ސިނާއަތާއި ޑިޖިޓަލް އިގުތިސާދު ފަދަ ދާޢިރާތައް ހިމެނޭ ގޮތަށް އިގުތިސާދު ޑައިވާސިފައި ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ހުޅުވާލެވިފައިވާ އިގުތިސާދީ ފުރުސަތުތައް ބަލައި، ގުޅިގެން މަސައްކަތް ކުރުމަށް އަޅުގަނޑު ދައުވަތު ދެން،" ރައީސް ވިދާޅުވިއެވެ.

ރައީސް އޮފީހުން ބުނީ، ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރަން ފެށުމުން އިންޑިއާ އާއި ރާއްޖެއާ ދެމެދު މާލީ މުއާމަލާތްތައް ކުރުން އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އަދި 2030 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 ޕަސެންޓް ހިއްސާކުރާނީ ޑިޖިޓަލް އިގުތިސާދުންކަމުގައި ހެދުމަށްޓަކައި ޑިޖިޓަލް ދާއިރާ ކުރިއަރައިދިއުން މުހިންމު ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ، 2028 ވަނަ އަހަރު އަންނައިރު ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ހަކަތައަށް ހެދުމަށް ރާއްޖެއިން ސާބިތުކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި ކަމަށެވެ.